English Edition
Dhivehi Edition

ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10، ގައި މަރުވެފައި އޮތް އެރަށު ނިއުލައިފް، ޒަކިއްޔާ މޫސާ، 50، ގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުންވެސް ތަޙުޤީޤުކުރަން ފަށައިފިއެވެ.

އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި އެޗްއާރްސީއެމުން ބުނެފައިވަނީ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން މި މައްސަލައިގެ ތަޙުޤީޤު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް އެ ކޮމިޝަނާއި ހިއްސާކޮށްފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށެވެ.
އަދި މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ކޮމިޝަނުން ދިރާސާކުރަމުންދާކަމަށްވެސް އެޗްއާރްސީއެމުން ވިދާޅުވިއެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށްބުނެ ހޮޅުދޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މައްސަލާގެ ތަހުގީގު އަވަސްކުރަން ގޮވާލައި، އެ ރަށުގައި އިއްޔެ ވެސް ވަނީ އިހުތިޖާޖުކޮށްފައެވެ.

ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް ބުނީ ޒަކިއްޔާ މަރާލި ކަމުގެ އެއްވެސް ނިޝާނެއް އަދި ހެއްކެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް، ހޮޅުދޫ މީހުން އެކަން ގަބޫލެއް ނުކުރެ އެވެ. އެ މީހުން އަދިވެސް ބުނަމުން ދަނީ ބަޔަކު ޒަކިއްޔާ މަރާލީ ކަމަށެވެ. އެހެންވެ، އެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި އެކި ދުވަސްމަތިން އެ ރަށުގެ ރައްޔިތުން ގެންދަނީ އެއްވުންތައް ބާއްވައި، އިހުތިޖާޖު ކުރަމުންނެވެ.

ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަޙުޤީޤަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއާއި، ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާ ކަމަށްވެސް ފުލުހުން ވަނީ މީގެކުރިން ވިދާޅުވެފައެވެ.