English Edition
Dhivehi Edition
އާސަހަރާގެ މަސައްކަތް ނިންމުމުގެ އެއްބަސްވުމުގައި ސޮއިކުރުން ފޮޓޯ: މާލެ ސިޓީ ކައުންސިލް

އާ ސަހަރާގެ މަސައްކަތްތައް ނިންމަން ހަވާލުކުރި ކުންފުންޏަށް އެކަން ނުވުމުން، އަނެއްކާ ވެސް އާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކޮށްފިއެވެ.

މާލޭގެ އާ ސަހަރާގެ ފިނިޝިންގެ މަސައްކަތްކޮށް ނިންމާލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އާ ސަހަރާގެ ފިނިޝިންގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 7 މިލިއަން ރުފިޔާއަށެވެ.

ސިޓީ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރެވެ. ކޮންޓްރެކްޓަރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު، މުޙައްމަދު އައިމަނެވެ.

އާ ސަހަރާ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމޭއިރު ފުރަތަމަ ފްލޯގައި އަންހެނުންނަށް ނަމާދުކުރާނެ ހާއްސަ ޖާގައެއް ކަނޑައަޅާފައިވާއިރު ސަހަރާއަށް އެމްބިއުލާންސް ވަނުން ސަހަރާގެ ފަހަތު ގޭޓަށް ބަދަލުކުރާނެއެވެ، އަދި ދޮޅިދާންގޭގެ މައްޗަށް 35 މީހުންގެ ޖާގައިގެ ވީއަޕީ ފެންވަރުގެ ތިން ލައުންޖެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު ކޮންމެ ލައުންޖެއްގައި ދެ ފާޚާނާއާއި ގާތުންދޭ މައިންނަށް ޚާއްސަ ޖާގަ ހުންނާނެއެވެ. މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭފަދަ ފާޚާނާއެއް ހުންނާނެއެެވެ،

މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި އާސަހަރާ މަރާމާތުކުރުމަށް ބަންދުކޮށްފައިވާއިރު އެކަން އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެކަމަކު އެއް މަސް ދުވަހަށް ހަވާލުކުރި އެ މަސަައްކަތް ނުނިމި، ދިގުލައިގެން ދިއުމުން ކައުންސިލުން އެއްބަސްވުން ބާތިލުކުރިއިރު، އޭރު އެ ކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފައެވެ. އަދި ފަހުން މާލެ ސިޓީ ކައުންސިލުން ވަނީ އެ މަސައްކަތް ބީސިކްސް އިވެންސްޓްމަންޓަށް 4.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ބުނީ އެ ފަރާތާ ހަވާލުކުރީ އާ އިމާރާތުގެ ސްޓްރަކްޗާ ނިންމަން ކަމަށާއި އެކަން ނިންމާފައިވާ ކަމަށެވެ.