ކުރިއަށް އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާ އިންތިޚާބުގައި، އައްޑޫ މީދޫ ދާއިރާގެ ސެކްރެޓަރީގެ މަގާމަށް ކުރިމަތިލުމަށް ލުބްނާ މަޖީދު މުޚްތާރު ނިންމައި، އެކަން ރަސްމީކޮށް ހާމަކޮށްފިއެވެ. މި ނިންމުމަކީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ދާއިރާގެ މަސައްކަތްތައް އައު ހަކަތައަކާއެކު ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އިންތިޚާބާ ގުޅޭގޮތުން ލުބްނާ މަޖީދު މުޚްތާރު ހާމަކުރެއްވި ގޮތުގައި، އޭނާގެ މައިގަނޑު އަމާޒަކީ އަދި އެންމެ ބޮޑު އެއް އުންމީދަކީ ދާއިރާގެ ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގައި އަންހެނުންގެ ދައުރާއި ބައިވެރިވުން މިހާރަށްވުރެ ބޮޑަށް އިތުރުކުރުމެވެ. މީގެއިތުރުން، އެމްޑީޕީގެ ޙަރަކާތްތައް މީދޫ ދާއިރާގައި އިހުނަށްވުރެ ވަރުގަދަކޮށް، ޕާޓީގެ ގުޅުން އާންމު މެންބަރުންނާ ދެމެދު ބަދަހިކުރުމަކީވެސް އޭނާގެ މުހިންމު މަޤްޞަދެކެވެ.
ދާއިރާގެ ހުރިހާ އެމްޑީޕީ މެންބަރުންގެ އަރިހުން ލުބްނާ އެދިވަޑައިގަންނަވަނީ، އޭނާގެ މި މަސައްކަތަށް ފުރިހަމަ ތާއީދާއި އެއްބާރުލުން ދެއްވައި، މި މަގާމަށް އޭނާ ހޮއްވަވައިދެއްވުމަށެވެ. މިއީ ދާއިރާގެ ކުރިއެރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ލުބްނާ މަޖީދު މުޚްތާރު ވިދާޅުވީ އޭނާގެ ޢަޒުމަކީ ދާއިރާގެ އެންމެހައި މެންބަރުންނާ ގުޅިގެން، އެކުވެރިކަމާއެކު މަސައްކަތްކޮށް، އައްޑޫ މީދޫ ދާއިރާއަށް އުޖާލާ އަދި ކާމިޔާބު ކުރިމަގެއް ހޯދައިދިނުން ކަމަށެވެ. މި ދަތުރުގައި ހުރިހާ މެންބަރުންގެ އިޚްލާޞްތެރި ބައިވެރިވުން ލިބިގެންދާނެ ކަމަށް އޭނާ އުންމީދު ކުރައްވައެވެ.
ލުބުނާ މަޖީދު މުޚްތާރަކީ އައްޑޫ މީދޫ ޑަބްލިއުޑީސީގެ ނާއިބު ރައީސްއެވެ.