ރާއްޖޭގައި ހިންގާ މާލީ މުއާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރުމަށް “ނޭޝަނަލް ޕޭމަންޓް ސްވިޗް” އެއް ގާއިމުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ހުށަހެޅި މި އިސްލާހުގެ ބިލު ފާސްވީ 66 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން ފާސްކުރި މި ބިލުގައިވާ ގޮތުން، ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ އެހެނިހެން ފަރާތްތައް މެދުވެރިވެގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ މާލީ މުއާމަލާތްތަކުގެ ތެރެއިން މަރުކަޒީ ބޭންކުން ކަނޑައަޅާ މުއާމަލާތްތައް ޕްރޮސެސްކޮށް، ރޫޓްކުރަންޖެހޭނީ ނޭޝަނަލް ޕޭމަންޓް ސްވިޗް މެދުވެރިކޮށެވެ.
މި އިސްލާހުގެ ދަށުން ގައުމީ ޕޭމަންޓް ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމަކީ “ނޭޝަނަލް ޕޭމަންޓް ސްވިޗް” ގެ ގޮތުގައި ކަނޑައެޅުމުގެ ފުރިހަމަ ބާރު އެމްއެމްއޭއަށް ލިބިގެންވެއެވެ. މީގެ އިތުރުން ގައުމީ ޕޭމަންޓް ސިސްޓަމްތަކުގެ ގަވާނަންސް އަދި މޮނިޓަރިން ނިޒާމު އިތުރަށް ހަރުދަނާކުރުމަކީވެސް މި ބިލުގެ މުހިންމު މަގުސަދެކެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓަށް ރިއާޔަތްކޮށް ފާސްކުރި މި ބިލަކީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހުށަހެޅުނު ބިލެކެވެ.
މި އިސްލާހާއެކު ރާއްޖޭގެ މާލީ އޮނިގަނޑު އިތުރަށް ހަރުދަނާވެ، ޕޭމަންޓް ސިސްޓަމްތައް މޮނިޓަރުކޮށް ހިންގުމުގެ އުސޫލުތައް ސަރީހަކޮށް ގާއިމުވެގެންދާނެއެވެ.