English Edition
Dhivehi Edition
މީދޫ މިނިވަން އުފާ 2026ގެ ތެރެއިން

އުފާވެރިކަމާއި އެކުވެރިކަމުގެ އިންތިހާއެވެ! އައްޑޫ މީދޫގެ އިޖުތިމާއީ ރޫހާއި އެކުވެރިކަން އަނެއްކާވެސް މުޅި ރާއްޖެއަށް ދައްކާލީ “އައްޑޫ މީދޫ މިނިވަން އުފާ 2026” ގެ ފޯރިގަދަ ހަރަކާތްތަކުންނެވެ.

އެއްބަޔަކު އަނެއްބަޔަކަށް އޮތް ބަދަހި ގުޅުމާއި، މުޅި ރަށުގެ ކުދިބޮޑު އެންމެން އެކަކު އަނެކަކާ ގުޅިގެން ފެށި މި ކުލަގަދަ ހަރަކާތްތަކަކީ ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ނޫނެވެ. މިއީ މީދޫގެ އެއްބައިވަންތަކަމާއި އެކުވެރިކަން ސާބިތުކޮށްދިން، ތަފާތު އަދި އުފާވެރި އިހުސާސްތަކުން ފުރިގެންވީ ތާރީހީ ހަރަކާތެކެވެ. އަލަށް އިންތިހާބުކުރެވުނު ކައުންސިލާއި، އަންހެނުންގެ ކޮމިޓީގެ އިތުރުން ރަށުގެ ޖަމްއިއްޔާތަކާއި މުއައްސަސާތައް ގުޅިގެން، ރަށުގެ އެކުވެރިކަން އާލާކޮށް އުފާވެރި މާހައުލެއް ގާއިމުކުރުމަށް ރޭވިގެން ދިޔަ މި ހަރަކާތުގެ ފޯރި ވަރަށް ގަދައެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން “އައްޑޫ މީދޫ މިނިވަން އުފާ 2026” ނަމުގައި އައްޑޫ މީދޫގައި ވަރަށް ފޯރިގަދަ އަދި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިޔައިރު މިއީ ހުޅުދޫ އާއި މީދޫގެ އިތުރުން އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކެއްގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ފޯރިގަދަ ހަރަކާތްތަކެކެވެ. މި ހަރާކްތަ ކުރިއަށް ގެންދިޔަ ހުރިހާ ސަރަހައްދެއްގައި ކެންޓީންގެ ހިދުމަތްދީފައިވާއިރު، އެތަނުން އައްޑޫ މީދޫ ރަހަ ތާޒާކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމައަށެވެ.

ފާހަގަކޮށްލެވޭ މުހިންމު ހަރަކާތްތައް

  • އާއިލީ ހަވީރު: މީދޫ ބީވާ ޓާފްގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ކުލަގަދަ އާއިލީ ހަވީރެއް ވަނީ ބާއްވާފައެވެ. މި ހަވީރުގެ އެންމެ ފޯރިގަދަ އެއް ބަޔަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ތަފާތު މުބާރާތްތަކެވެ. އެގޮތުން ބޭއްވުނު، މިއުޒިކަލް ޗެއާ އަދި އެހެނިހެން ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވެ، އެކުދިންގެ ހުނަރު ދައްކާލާފައިވެއެވެ. ކުޑަކުދިންގެ ކުޅިވަރުތަކުގެ އިތުރުން، މީދޫގައި އަބަދުވެސް ފޯރިއާއި އެކު ކުރިއަށް ގެންދާ ކުޅިވަރުތައް ދިރުވައި އާލާކުރުމުގެ ގޮތުން ހާއްސަ ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އިސްރަށްވެހިންނާއި ޒުވާނުން އެކުވެގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މުޅި މާހައުލަށް ދިރުން ގެނެސްދިންއިރު، މި ހަވީރަކީ ހަމައެކަނި ކުޅިވަރު ކުޅުމުގެ އިތުރުން، ރަށުގެ އާއިލާތަކުގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހި ގުޅުން އިތުރަށް އާލާވެގެންދިޔަ ހަވީރެކެވެ.
މީދޫގައި ކުރިއަށް ދިޔަ އާއިލީ ހަވީރުގެ ތެރެއިން
  • ވޮލީބޯޅަ: “އައްޑޫ މީދޫ މިނިވަން އުފާ 2026” ގެ ތެރެއިން ކުރިއަށްދިޔަ ވަރަށް ފޯރިގަދަ ހަރަކާތެކެވެ. މީދޫ އާއި ހުޅުދޫގެ އަންހެން އަދި ފިރިހެން ވޮލީ ޓީމުތަކުގެ މެދުގައި މީދޫ ކުޅިވަރު އެރީނާގައި ކުޅެވުނު މި މެޗުތަކަކީ ދެ އަވަށުގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހި ގުޅުން އިތުރަށް އާލާކޮށްދިން މުހިންމު ހަރަކާތެކެވެ.
މީދޫގައި ކުރިއަށް ދިޔަ އެކުވެރިކަމުގެ ވޮލީ މެޗުގެ ތެެރެއިން
  • ފެންވާދަ: “އައްޑޫ މީދޫ މިނިވަން އުފާ 2026” ގެ ތެރެއިން ކުރިއަށްދިޔަ އެންމެ ފޯރިގަދަ އަދި ވާދަވެރި އެއް ހަރަކާތަކީ މީދޫ ސްވިމިން ޓްރެކް ސަރަހައްދުގައި ބޭއްވުނު ފެންވާދަ ފެތުމުގެ މުބާރާތެވެ. 80 އަށްވުރެން ގިނަ ބައިވެރިންނާއެކު ކުރިއަށްދިޔަ މި މުބާރާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ. ތަފާތު އުމުރުފުރާތަކަށް ހުޅުވާލައިގެން ބޭއްވުނު މި މުބާރާތުގައި ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން އިސްރަށްވެހިންވެސް ވަނީ ބައިވެރިވެ, އެފަރާތްތަކުގެ ފެތުމުގެ ހުނަރު ދައްކާލާފައިވެއެވެ. އައްޑޫ ސިޓީގެ ހުރިހާ އަވަށަކުން ބައިވެރިވި މި ހަރަކާތް ކުރިއަށް ދިޔައިރި މުޅި ސަރަހައްދުން ފެނިގެންދިޔައީ ސަޕޯޓަރުންގެ ހޫނު އަތްތިލަބަޑިއާއި, އެކުވެރިކަމާއެކު ވާދަވެރި އުފާވެރި މަންޒަރުތަކެކެވެ. މިއީ މީދޫގައި ފެތުމުގެ މުބާރާތެއް ބޭއްވުނު ފުރަތަމަ ފަހަރުކަމުގައިވިޔަސް މި މުބާރާތަކީ ދެން ކޮންމެ އަހަރަކުވެސް އެ ރަށުގައި ކުރިއަށް ދާނެކަމުގެ ޔަގީންކަން ކައުންސިލުން ވަނީ ދީފައެވެ.
ފެންވާދަ މުބާރާތުގެ ތެރެއިން
  • މީދުވުން: “އައްޑޫ މީދޫ މިނިވަން އުފާ 2026″ ގެ ތެރެއިން ކުރިއަށްދިޔަ “މީދުވުން” ހަރަކާތަކީ މީދޫގެ ކުދިބޮޑު އެންމެން އެކުވެރިކަމާއެކު ބައިވެރިވި ވަރަށް ފޯރިގަދަ އަދި އުފާވެރި ހަރަކާތެކެވެ. ރަށުގެ ގިނަ އަދަދެއްގެ އާންމުން މަގުމައްޗަށް ނުކުމެ ބައިވެރިވި މި ހަރަކާތުން ފެނިގެންދިޔައީ މީދޫގެ އިޖުތިމާއީ ބަދަހިކަމާއި، އެކަކު އަނެކަކަށް އޮތް ގާތް ގުޅުން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ހަރަކާތަކަށެވެ. މީދޫ އާއި ހުޅުދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށް ދިޔަ މި ހަރަކާތުގައި ބައިވެރިވި އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ފެނިގެން ދިޔައިރު މީދުވުންގެ އިންތިޒާމުތައް ވަރަށް ފުރިހަމަކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.
މީދުވުންގެ ތެރެއިން
  • ބަށި މެޗު: އިސްރަށްވެހިންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ސަގާފީ ކުޅިވަރެއްކަމުގައިވާ ބަށީގެ ފޯރި އަލުން އާލާވަމުން އަންނަ މި ދަނޑިވަޅު، މީދޫ ބަށި ޓީމާއި ހިތަދޫ ބަށި ޓީމުތަކުގެ މެދުގައި ފޯރިގަދަ ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.. މި މެޗަކީ އައްޑޫގެ އަވަށްތަކުގެ މެދުގައި އޮތް އިޖުތިމާއީ ބަދަހިކަމާއި އެކުވެރިކަން އިތުރަށް އާލާކުރުމުގެ ގޮތުން އިންތިޒާމުކުރެވުނު މެޗެކެވެ. މީދޫގައި ކުރިއަށްދިޔަ މި މެޗުތައް ބެލުމަށާއި، ކުޅުންތެރިންނަށް ސާބަސް ދިނުމަށް ގިނަ އަދަދެއްގެ އިސްރަށްވެހިންނާއި ކުޅިވަރަށް ލޯބިކުރާ އާންމުން އެއްވިއިރު، ދެ ރަށުގެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ.
  • ހޭންޑްބޯޅަ:މީދޫގެ ޒުވާނުންގެ މެދުގައި މަގުބޫލު ހޭންޑްބޯލް މެޗެއްވެސް ވަނީ މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންގޮސްފައެވެ. ކުޅުންތެރިން އުފައްދާ ބިނާކޮށް، މީދޫގައި ކުޅިވަރު އާލާކޮށް ދިރުވުމަށް ކުރަމުން ދާ މަސައްކަތުގެ ތެރެއިން ކުޅެވުނު މި މެޗުގައި މީދޫ ލެވެންޑާ ޓީމާއި ހިތަދޫ މައިލޯ ޓީމުގެ މެދުގައި ކުޅެވުނު މެޗުގެ ފޯރި ވަރަށް ގައެވެ.
މީދޫގައި ކުރިއަށް ދިޔަ ހޭންޑްބޯލް މެޗުގެ ތެރެއިން
  • އެކުވެރިކަމުގެ ފުޓްސަލް: މި މެޗު ބޭއްވީ މީދޫ ފުޓްސަލް ދަނޑުގައެވެ. މިއީ އައްޑޫ މީދޫގައި ދިރިއުޅޭ އަދި އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ބިދޭސީ މަސައްކަތްތެރިން، ހާއްސަކޮށް ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބަހާލައިގެން, ދެ ޓީމެއްގެ މެދުގައި ކުޅެވުނު ފޯރިގަދަ މެޗެކެވެ. މީދޫގައި ބާއްވާ ހަރާކްތަތަކުގައި އަބަދުވެސް ބިދޭސީން ބައިވެރިވުމުން ލިބެމުން އަންނައިރު މިއީ މިނިވަން ދުވަހުގެ އުފަލުގައި ރަށުގައި ދިރިއުޅޭ ބިދޭސީން ބައިވެރިކުރުވައި، އެފަރާތްތަކުގެ މެދުގައި އޮންނަ އިޖުތިމާއީ ބަދަހިކަމާއި އެކުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ބޭއްވި މެޗެއްކަން ފާހަގަކޮށްލެވެއެވެ.
ބިދޭސީންގެ ފުޓްސަލް މެޗުގެ ތެރެއިން

“އައްޑޫ މީދޫ މިނިވަން އުފާ 2026” ނިމިގެން ދިޔައީ މުޅި ރަށަށް އާ ދިރުމަކާއި، އެކުވެރިކަމުގެ އާ އުއްމީދުތަކެއް ގެނެސްދެމުންނެވެ. ވަކިވަކި ހަރަކާތްތަކުން ފެނިގެންދިޔަ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ ކުރިއަށް އޮތް ތަނުގައިވެސް މީދޫގެ އިޖުތިމާއީ ރޫހު އާލާކޮށް، ރަށުގެ ގުޅުން ބަދަހިކުރުމުގައި ދެމިއޮންނާނެ މުހިންމު ބިންގަލެކެވެ.