ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަވަހަށް ފާސްކުރުމަށް ގޮވާލައި އައްޑޫ މީދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާތިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އީ-ޕެޓިޝަނާ ގުޅިގެން، އެ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހްމާން (އައްދު) ނުރުހުން ފާޅުކުރައްވައިފިއެވެ.
މެންބަރު އައްދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސުވާލު ކުރައްވާފައިވަނީ، މީދޫގެ ކޮން ކައުންސިލަރަކު ހުރަސްއަޅައިގެން، އަދި ސަރުކާރުން މީދޫއަށް ގެންނަން އުޅޭ ކޮން ތަރައްގީއެއް ނުލިބިގެން ކައުންސިލްގެ ރައީސް މިފަދަ ޕެޓިޝަނެއް ހުށަހެޅުއްވީތޯއެވެ.
އައްދު ފާހަގަކުރެއްވި ގޮތުގައި މީދޫއަށް ވަކި ރަށު ކައުންސިލެއް ލިބުނީ ރައްޔިތުން އެތައް ދުވަހަކު ކުރި ވަކާލާތުން ކަމަށާއި، އެއީ ރަށުގެ ކަންކަން ރައްޔިތުންގެ ތަސައްވުރާ އެއްގޮތަށް ނިންމުމުގެ މަގުސަދުގައި ގެނެވުނު ބަދަލެއް ކަމަށެވެ. ސިޓީ ކައުންސިލުން މީދޫ ވަކިވީ އެހެން ބައެއްގެ ބާރުގެ ދަށުގައި އޮންނަން ބޭނުން ނުވެގެން ކަމަށްވާއިރު، ކައުންސިލްގެ ރައީސް ސަރުކާރުގެ ބޮޓަކަށްވެ، މައި ސަރުކާރަށް ބާރުތައް ދޭން ޕެޓިޝަން ހުށަހެޅުއްވުމަކީ ދެރަވަރު ކަމެއްކަމުގައި އައްދު ވިދާޅުވިއެވެ.
މިގޮތަށް ކަންކަން ގޮސްފިނަމަ، މީދޫގެ ހިކަހެރަ އާއި ޓޫރިޒަމް ޒޯން ފަދަ މުހިންމު ބިންތައް ރައްޔިތުންގެ އަތުން ވަކިވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.
ޝާތިރު ހުށަހެޅުއްވި ޕެޓިޝަނުގައި ބުނެފައިވަނީ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ހަދާ އިސްލާހަކީ ރަށު ފެންވަރުގައި އަސާސީ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށް މަގުފަހިވާނެ މުހިންމު އިސްލާހެއް ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.