English Edition
Dhivehi Edition

މާލެ ސިޓީ ކައުންސިލުން، މި އަހަރުގެ ރަމްޟާން މަހު ޤުރުއާން މުބާރާތެއް ބާއްވަން ނިންމާ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު މުބާރާތުގެ އުސޫލު އަދި ބައިވެރިވުމަށް އެދޭ ފޯމް މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ.

“މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތް 1443” ގެ ނަމުގައި ބާއްވާ މިމުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މި ގޮތުން ޖޫނިއާ ގުރޫޕްގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 6 އަހަރުން ދަށް، 9 އަހަރުން ދަށް އަދި 13 އަހަރުން ދަށެވެ. ސީނިއާ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 13 އަހަރުން މަތި، 16 އަހަރުންދަށް އަދި 19 އަހަރުން ދަށެވެ.

މި މުބާރާތުގެ ކޮންމެ ގުރޫޕަކުން ވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމާއެކު، މުޅި މުބާރާތުން 1 ވަނަ 2 ވަނަ 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ގްރޫޕަކުން އެއްވަނައަށް ހޮވޭ ކުއްޖަކަށް 7،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ އަށް 5،000 ރުފިޔާ އަދި ތިން ވަނަ އަށް 3،000 ރުފިޔާ ވަނީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި މުބާރާތުން އެއްވަނަ އަށް ހޮވޭ ކުއްޖަކަށް 10،000 ރުފިޔާ، ދެވަނަ 7،000 ރުފިޔާ އަދި ތިން ވަނަ އަށް 5،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ވަނައަކަށް ވެސް ފައިސާގެ އިނާމުގެ އިތުރުން ޓްރޮފީ އާއި ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.