English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ސ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލެއިން ފުރައިގެން މީދޫއަށް ދަތުރުކުރަމުންދާ ބޯޓެއްގައި މީހަކު މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ސ. މީދޫ / އިރާކް، އަބްދުﷲ ޝައުނު (19 އަހަރު) ކަމަށެވެ. އޮކްޓޯބަރު 29 ވަނަ ދުވަހު މީދޫ ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ،

މި މައްސަލައާ ގުޅިގެން އަބްދުﷲ ޝައުނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.