English Edition
Dhivehi Edition
އެމް.ޖޭ.އެސްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން

ފުވައްމުލަކު ސިޓީގެ ސްކޫލެއް ކަމަށްވާ، މުޙައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެމް) ގެ މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބޭއްވުމަށް އެންމެ 3 ގަޑި އިރަށް ވެފައި ވަނިކޮށް ޖަލްސާ ކެންސަލްކޮށްފިއެވެ.

ރޭ 8:30 ގައި ބާއްވަން ހަމަޖެހިފައި އޮތް ޖަލްސާގެ ހުރިހާ ތައްޔާރީތަކެއް ނިމުނު ފަހުން ހަވީރު 4:30 ގައި ޖަލްސާ ކެންސަލް ކުރުމާއި ގުޅިގެން ސްކޫލްގެ ބެލެނިވެރިން ދަނީ ހިތްހަމަނުޖެހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުން ނެވެ.

ބެސްޓްއޯލްރައުންޑްގެ މަގާމަށް ހޮވުނު ކަމަށް ސްކޫލުން އެންގި ދަރިވަރު އާއިލާ އާއި އެކު މިހާރު މާލޭގައި ދިރިއުޅެމުން އަންނައިރު ،ސްކޫލުން އެ މަގާމު އެ ދަރިވަރަށް ލިބޭކަމަށް އަންގައި ކުރަން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވުމާއި ގުޅިގެން ދަރިވަރާއި ދަރިވަރުގެ އާއިލާ އެއްކޮށް ވަނީ މި މަހުގެ 17 ވަނަ ދުވަހު ފުވައްމުލަކަށް ގޮސްފައެވެ.

އިނާމު ދިނުމުގެ ޖަލްސާ ކެންސަލް ކޮށްފައިވަނީ ހުރިހާ އިނާމަކާއި ލިޔުމެއް ތައްޔާރުކޮށް ހެދިކާ ހަދައި، ދަޢުވަތު ދެވުނު ފަރާތްތައް ޖަލްސާއަށް ދިއުމަށްޓަކައި ތައްޔާރުވަމުން ދިޔަ ވަގުތުގައެވެ. ގިނަ ބެލެނިވެރިން ގަބޫލު ކުރާގޮތުގައި އެ މިންވަރަށް ގޮސްފައި އޮތްކަމެއް ކުއްލިޔަކަށް ކެންސަލް ކުރެވުނީ ކޮންމެ ވެސް ފަރާތެއްގެ “ނުފޫޒުން” ނެވެ.
“މަގާމެއް ނުލިބުމުން އަޅުގަނޑުމެންގެ މައްސަލައެއް ނެތް. މައްސަލައަކީ ކުށެއްނެތް ކިޔަވާ ކުއްޖެއްގެ އިހުސާސްތަކާ މާބޮޑަށް ކުޅުނީތީ. ޖަނަވަރީ މަހުގެ ފަހުކޮޅު ދަރިފުޅަށް ބެސްޓް އޯލް ރައުންޑްގެ މަގާމް ލިބޭކަމަށް އަންގައި އެކަމަށް ތައްޔާރުވުމަށް ސްކޫލުން އެންގި. އެހިސާބުން އަޅުގަނޑުމެން އިންޓަވިއުތައް ހަދައި، ސްޕީޗް ލިޔެ ފަރިތަކޮށް، އަދިވެސް މިކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ ދަތުރު ހަދައިގެން މި އައީ ދަރިފުޅަށް ބެސްޓްއޯލްރައުންޑް ލިބޭ ޖަލްސާއަށް. ޖަލްސާގެ ކުރިން ރިހާސަލްތައް ބާއްވައި އަދި ޖަލްސާ ބޭއްވޭ ދުވަހުވެސް ދަރިފުޅު ސްކޫލަށް ގެންގޮސް ސްޕީޗް އަޑުއަހައި ތައްރީފްކޮށް ހުރިހާކަމެއް ވަނީ ހަމަޖެހި ނިމިފައި. އެކަމަކު ޖަލްސާ ފެށެން 3 ގަޑިއިރަށް ވީފަހުން ޕޮއިންޓް ދެވުނު ގޮތުގެ މިސްޓޭކެއް ފެނިއްޖެ . މިއީ ޖޯކެއް ނުވަތަ ސަމާސާއެއް ނޫން. މިއީ 2025 ވަނަ އަހަރުގެ އެމް.ޖޭ.އެސް ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގެ ވާހަކަ” ނޮމިނޭޓް ވި ދަރިވަރުގެ ބައްޕަ ސޯޝަލްމީޑިއާގައި ލިޔެފައިވެއެވެ.
ސްކޫލުން ނޮމިނޭޓް ކޮށް އެންމެމޮޅު ކުއްޖާގެ މަގާމަށް ހޮވޭކަމަށް އަންގައި ހުރިހާ ތައްޔާރީތަކެއް ވި ދަރިވަރަކީ ސާނަވީ މަރުހަލާ ނިމެން ދެން އެ ސްކޫލުގައި ތައުލީމު ހާސިލު ކުރި ، ކިޔެވުމާއި، އިތުރު ހަރަަކާތްތަކާއި އަދި ސްކޫލްގައި ކުރިއަށް ގެންދިޔަ ކޮންމެ ކަމެއްގައި ފާހަގަ ކޮށްލެވޭ މޮޅު ދަރިވަރެކެވެ. މިހާރު ހުޅުމާލޭ ސީއެޗްއެސްސީގައި ކިޔަވަމުން އަންނަ މިދަރިވަރު އޯލެވެލް ނަތީޖާގައި ވެސް ވަނީ ގައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ.
“ސްކޫލުގެ އިސްވެރިއަކު ދަރިފުޅަށް ބެސްޓްއޯލްރައުންޑް ގެ މަގާމު ލިބޭ ވާހަކަ ގުޅާފައި އެންގުމުން ވަރަށް އުފާވި. ދަރިފުޅަށް މަރުޙަބާ ކިޔައި ސްކޫލުން އަންގަމުން ގެންދިޔަ ހުރިހާ ކަމެއް އަޅުގަނޑުމެން ނުހަނު އުފަލުން ތިބެ ތައްޔާރުކުރިން. ދަރިފުޅުގެ އިންޓަވިއު ތަކާއި ބެލެނިވެރިންގެ އިންޓަވިއުތައް ވަކި ވަކިން ނެގި. އަދި ދަރިފުޅުގެ އަމިއްލަ އިޙްސާސްތަކަށް ބިނާކޮށް ސްޕީޗްވެސް ތައްޔާރުކުރި. މިކަން ކަން ކުރީ ގްރޭޑް 11 ގެ ސެމިސްޓަރ އިމްތިހާނުގެ ތެރޭގައި. އެހެން ވިޔަސް ހުރިހާ ކަމެއް ބަރާބަރަށް ގަޑިއަށް ނިންމައި ސްކޫލުން އަންގާފައިވާ ތާރީޚަށް އަވަހަށް ރަށަށް ދިޔައީ ހަގު ދަރިފުޅުގެ ކިޔެވުން ވެސް އެއްކޮށް ނުނިމެނީސް. އިނާމު ދިނުމުގެ ޖަލްސާގެ ރިހާސަލް އިއްޔެ އޮތީ. އެވެސް ވަރަށް ފުރިހަމައަށް ދިޔައީ. ހަވީރު 4:30 ވީ ފަހުން ސްކޫލްގެ ވެރިން ގުޅާފައި ބެސްޓްއޯލްރައުންޑް އަދި ކަށަވަރު ނުވާކަމަށް ބުނުއްވި. އަދި ވާހަކަދެއްކި މޭރުމުން އެ މަގާމު ނުލިބޭނެ ކަމުގެ ސިގްނަލް ދެއްވި. ދަރިފުޅުގާތު އެވާހަކަ ބުނާނެ ގޮތަކާމެދު ވިސްނާވިސްނާ ބޯގޮވި. މިކަމުގެ ސަބަބުން ދަރިފުޅަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފި. މި ލިބުނު އަގު ނުކުރެވޭ ވަރުގެ ގެއްލުން ފޫބައްދާނެ ގޮތެއް ނޭނގެ” އަސަރާއެކު އެ ދަރިވަރުގެ މަންމަ ސޯޝަލްމީޑިއާއަށް ދޫކުރި މެސެޖްގައި ލިޔެފައިވެއެވެ.
ސްކޫލުގެ އިނާމުދިނުމުގެ ޖަލްސާއަށް އިނާމު ލިބޭ ދަރިވަރުން ލިސްޓް ކުރާއިރު އެންމެ ރަނގަޅު ދަރިވަރުގެ މަޤާމަކީ ކިޔެވުމުގެ އިތުރުން އަޚުލާޤާއި އިތުރުޙަރަކާތާއި އިސްނެގުން ފަދަ ކަންކަމަށް ބެލުމަށްފަހު ދެވޭ މަޤާމެކެވެ. މި މަޤާމު ހޮވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކްރައިޓީރިއާއެއް ކަނޑައަޅާފައި އޮވެއެވެ. ސްކޫލްތަކުން ކުރާކަމަކީ އެ މިންގަނޑަށް އޮންނަ އުސޫލުން ޕޮއިންޓް ދިނުމެވެ. ޕޮއިންޓް ދެނީ ކިޔެވުމާއި އިތުރު ޙަރަކާތްތަކާއި އަޚުލާގީ މިންގަނޑު އެކުއްޖަކު ޙާސިލުކޮށްފައި ހުރިއެއްޗެކެވެ. މި މިންގަނޑަށް ބަލާ ޝޯޓްލިސްޓްކުރެވޭ ކުދިންގެ ލިސްޓް ހިފައިގެން އެކި ބޭބޭފުޅުން ބައްދަލުވުންތައް ބާއްވައެވެ.
ބެސްްޓްއޯލްރައުންޑަށް ހޮވޭ ދަރިވަރު ހޮވަނީ މިހުރިހާ މަރުޙަލާތަކެއް ކަޑައްތުކުރުމަށްފަހު ސްކޫލްގެ މެނޭޖްމަންޓުންނެވެ. އަދި ހޮވޭ ކުއްޖާއަށް އެކަންތައްތައް އަންގަނީ ބަލަން ޖެހޭ އެންމެ ފުރިހަމައަށް ބެލުމަށްފަހު މައްސަލައެއް ނެތްކަން ކަށަވަރުކޮށްފައެވެ.
މިހުރިހާ ހަރުފަތެއް ގިރާކުރުމަށްފަހު ، އެންމެފަހު ވަގުތު “މިސްޓޭކެއް” ފެނިގެން ކުރިން ހޮވި ދަރިވަރުގެ ސެޓްފިކެޓްތައް އަލުން ގެންނަން އެންގުމަކީ މެނޭޖްމަންޓުން ދޯހަޅިކޮށް ކޮށްފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
“ބެސްޓްއޯލްރައުންޑަށް ހޮވެން ބޭނުންވާ އެހެން ކުއްޖެއްގެ ބެލެނިވެރިން ވަރަށް ޕްރެޝަރ ކުރެއޭ ބުނުމަށްފަހު އެންމެފަހު ވަގުތު ޖަލްސާއަށް ދާން ޔުނިފޯރމްއަޅަން ހުއްޓާ އެއީ މިސްޓޭކެކޭ ބުނުން އެއީ އެހެންމީހުންގެ ޖަޒުބާތުތަކާއި އިޙުސާސްތަކަށް ފައިން އެރުން ނޫންހެއްޔެވެ؟ ދެން މިވަގުތަކީ ކުރީގެ ސެޓްފިކެޓްތައް ގެންނަން އަންގަންވީ ވަގުތެއް ނޫން. މާލޭގައި ދިރިއުޅޭ ބަޔަކު ދާ ކޮންމެ ތަނަކަށް ސެޓްފިކެޓް ހިފައިގެން ނުދާނެ. މިވެނި ތާރީޚެއްގައި އިނާމްދިނުމުގެ ޖަލްސާ އެބައޮތް ވާހަކަ ބުނެފައި، ބެސްޓްއޯލްރައުންޑަށް ހޮވޭތޯ ބަލަން އަތުގައި ހުރި ސެޓްފިކެޓެއް ގެންނާށޭ ބުނިނަމަ އެހެން އެކަން ދާނެ.” އެހެން ފަރާތަކުން ސޯޝަލްމީޑިއާގައި ބުނެފައިވެއެވެ.
އިނާމު ދިނުމުގެ ޖަލްސާ ކެންސަލް ކުރަން ޖެހުނު މައްސަލައާއި ގުޅޭގޮތުން އަދި ސްކޫލުގެ މެނޭޖްމަންުޓުން ރަސްމީކޮށް ވަކި އެއްޗެއް އާންމުކޮށް އަންގާފައެއް ނުވެއެވެ.

1 ކޮމެންޓް
Haleemaa
ފެބުރުއަރީ 21, 2025
Best all round ah hovenvaanee kiyevumah ekani balaigen kamah dheyha vaa meyrumun varah gina heyo edhey faraathun vaahaka dhahkaafa hurithan eba frney. Ehen ekan onna nama "best all round" ekey nukiyaane thoahcheh.