English Edition
Dhivehi Edition

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހަތަރު މެމްބަރުން މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމައިފި އެވެ.

ކޮމިޓީގައި ބައިވެރިވި ނުވަ މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންގެ ވޯޓާއެކު މަގާމުން ވަކިކުރަން ނިންމި ހަތަރު މެމްބަރުންނަކީ ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް، ނައިބު ރައީސް ޝަހީދު މުހައްމަދު ގެ އިތުރުން މެމްބަރު ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު އެވެ.

ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި މަގާމުން ވަކިކުރަން ނިންމި ހަތަރު މެމްބަރުން ވަނީ ކޮމެޓީއަށް ސިޓީއެއްވެސް ފޮނުއްވާފައެވެ، އެހެންކަމުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ މެންބަރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކީ ގާނޫނުއަސާސީ ބުނާ ގޮތުން އެހާ މުހިއްމު ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް ކޮމެޓީން ނިންމީ އެ މެމްބަރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްކަމަށެވެ.

އެ ހަތަރު މެމްބަރުންގެ އިތުރުން ކޮމިޓީގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއިން މިއަދުވަނީ ކުރިއަށް ގެންގޮސްފައެވެ. ވެލިދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ޝަފީގު، އާމިރާގެ އިތުބާރު ނެތް ކަމަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ އާމިރާ މަޖިލީހުގެ ކޮމިޓީއަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

އެމައްސަލާގައި އާމިރާއަށް ޖަވާބުދާރީވާން ފަސް ދުވަސް ދީފައިވާއިރު މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ މައްސަލައަށް ޖަވާބުދާރީވެ ކޮމިޓީއަށް އާމިރާ ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އާމިރާ ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފާސްކުރުމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ހުށަހެޅުއްވިއިރު، އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެވެ. ކޮމިޓީގައި ބައިވެރިވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފަ އެވެ.

މި މަހުގެ 10ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ދައުލަތުގެ ހުރިހާ ވަޒީރުން ހާޒިރު ކޮށް މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސީއެސްސީގެ މެމްބަރުންގެ އެއްބާރުލުން އޮތް މިންވަރާ ގުޅޭ ގޮތުންވަނީ ސުވާލުކޮށްފައެވެ. މި ބައްދަލުވުމުގައި ގިނަ ވަޒީރުން ވަނީ ސީއެސްސީ ގެ ސަބަބުން މިނިސްޓްރީތައް ހިންގަން އުނދަގޫވާކަމަށާއި މަސައްކަތްތައް ލަސްވަމުންދާ ކަން ފާހަގަކޮށްފައެވެ.

ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކުރަން މަޖިލިހުގެ ތަޅުމުން ނިންމައިފި ނަމަ، އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެއެވެ.