ކޮންމެ ދާއިރާއަކުންވެސް ކުރިއެރުމާއި ކާމިޔާބީ ހާސިލްކުރުމުގެ އެންމެ މުހިންމު އަސްލަކީ އުނގެނުމާއި ތަމްރީނުކަން ސާބިތުކޮށްދެމުން، އައްޑޫ ސިޓީ މީދޫއަށް އުފަން ހުސެން ރަޝީދު (ހުވަދުމާވާދީ) ކޯޗިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.
އިންސާނާގެ ހަޔާތުގައި އާ ކަންތައްތަކެއް ދަސްވިވަރަކަށް، އޭނާގެ ކިބައިގައިވާ ހުނަރާއި ގާބިލުކަން އިތުރުވެ، މުޖުތަމައުއަށް ފައިދާހުރި ހަރުދަނާ މީހަކަށް ވެވިގެންދާނެކަން ހުސެން ވަނީ ކޯޗިންގެ ދާއިރާއިން ދައްކުވައިދީފައެވެ. ކޯޗިންގެ ދާއިރާއަށް ބަލާލާއިރި ، ކާމިޔާބީގެ ހަގީގީ ތަޅުދަނޑިއަކީ ފަންނީ ގޮތުން ހޯދާ އިލްމާއި ތަޖުރިބާކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ.
ހުސެން ރަޝީދަކީ މިހާރު ފުޓްބޯޅައާއި ފުޓްސަލްގެ ދާއިރާގައި ފާހަގަކޮށްލެވޭ ހުނަރުވެރި ކޯޗެކެވެ. އޭނާ ވަނީ އޭއެފްސީ ފުޓްސަލް ލެވެލް 1 ކޯހާއި، އޭއެފްސީ ފުޓްބޯޅަ ސީ ލައިސަންސް ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، ރަސްމީ ސެޓްފިކެޓްތައް ހާސިލްކޮށްފައެވެ. މިއީ މީދޫގެ ކުޅިވަރު ތާރީޚަށް ބަލާއިރު، ފަރުދަކު މި ދާއިރާއިން ހޯދި ވަރަށް މަތީ ދަރަޖައެއްގެ ކުރިއެރުމެކެވެ.
ހުސެން ރަޝީދުގެ ކޯޗިންގ ދަތުރު ރަސްމީ ސިފައެއްގައި ފެށިގެން އައީ 2020 ވަނަ އަހަރު އޭއެފްސީ ފުޓްބޯޅަ ކޯޗިންގ ކޯސް ފުރިހަމަކުރުމަށްފަހުއެވެ. އޭގެ ފަހުން، އަމިއްލަ ގާބިލުކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި 2026 ވަނަ އަހަރު މެލޭޝިއާގައި ބޭއްވުނު އޭއެފްސީ ފުޓްސަލް ކޯޗިންގ ކޯސް ފުރިހަމަކޮށް، އޭނާ ވަނީ އެ ދާއިރާއިން މަތީ ސެޓްފިކެޓެއް ހާސިލްކޮށްފައެވެ.

މީދޫގައި މިވަގުތު ހުރި އޭއެފްސީ ފުޓްސަލް ލެވެލް 1 ގެ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހޯދާފައިވާ ހަމައެކަނި ފަރާތަކީ ހުސެން ރަޝީދުކަން ފާހަގަކޮށްލެވެއެވެ. މިއީ މުޅި މީދޫގެ ކުޅިވަރުގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭފަދަ މުހިއްމު ކާމިޔާބެކެވެ. ރަށުގެ ފުޓްސަލްގެ ކުރިމަގު ބިނާކުރުމުގައި މިފަދަ ފަންނީ ގާބިލުކަން ހުރި މީހަކު ހުރުމަކީ ޒުވާން ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. އެހެންކަމުން ރަށުގެ ފުޓްސަލް މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް ހުސެން ރަޝީދަށް ފުރުސަތު ދިނުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ.
ހުސެން ރަޝީދު ދެކޭގޮތުގައި ކާމިޔާބީއަކީ ހަމައެކަނި މުބާރާތްތަކުން މޮޅުވުމެއް ނޫނެވެ. އޭގެ ބަދަލުގައި، ކުޅިވަރުގެ އަސާސްތައް ރަނގަޅަށް ދަސްކޮށް، އެކަން ދެން ތިބޭ މީހުންނަށް އުނގަންނައިދިނުމަކީވެސް ކާމިޔާބީގެ މުހިންމު ބައެކެވެ.
ފުޓްސަލް ފަދަ ހަލުވި ކުޅިވަރެއްގައި، ޓެކްޓިކަލް ގޮތުންނާއި ފިޒިކަލް ގޮތުން ކުޅުންތެރިން ތައްޔާރުކުރުމަށް ބޭނުންވާ ޒަމާނީ އުކުޅުތައް ހުސެން ވަނީ މެލޭޝިއާގައި ހޭދަކުރި ދުވަސްތަކުގައި ދަސްކޮށްފައެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން އޭނާގެ ކޯޗިންގ ސްޓައިލަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ހުސެން ރަޝީދު ފުޓްބޯޅައާއި ފުޓްސަލްގެ ދާއިރާއިން އުނގެނުނު އިލްމުގެ ބޭނުން ހިފަނީ ހަމައެކަނި އަމިއްލަ ކުރިއެރުމަކަށް ނޫނެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކީ އެ އިލްމާއި ތަޖުރިބާގެ އަލީގައި ޒުވާން ކުޅުންތެރިން ބިނާކުރުމެވެ. މިގޮތުން އޭނާ ދަނީ އެކި ޓީމުތަކަށް ކޯޗުކޮށްދީ، ތަފާތު މުބާރާތްތަކުގައި ޓީމުތައް ގޮވައިގެން ނުކުމެ، ފަންނީ އިރުޝާދުތައް ފޯރުކޮށްދެމުންނެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅޭ ކުޅުންތެރިންގެ ކިބައިން ފެންނަ އަހުލާގީ މިންގަނޑާއި، ކުޅުމުގެ ރޫހަކީ އޭނާ ހޯދާފައިވާ ފަންނީ ތަމްރީނުގެ ނަތީޖާއެވެ. މިފަދަ ތަމްރީނު ލިބިފައިވާ ކޯޗުންގެ ސަބަބުން، ކުޅިވަރުގެ ފެންވަރު މަތިވެ، ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަމްރީނު ލިބި، ގައުމީ ފެންވަރުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވިގެންދެއެވެ. ހުސެން ރަޝީދު ފަދަ ގާބިލު ފަރާތްތަކުން ކުރަމުންދާ މި ބުރަ މަސައްކަތަކީ ފުޓްބޯޅައިގެ މުސްތަގުބަލު އުޖާލާކޮށްދޭނެ ކަމެއްކަން ކަށަވަރެވެ.
ކޯޗެއްގެ ގޮތުގައި ހުސެން މަސައްކަތް ކުރާއިރު، އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ ކުޅުންތެރިންގެ ކިބައިގައި ޑިސިޕްލިން ނުވަތަ އަހުލާގު ހަރުލެއްވުމަށެވެ. ކުޅިވަރަކީ ހަމައެކަނި ހަށިގަނޑުން ކުރާ މަސައްކަތެއް ނޫން ކަމަށާއި، އެއީ ނަފްސާނީ ގޮތުންނާއި ފިކުރީ ގޮތުންވެސް ތައްޔާރުވާންޖެހޭ ކަމެއްކަން އޭނާ ކުޅުންތެރިންނަށް ވިސްނައިދެއެވެ.
ހުސެންގެ މި މަސައްކަތުގެ ސަބަބުން، އޭނާ ކޯޗްކޮށްދޭ ކުޅުންތެރިންނަށް ވަނީ އާ އުއްމީދުތަކެއް ލިބިފައެވެ. އޭނާ ދަނީ ރިސޯޓް ތަކުގެ ޓީމްތަކަށާ ޖަމިއްޔާތަކާ ގުޅިގެން ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ ފަންނީ ކޯޗުން ގިނަވުމަކީ މުޅި ރާއްޖޭގެ ފުޓްބޯޅައަށްވެސް ލިބޭނެ ކުރިއެރުމެކެވެ.
ހުސެން ރަޝީދުގެ މި ކާމިޔާބީއަކީ އުނގެނުމަށް ލޯބިކުރާ ކޮންމެ ޒުވާނަކަށް ހުރި ނަމޫނާއެކެވެ.
އޭނާގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް އިތުރު ތަމްރީނުތައް ހޯދައި، ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ކޯޗިންގ ދާއިރާއިން ޚިދުމަތް ކުރުމެވެ.