English Edition
Dhivehi Edition

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވާފައިވާކަން ހާމަކޮށްފައިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީއެސްސީގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން ނިންމައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ލިބިފައިވާ ކަމަށެވެ. އަދި ސީއެސްސީގެ ރައީސް އިސްތިއުފާ ދެއްވުމާއި ގުޅިގެން ކޮމިޓީން ވަކިކުރަން ނިންމާފައިވާ 4 މެމްބަރުންގެ ތެރޭގައި ހިމެނޭ ޝަމީމްގެ ނަން ކޮމިޓީ ރިޕޯޓުން އުނިވާނެކަމަށެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމެޓީން ވަނީ ސީއެސްސީގެ މެމްބަރުކަމުން ފާޠިމަތު އާމިރާ ފިޔަވައި ދެންތިއްބެވި 4 މެމްބަރުން ވަކިކުރުމަށެވެ. ކޮމިޓީގައި ބައިވެރިވި ނުވަ މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންގެ ވޯޓާއެކު މަގާމުން ވަކިކުރަން ނިންމި ހަތަރު މެމްބަރުންނަކީ ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް، ނައިބު ރައީސް ޝަހީދު މުހައްމަދު ގެ އިތުރުން މެމްބަރު ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު އެވެ.

ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކޮށް، އާމިރާ ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައިފި

ޖޫންމަހުގެ 10ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ދައުލަތުގެ ހުރިހާ ވަޒީރުން ހާޒިރު ކޮށް މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސީއެސްސީގެ މެމްބަރުންގެ އެއްބާރުލުން އޮތް މިންވަރާ ގުޅޭ ގޮތުންވަނީ ސުވާލުކޮށްފައެވެ. މި ބައްދަލުވުމުގައި ގިނަ ވަޒީރުން ވަނީ ސީއެސްސީ ގެ ސަބަބުން މިނިސްޓްރީތައް ހިންގަން އުނދަގޫވާކަމަށާއި މަސައްކަތްތައް ލަސްވަމުންދާ ކަން ފާހަގަކޮށްފައެވެ.