ސްޓެލްކޯއިން ގާތްގާތުގައި ދެ ކަރަންޓު ބިލެއް ފޮނުވަނީ، ރޯދަމަހުގެ ޑިސްކައުންޓް ފުރިހަމައަށް ދޭން ކަމަށާއި އެންމެ ފަހުން ފޮނުވި ބިލު ދައްކަން އިތުރު މުއްދަތު ދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ ގާތްގާތުގައި 2 ބިލު ފޮނުވުމާއި ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. އެކުންފުނިން ވިދާޅުވީ ގާތްގާތުގައި ދެ ބިލު ފޮނުވަން ނިންމީ ކަސްޓަމަރުންގެ ފައިދާއަށް ކަމަށާއި، އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއް ނޫންކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި ވިދާޅުވީ ސްޓެލްކޯއަކީ ގައުމީ ޚިދުމަތުގެ 75 އަހަރުގެ ރެކޯޑެއް އޮތް ކުންފުންޏެއްކަމަށާއި ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ.
” ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން އަޅުގަނޑުމެން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހަކައެއް. އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކަށް ނިންމި ނިންމުމެއް. އަދި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއްވެސް ނޫން. ބިލްތަކުގެ ރީޑިންގ ނެގި ތާރީހުތައް ބިލުން ފެންނަން ހުންނާނެ. މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީިޑިންގ ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް. އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މި ބިލް ދެއްކުމަށް ވަނީ 30 ދުވަހުގެ މުހުލަތެއްވެސް ދެވިފައި” ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މި ބިލް ފޮނުވުމުގެ މަގުސަދު ތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުންވެސް ހިމެނޭކަމަށެވެ. އަދި މީގެ ކުރިން މި ދެންނެވި ބެކްލޮގާއި އެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށްކަމަށް ފަހުމީ ވިދާޅުވިއެވެ.
“އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ މީގެ އެއް މަގުސަދު. މީގެ އިތުރުން މި ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެމަހެއްގެ ފަހު ހަފްތާގައި ރީޑިންގ ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑިލިވަރ ކުުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިންގ އާއި މީޓަރާއި އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ.” ފަހުމީ އެކްސްގައި ވިދާޅުވެފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް، މި އަހަރުގެ ރޯދަމަހު ވެސް ކަރަންޓު ބިލުން ޑިސްކައުންޓު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންވެ، ސްޓެލްކޯއިން މީގެ ކުރިން ވަނީ ރޯދަމަހަށް ވަކި ކަރަންޓު ބިލެއް ހަދައި، އެ ބިލުން 10 ޕަސެންޓު ޑިސްކައުންޓު ދޭނެ ކަމަށް ބުނެފައެވެ.