ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުން މަގާމުން ވަކިކުރުމާއި މެދު މަޖިލީހުގެ ރިޔާސަތުން ގޮތެއް ނިންމުމަށް އެޖެންޑާ ކޮށްފި އެވެ.
މާދަމާ ހެނދުނު 11:00ގައި އޮންލައިންކޮށް ބާއްވާ މަޖިލީހުގެ ޖަލްސާއަށް މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ހިމެނިފައި ވަނީ، އެޗްއާރުސީއެމްގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ތަޅުމުގައި އިއުލާން ކުރުމެވެ. މި މައްސަލަ މަޖިލީހުގައި އިއުލާން ކުރަނީ މަޖިލީހުގެ ގަވާއިދުގެ 210 ވަނަ މާއްދާގެ ށ ގެ ދަށުންނެވެ.އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ރިޔާސަތުން ގޮތެއް ނިންމައި ދިނުމަށް އެދި ފޮނުވީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންނެވެ.
ކޮވިޑް-19ގެ ހާލަތުގައި މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެޗްއާރުސީއެމްއިން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން މިދިޔަ ހަފްތާ އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވާއިރު މިހާލަތުގައި އެޗްއާރުސީއެމްއިން މަސައްކަތް ކުރަން ފެށީ އެހެން މުއައްސަސާތަކަށް ވުރެ މާލަހުންކަމަށް މި ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. އަދި އެޗްއާރުސީއެމް ފިޔަވާ އެހެން މުއައްސަސާތަކުން ވަނީ މަދު ވަސީލަތްތަކެއް ބޭނުންކޮށްގެން އެދެވޭ މަސައްކަތްތަކެއް ކޮށްފައިކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
އެޗްއާރުސީއެމްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ރައީސް ޔާމީންގެ ވެރިކަމުގައި އެޗްއާރުސީއެމް އަށް އައްޔަންކުރެއްވި ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު އާއި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އާއިޝަތު އަފްރީން މުހައްމަދެވެ.