ރާއްޖޭގެ 100 ޕަސަންޓު ދިވެހިން ހިއްސާވާ ވިޔަފާރިތަކުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭ މިންވަރު 7 ޕަސަންޓަށް ލުއިކޮށްދިނުމާ އެކު، “ބޭރު ފައިސާއާބެހޭ ގާނޫނު” އަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ބިލު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި އެނޫން ވިޔަފާރިތަކުގެ ތެރެއިން 100 ޕަސަންޓު ދިވެހިން ހިއްސާވާ ވިޔަފާރިތަކުން ބޭރު ފައިސާ ރުފިޔާއަށް މާރުކުރަންޖެހޭ މިންވަރު ލުއިކޮށްދިނުމާއި، ގާނޫނުން ލާޒިމުވާ މިންވަރަށް އަދި މުއްދަތުގައި ބޭރު ފައިސާ މާރުކުރުމަށް ދިމާވާ ދަތިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުން ހިމެނެއެވެ.
މި އިސްލާހުގައިވާ ގޮތުން ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން 100 ޕަސަންޓު ދިވެހިން ހިއްސާވާ ވިޔަފާރިތަކުން މާރުކުރަންޖެހޭނީ މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 7 ޕަސަންޓެވެ. މިއީ ދިވެހި ވިޔަފާރިތަކަށް ބޭރު ފައިސާ މާރުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގެނެވުނު މުހިންމު ބަދަލެކެވެ.
މީގެއިތުރުން، ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކަށެވެ. މިހާރު ގާނޫނު އޮތްގޮތުން އެފަދަ އެކައުންޓަކަށް ފައިސާ ޖަމާކުރަންޖެހެނީ 15 މިލިއަން އެމެރިކާ ޑޮލަރު ލިބޭ ފަރާތްތަކުންނެވެ.
މި ބިލުގައި ކެޓަގަރީ-އޭ ގައި ހިމެނޭ ޓޫރިޒަމް ތަންތަނުން މަހަކު ލިބޭ ބޭރު ފައިސާގެ 20 ޕަސަންޓު މާރުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކަށް ގެނައި އިސްލާހަށް އަމަލުކުރުމަށްޓަކައި އިންތިގާލީ މުއްދަތެއް އެމްއެމްއޭއިން ކަނޑައަޅައި ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.