English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ލޫޒަން / ސ. ހިތަދޫ، އާލާ އިބްރާހީމް ރަޝީދު (35އ) އެވެ.

އާލާ އިބްރާހީމް ރަޝީދު ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެންއޮކްޓޫބަރު 18ވަނަ ދުވަހުގެ 11:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އާލާ އިބްރާހީމް ރަޝީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ ކުރިން ރާއްޖެޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އާލާ އަކީ މިދިޔަ އަހަރު ޖުލައި މަހު ވިޔަފާރީގެ މުއާމަލާތްތަކެއްގައި ސައްހަ ނޫން (ފޭކް) ބޭންކް ޕޭމަންޓް ސްލިޕްތަކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން ޚިދުމަތް ހޯދި ކަމުގެ ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވާ މީހެކެވެ. މީގެ އިތުރުން 2018 ވަނަ އަހަރު މާލެއާއި ހުޅުމާލެއިން 3 ކިލޯގެ މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ.