English Edition
Dhivehi Edition
މާލެ ސިޓީ

މާލެ ސަރަހައްދުގައި ފާހާނާގައި ފެންބޮޑުވުމުން، އެ ފެންތައް މަގުމައްޗަށް ފައިބާގޮތަށް ބަހައްޓައިފައިހުރި އިމާރާތެއްގެ ވެރި ފަރާތް ޖޫރިމަނާކޮށްފިއެވެ.

އެ ގެއިން ފެން ފައިބާ މަންޒަރު ފެންނަ ވީޑިއޯ ހިއްސާކޮށް، މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ގެއަކުން މަގުމައްޗަށް ފެންފައިބާ މައްސަލަ ފެންމަތިވުމާއި ގުޅިގެން ސިޓީ ކައުންސިލުން އެ ތަން ބަލާ ޗެކުކުރި ކަމަށެވެ.

އެ ގޮތުން ކައުންސިލުން އެ ތަން ބެލިއިރު، އެ ގޭގެ ފާހާނާ ފެންބޮޑުވެގެން ފާހާނާ ތެރެއިން ލޯވަޅެއް ތޮރުފާލައި، ފެން ބޭރަށް ފައިބާގޮތަށް ހަދާފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ކައުންސިލުން ބުނީ މިކަން ކުރި ފަރާތަށް މިހާރު ވަނީ އެ ކަން ރަނގަޅުކުރުމަށް ނޯޓިސް ދެވި، ޖޫރިމަނާ ކުރެވިފައިކަމަށެވެ.

މާލޭގެ ބައެއް ގޭގެއިން މަގުމައްޗަށް ފެން ފައިބާ މައްސަލަ ބޮޑުވެފައިވާއިރު މިހާރު މާލެ ސިޓީ ކައުންސިލުން ވަނީ އެ ގޮތަށް ހުރި ތަންތަން އިސްލާހުކުރުމުގެ މަސައްކަތް ފަށާފައެވެ.