ޙަލީމަތު ޒޫނާ އަބްދުﷲ 43އ، ތ. ވިލުފުށި އަކީ މީގެ އަހަރުތަކެއް ކުރިން ވަރަށް އުފާވެެރިކޮށް ދިރިއުޅެމުން އައި އަންބެކެވެ. އައްޑޫމީދޫ އަބްދުﷲ ޝިހާމް/ ސައިމާގެ، އާއެކު ޒަވާޖީ ހަޔާތެއް ފަށައި ލޯބިވާ ފިރި މީހާ އާއި އެކު އުފާވެރި ދިރި އުޅުމެއް މާލޭގައި އުޅެމުން އައީ ދިރިއުޅުމުގެ ބާކީ ދުވަސްތަކަށް ވެސް ފޮނި އުންމީދު ތަކެއް ކުރަމުންނެވެ.
އެހެން ނަމަވެސް މި އުފާވެރި ހަޔާތް ބަނަކޮށްލީ ހީވެސް ނުކުރާ ކަހަލަ ވޭނާއި ރިހުމުގެ ދުވަސްތަކަކާ އެކުއެވެ.
މާލޭގައި ދިރި އުޅެމުން އައި ހަލީމަތުގެ ދެމަފިރިންގެ ދަރިޔަކު ނެތްނަމަވެސް މި ދެމަފިރިން މަސައްކަތް ކުރަމުން އައީ އެހެން މީހުންނެކޭވެސް އެއްފަދައިން ދިރިއުޅުން އުޖާލާކޮށްލަން ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ. ފިރިމީހާ އެކަނި މަސައްކަތް ކޮށްގެން ހޯދާ އާމްދަނީ އަކުން މި ދެމަފިިރިން މާލޭގައި ދިރިއުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. އުމުރުގެ މިހާހިސާބަށް އާދެވުނު އިރު އެންމެފުރަތަމަ ހަލީމަތަށް ސިއްޚީ ގޮތުން ދިމާވި އެންމެ އުނދަގޫ އެއްކަމަކީ ޓައިޕް 2 ޑައިބެޓީޒް (ހަކުރުބަލީގެ ވޭނުގައި) އުޅެން ޖެހުމެވެ. އެގޮތުން މި ބައްޔަށް ބޭސްކުރަމުން އާދައިގެ ދިރި އުޅުމެއްގައި އުޅެމުން އަންނަނިކޮށް ހަލީމަތު ގެ ފައިގައި ފާރު ކޮޅެއް އުފެދުނެވެ. ވަރަށް އާދައިގެ ގޮތަކަށް އުފެދުނު ފާރުކޮޅަށް ބޭސް ކުރަމުން އައި ނަމަވެސް ފާރުކޮޅު ބޮޑުވެ ފަސޭހަނުވެ ހިނގާވެސް ނުލެވޭ ހާލުގައި ބޮޑު ވޭނެއްގައި އުޅެންޖެހުނެވެ. ހަލީމަތުގެ ފައިތިލައިގައި އުފެދުނު ފާރުކޮޅު ބޮޑުވެ ވަޅުގަނޑެއް ހެދި ދޮސް ފައިބާ ފައިތިލައިގެ ދެބައިކުޅެ އެއްބައި ވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. ޑޮކްޓަރުން މިހާރު ބުނަމުން ދަނީ ފައިތިލައިގެ އެސަރަހައްދުގެ މަސްތައް މަރުވެފައި ވާކަމަށެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި މިވަގުތުވެސް ފަރުވާހޯދަމުން އަންނަ ހަލީމަތުގެ ފަޔަށް ދިމާވި މައްސަލައަށް ފަރުވާ ހޯދަން އެނދުމަތިކޮށްފައި އޮންނަތާ 2 މަސްވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އަދި މި ވަގުތު ހަލީމަތަށް ދެމުން އަންނަނީ ވަގުތީ ފަރުވާ އެއްކަމަށާއި އިންޑިޔާ އަށް ގޮސް ފައިތިލައިގެ މަރުވެފައި ވާހިސާބަށް ފަރުވާ ދެވެން ނެތްކަމަށްވީނަމަވެސް ފައިގެ ބާކީ ހުރި ބައި ސަލާމަތް ކުރުމަށް ވީހާ ވެސް އަވަހަށް އިންޑިޔާއަށް ދިޔުމަށް ޑޮކްޓަރުން ދަނީ ބުނަމުންނެވެ. އަދި މިވަގުތު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ޑޮކްޓަރު ދީފައިވާ ހަލީމަތުގެ ހުރިހާ ލިޔެކިޔުމެއް އާސަންދަ އޮފީހަށް ހުށަހެޅުމުން ފަރުވާގެ ހުރިހާ ކަންކަމާއި
ބަލިމީހާ އަދި އެހީތެރިޔާގެ ޓިކެޓް ފައިސާ ވަނީ ހަމަ ޖެހިފައެވެ. މި ލިޔުމާއެކު ހަލީމަތުގެ ބައްޔާގުޅޭ ބައެއް ލިޔެކިޔުންތައް އެޓޭޗް ކުރެވިފައިވާނެއެވެ.
ހަލީމަތުގެ އާއިލާއިން ބުނީ ބައްޔަށް ފަރުވާކުރުމަށް އާސަންދައިން އެހީ ލިބުނު ކަމުގައި ވިޔަސް ކެއުމާއި، ހުރުމުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް އިތުރު ހަރަދުކުރަން ޖެހެއެވެ. އެހެންނަމަވެސް ހަލީމަތުގެ މާލީ ހާލަތު މި ވަގުތު މިކަމަށް ތަނެއް ނުދެއެވެެ. އެ އާއިލާއަށް މި ވަނީ ދިވެހިންގެ ދީލަތި އެހީތެރިކަން ބޭނުންވެފައެވެ. އަދިވެސް އިންޑިއާގައި މަޑުކުރަންޖެހޭ ސީދާ މުއްދަތެއް ނޭގޭއިރު، ހަލީމަތުގެ ފިރިމީހާ އެދެނީ ދީލަތީ އެހީ އަށާއި އެހީނުދެވޭ ފަރާތްތަކުން ހަލީމަތް އަށް ހެޔޮ ދުއާކޮށް ދިނުމަށެވެ.
ހަލީމަތު އަށް އެހީތެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ފިރިމީހާއަބްދުﷲ ޝިހާމްގެ 9125013 މި ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އާއިލާއިން އެދެއެވެ.
ނޯޓް: މިނަމްބަރ އަށް ވައިބާ އަދި ވަޓްސްއަޕް ކުރެވޭނެ.
އަދި ފައިސާގެ އެހީ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން:
އަބްދުﷲ ޝިހާމް ގެ ބީއެމްއެލް އެކައުންޓް 7701134493101 އެކައުންޓް ނަން (އަބްދުﷲ ޝިހާމް) އަށް ފައިސާ ޓްރާންސްފާ ކުރެވޭނެއެވެ.
އަދި ޑޮލަރ އެކައުންޓް 7730000673990 އެކައުންޓް ނަން (އަބްދުﷲ ޝިހާމް) އަށް ާޑޮލަރު ޓްރާންސްފާ ކުރެވޭނެއެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ.
“އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”
މާތް ﷲ އަށްޓަކާ އެހީތެރިވެދެއްވާ! މާތް ﷲ އަށްޓަކާ ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫން! ދެދުނިޔޭގަވެސް މަތިވެރި ވެގެންވާ ސަވާބާއި ދަރުމަ ލިބޭނެ، إن شاء الله!