ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށްފަހު، މެންބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ. މި ދައުރުގެ ފަހު ޖަލްސާ މިއަދު ބާއްވާފައިވާއިރު، މި ޖަލްސާގައި ވަނީ މުހިއްމު ގިނަ ބިލުތަކެއް ފާސްކޮށް، މުހިއްމު ނިންމުންތަކެއް ނިންމާފައެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމެވެ. ޖަލްސާ ނިންމަވާލައްވަމުން ސަލީމް ވިދާޅުވީ، މިއަދުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިޔައީ ކަމަށެވެ. އަދި ޗުއްޓީއަށް ވަޑައިނުގެން، ދައުރުގެ މުއްދަތު އިތުރު ދެ ހަފުތާއަށް ދަންމާލައިގެން މެންބަރުން ކުރެއްވި ބުރަ މަސައްކަތްތަކަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ދައުރު ނިންމާލުމުގެ ގޮތުން ބޭއްވި މިއަދުގެ ޖަލްސާގައި ފާސްކުރި އެންމެ މުހިއްމު އެއް ބިލަކީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހެވެ. މި އިސްލާހުގައިވާ ގޮތުން، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 ޕަސަންޓު ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުވާނެއެވެ. މީގެއިތުރުން، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތަކާއި އެކަން އިސްތިހާރުކުރާ މީހުން ޖޫރިމަނާ ކުރެވޭނެ ގޮތްތައްވެސް މި އިސްލާހުގެ ދަށުން ކަނޑައެޅިގެންދާނެއެވެ.
މީގެ އިތުރުން، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި މުހިއްމު އިސްލާހެއްވެސް މިއަދު ވަނީ ފާސްކޮށްފައެވެ. މި އިސްލާހު ފާސްވުމާ އެކު، ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ބިންތައް، ކައުންސިލްތަކުގެ އަތުން ސަރުކާރަށް ނެގުމުގެ މަގު ފަހިވެގެންދާނެއެވެ.
މަޖިލީހުގެ ފަހު ޖަލްސާގައި ބައެއް މުއައްސަސާތަކުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމަށްވެސް ފާސްކުރިއެވެ. އޭގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމާއި، އެލްޖީއޭގެ ބޯޑަށް ދެ މެންބަރުން އަދި އެޗްއާރްސީއެމްއަށް މެންބަރަކު އައްޔަނުކުރުން ހިމެނެއެވެ.