English Edition
Dhivehi Edition
25 ފެބުރުވަރީ 2020 ވަނަ ދުވަހު ޕީޖީ އޮފީހާއި އައްޑޫ ސިޓީ ކައުންސިލާއި ދެމެދު ބޭއްވި ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ވެންޓިލޭޓަރު ވައްކަމުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން, ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި ދައުވާ ނުކުރަން ނިންމުމާއި ގުޅިގެންނެވެ.

ވެންޓިލޭޓަރުތައް ގެންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އޭސީސީން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ވަނީ އެކަމުގައި ދައުވާކުރެވޭ ވަރުގެ ހެއްކެތް ނެތްކަމަށް ނިންމާފައެވެ. ޕީޖީގެ މި ނިންމުން މުރާޖާކުރުމަށް އޭސީސީއިން އެދިފައިވާއިރު ފާއިތުވި ފަސް މަސްދުވަހު އެ މައްސަލަ ބެލުމަށްފަހު ނިންމީ، ކުރިން ހޯދާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ޖިނާއީ ކުށެއްގައި ސާބިތު ކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ ދައުވާކުރެވެން ނެތް ކަމަށެވެ.

ވެންޓިލޭޓަރުގެ ވައްކަމުގެ މައްސަލަ ބެލުމުގައި ޕީޖީ ޝަމީމް ފެއިލްވެފައިވާކަން ފާހަގަކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ފައިސާ ދީފައިވާކަމަށެވެ. އެހެންނަމަވެސް ވެންޓިލޭޓަރު ނުލިބޭ އިރު ދެން ދައްކާނެ އިތުރު ހެއްކެތް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ފެންނަކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، މިކަމަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން ވަނީ ތާއިދުކޮށްފައެވެ.