English Edition
Dhivehi Edition

ވެންޓިލޭޓަރު މައްސަލާގައި އިސްތިއުފާ ދޭން ތައްޔާރަށް ހުންނެވިކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީން މިހެން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން, ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި ދައުވާ ނުކުރަން ނިންމުމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޝަމީމް ވިދާޅުވީ ރައީސް ނަޝީދުއަކީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅެއްކަމަށާއި އަދި ރާއްޖޭގެ މަސްލަހަތު އިސްކޮށް ރައްކާތެރިކޮށްދެއްވާނެ ބޭފުޅެއްކަމަށެވެ. އިތުރަށް ޝަމީމް ވިދާޅުވީ ރައީސް ނަޝީދު އަކީ ވަރަށް އިހްތިރާމްކުރައްވާ ބޭފުޅެއްކަމަށާއި އެހެންކަމުން މިކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ކުރެއްވި މެސެޖް ޝަމީމްއަށްވެސް ފޮނުއްވިކަމަށް ވިދާޅުވެ، އޭނާ ވަނީ އިސްތިއުފާ އާ ބެހޭ ގޮތުން ކަނޑައަޅާފައި އޮންނަ އުސޫލުގެ ދަށުން ކަން ކުރާނެކަމަން ހާމަކުރައްވާފައެވެ.

ޕީޖީ ޝަމީމްގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ފެނޭ: ރައީސް ނަޝީދު

ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް އެންމެ ފުރަތަމަ ގެންނަން އުޅުނު ވެންޓިލޭޓަރުތައް ގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އޭސީސީން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ވަނީ އެކަމުގައި ދައުވާކުރެވޭ ވަރުގެ ހެއްކެތް ނެތްކަމަށް ނިންމާފައެވެ.