English Edition
Dhivehi Edition
ނަގޫރޯޅި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، ށ. ޅައިމަގަށް އެރި ބާރުގަދަ ނަގޫރޯޅިއެއްގެ ސަބަބުން އެ ރަށުގެ ގެތަކަށާއި ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ޅައިމަގަށް އެރި ނަގޫރޯޅީގައި ހަތަރެއް ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި ބާރު ވަޔާއެކު ފުރާޅުތައް އެއްލައިލުމުގެ ސަބަބުން، ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި، އެ މީހާއަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ރަށު ކައުންސިލާއި ކަމާބެހޭ އިދާރާތައް ގުޅިގެން، ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކަމާގުޅޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ، ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. މެޓް އޮފީހުން އާންމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ މަތީގައި އަދިވެސް ވަނީ ބޯ ވިލާތަކުން ފުރިފައެވެ.

ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައިގައި ރޭ ދެކުނުގެ ބައެއް ރަށްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ގއ. ކޮލަމާފުށްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބައެއް ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ ގެއްލުންތައް ވެފައިވާ އިރު، އެ ރަށުން ކަރަންޓުގެ ހިދުމަތް ވެސް މެދުކެނޑުނެވެ. މި ދުވަސްވަރު ކުއްލިއަކަށް އަންނަ ވިލާގަނޑުތަކާއި ނަގޫރޯޅި ފަދަ ނުރައްކާތަކުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.