ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރު ކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޒާހިދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ޒާހިދު މަގާމުން ވަކިކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ނިންމީ، މިއަދު މަޖިލީހުގެ ތަޅުމުގައި ބައިވެރިވި 61 މެމްބަރުންގެ ވޯޓާ އެކު އެވެ. އޭނާ ވަކިކުރަން ނުފެންނަ ކަމަށް ދެ މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
ޒާހިދު މަގާމުން ވަކިކުރަން ނިންމި ސަބަބު ތަކުގެ ތެރޭގައި ކޮމިޓީއަށް ތަކުރާރުކޮށް ދޮގު މައުލޫމާތު ދިން މައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅި މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ އާއިލާގެ ފަރާތުން ހުށަހެޅި މައްސަލަ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ބެލުމުގައި އިހުމާލު ވެފައިވާ މައްސަލަ ހިމެނެ އެވެ.
އެޗްއާރުސީއެމްގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި
އެޗްއާރުސީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ ރައީސް ޔާމީންގެ ވެރިކަމުގައި އެޗްއާރުސީއެމް އަށް އައްޔަންކުރެއްވި ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު އާއި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އާއިޝަތު އަފްރީން މުހައްމަދެވެ. އެޗްއާރުސީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި އައިމިނަތު އީނާސް އަދި މެމްބަރު އައިޝަތު އަފްރީންގެ އިތުރުން މޫސާ އަލީ ކަލޭފާނު މަގާމުން ވަކިކުރުމުގެ މަސައްކަތްވެސް މަޖިލީހުން ކުރިއަށް ގެންގޮސްފައިވާއިރު އެ ބޭފުޅުން ވަކިކުރުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް ވަނީ އިސްތިއުފާ ދެއްވާފައެވެ.