English Edition
Dhivehi Edition

“ބޭރުމީހަކާ ނުގުޅޭތި.” އަހަރެންގެ މަންމަ އަބަދު ބުނާނެއެވެ. “ކަނބުލޯ ތީ ދިވެއްސެއް. އެމީހުންނަކީ ބޭރުމީހުން. ކޮންމެފަދަ ގޮތެއް ވެސް ހަދާފާނެ.”

އެކަމަކު ދިވެއްސަކާ އަހަރެން ގުޅޭކަށް ވެސް މަންމަ ފުރުސަތެއް ނުދެއެވެ. އަހަރެންގެ ހަޔާތަށް އެކަކުވެސް ނުގެނެވިގެން އުޅެނީ މަންމަގެ ރުހުން ނުލިބިގެންނެވެ. އަހަރެން މީހަކަށް ފޯނެއް ކޮށްލިޔަސް ވާހަކައެއް ދައްކާލިޔަސް މަންމަ އެކަން އޮޅުންފިލުވާނެއެވެ. އެއީ ކާކުތޯ ބަލާނެއެވެ. އެންމެ ފަހުން މަންމައަށް ކަމުނުގޮސްގެން އެކަންތައް ޖެހެނީ ހުއްޓާލާށެވެ. ބައްޕަ ނިޔާވިފަހުން މަންމަ އުޅެނީ އަހަރެން މައިކްރޮސްކޯޕެއްގެ ދަށަށްލައިގެންނެވެ. ގޭގައި ހުރި ހަމައެކަނި އަންހެންކުއްޖަކަށް ވުމަކީ ފަސޭހަކަމަކަށް ނުވަނީ މިހެންވެއެވެ. މަންމައަށް ނޭނގޭ ގޮތަކަށް އަހަންނަށް ނޭވައެއްވެސް ނުލެވޭނެތީއެވެ.

އެންމެ ފަހުން މަންމައަށް އިވުނީ އަހަރެން ބޭރުމީހަކަށް ކިޔަވާދޭވާހަކައެވެ. އަހަރެން ހުރީ އެވާހަކަ ނުބުނަން ކަމަށެވެ. އެކަމަކު ކޮންމެވެސް ގޮތަކުން މަންމައަށް އެނގިއްޖެއެވެ.

އީތަންއަކީ އެމެރިކާގެ މީހެއްނަމަވެސް އޭނާގެ މަންމައަކީ ދިވެއްސެކެވެ. އޭނާ ދިވެހިބަސްކިޔަވަން ޝައުގުވެރިވެ އެންމެ ފަހުން ރާއްޖެ އައީއެވެ. އޭނާއަށް ކިޔަވާ ދޭން އަހަންނަށް ދިމާވީ އިއްތިފާގަކުންނެވެ.

އީތަން އަކީ އަހަރެންގެ ފުރަތަމަ ދަރިވަރުވެސް މެއެވެ. އާމުލީ ދިވެހި ސްކޫލް ސީނިއަރ ޓީޗަރެއްގެެ ގޮތުން އަހަންނާ ހަވާލުކުރެވެނީ ޚާއްސަ ދަރިވަރުންނާއެވެ. މަންމަން ކުދިންނާއި ބީރު ކުދީންނެވެ. މިއީ އަހަރެން ވަރަށް ޝައުގުވެރިވާ އަދި ކުރާހިތްވާ ކަމެކެވެ. އަހަންނަށް އީތަންއަށް ކިޔަވާ ދިނުން ހަވާލު ކުރެވުނީވެސް ޚާއްސަ މަސައްކަތެއްގެ ގޮތުންނެވެ.

އީތަންއަށް ދިވެހި ދަސްކޮށް ދިނުންވީ އަހަރެން ހީކުރިވަރަށް ވުރެން ފަސޭހަ އަދި މަޖާކަމަކަށެވެ. އޭނާ ދަސްކުރާލެއް އަވަސްކަމުންނެވެ. ވާހަކަ ދައްކާގޮތް މަޖާކަމުންނެވެ. އުނދަގުލީ އެންމެ ކަމެކެވެ. އެއީ އޭނާގެ ކުރިމަތީގައި ކޮންމެ ރެޔަކު ގަޑި ދެގަޑިއެއްހާ އިރު ހޭދަ ކުރަން ޖެހޭކަމެވެ. އޭނާ ކިޔާ އެއްޗެއްސާއި ބުނާގޮތާމެދު ނުހޭން ހިތްވަރު ކުރަން ޖެހެއެވެ. އޭނާގެ ވިލު ނޫކުލައިގެ ތޫނު ލޮލަށް ނުބެލުމަށް މިންނަތް ކުރަންޖެހޭކަމެވެ. ކްލާސް ނިންމާފައި ގެޔަށް އައިސް އެނޫން ޚިޔާލެއް ނުކުރެވޭތީއެވެ.

އަހަރެން އީތަންގެ ސިފަ މަންމައަށް ކިޔާދިނީމެވެ. އިސްކޮޅުން ދިގެވެ. ވަރަށް ދޮނެވެ. އެކަމަކު އެ ދޮންކުލައިގައި ދިވެހިންގެ ހަމުގެ މަޑު މުށިކުލައެއް ހުރެއެވެ. އިސްތަށިގަނޑު ހުންނަނީ ރަތުރަނުގެ ކުލައެވެ. ލޮލުގައި ހުންނަނީ ނޫ ވިލު ކުލައެވެ.

މަންމައަށް އޭނާ ނުފެނި އޭނާގެ ފުރިހަމަކަން ތަސައްވަރު ކުރާނީ ކިހިނެއްހެއްޔެވެ؟ އަހަރެންނަށް ކިޔާ ދެވޭނީ ބައެއް ކަންތަކެވެ. އޭނާގެ ބެލުމާއި އެހިނިތުންވުމުގައި ވާ ޖާދޫއެއް މަންމައަށް ސިފަކޮށްދޭނީ ކިހިނެއްހެއްޔެވެ؟ އަހަރެން މިވަނީ އެޖާދޫގައި ކިތަންމެ ރަނގަޅަކަށް ވެސް ޖެހިފައެވެ. މިއަކީ އަހަރެން އެއްބަސްވާހިތްވާ ކަމެއް ވެސް ނޫން މެއެވެ. އަދި އަހަންނަށް ހާސިލު ކުރެވޭނެ ކަމެއްވެސް ނޫނެވެ. އެހެންކަމުން އަހަރެން ހިތްވަރުކުރީ އަހަރެންގެ ހިތުގެ މި ފުން ޝުއޫރުތައް އެކަކަށްވެސް ނޭންގުމަށެވެ. އަމުދުން މަންމައަށެވެ. އީތަންއަށެވެ. ޚުދު އަހަރެންގެ އަމިއްލަ ނަފްސަށްވެސް އަހަރެން ބޭނުންވީ އެކަން ސިއްރު ކުރާށެވެ.

އަހަރެން އީތަންއާ މެދު ކިޔާދިން ސިފަތަކާމެދު މަންމައަކަށް ނުގަބޫލެއް ނުވެވެއެވެ. މަންމަ ނުރުހެނީ ބޭރު މީހެއް ވީމައެވެ. އެހެން އެވަނީ މަންމަގެ ދައްތައަކަށް ދިމާވެފައިވާ ދެރަގޮތަކާ ހެދިއެވެ. އެއީ ވެސް އެމެރިކާގެ މީހެކެވެ. ހައްވައިންތަ އެމީހާއާ އިނދެގެން ދިޔަފަހުން ދެން މާގިނަ ދުވަހެއް ނުވެ އިވުނީ އެދައްތަ މަރުވި ޚަބަރެވެ. އެކަން ހިނގިގޮތެއް މަންމަމެނަކަށް ނޭނގެއެވެ. އެއީ އިރާގު ހަނގުރާމައިގެ ދުވަސްވަރެވެ. ޑީން ޖޭމްސް މަންމައާ ގުޅާނެ ގޮތެއްވެސް ނޯންނާނެއެވެ. އަހަރެމެން އޭރު ރަށްދޫކޮށް މާލެ އަތުވެއްޖެއީމެވެ. އަހަރެންނާއި ދެންތިބި ދެ ފިރިހެން ކޮއްކޮމެންނަށް ކިޔަވާ ދިނުމަށެވެ.

ހައްވައިންތައަކީ ވަރަށް ރީތި އަންހެނެކެވެ. މަންމައާ އެއްބަނޑު އެންމެ ދޮށީ ދައްތަގެ އަންހެން ދަރިއެވެ. މަންމަދެކެ އޭނާ ވަރަށް ލޯބިވާނެއެވެ. ހައްވައިންތަ ފުރައިގެން ދިޔައިރު އަދި އަހަރެން ދުނިޔެއަކަށް ނާދެއެވެ. މާލެއަތޮޅު ހިންމަ ފުށްޓަށް އައިސް ހުރުމުގެ ތެރޭގައި ޖޭމްސްއާ ދައްތަ ގުޅުނީއެވެ. މާ ގިނަ ދުވަހެއް ނުވެ އެ ދެމީހުން ކާވެނިކޮށްގެން ފުރައިގެން ދިޔައީއެވެ. ހައްވައިންތަ ބަލިވެ އިންކަން އެންގުމަށް ފޮނުވި ޕޯސްޓުކާރޑްގެ ފަހަކުން ދައްތަގެ ފަރާތުން އެއްވެސް ޚަބަރެއް ނުވިއެވެ. ފަހުން އެ ކާޑްވެސް ގެއްލުނީއެވެ.

ހައްވައިންތައަށްވެސް ލިބިފައިވަނީ އާއިލާގެ ކަޅުކަމެވެ. އަހަންނަށްވެސް ލިބިފައިވަނީ އެ ކަޅު ކުލައެވެ. އަހަރެން ކަޅުކަމުން ސްކޫލުގައި އެތައް ނަމެއްކިޔައެވެ. އާންމުކޮށް ކިޔާނީވެސް ޑާކް މީތާ ނޫނީ ޑާރކް މެޓާސްއެވެ. ކުރީކޮޅު އަހަރެން މިކަމާ ދެރަވެއެވެ. ލަދުވެސްގަނެއެވެ. އަބަދު ހުންނަނީ މޮޅިންނެވެ. އެހެންނަމަވެސް މި ކުލަޔަކީ އަހަރެންގެ ހަޔާތުން ދުވަހަކުވެސް ނުފިލާނެ ކުލައެއްކަން ފަހުން ގަބޫލު ކުރަން ޖެހުނެވެ. މިއީ އަހަރެންގެ ތަގްދީރެވެ. އެހެންކަމުން މިހަގީގަތާ އަހަރެން ކުރިމަތިލީމެވެ.

އަަހަރެން ކިތަންމެ ކަޅަކަސް ޒުވާން ފިރިހެންކުދިންގެ ނަޒަރު އަހަންނަށް ހަނާއަޅާލެކެއް މަދެއް ނޫނެވެ. އަސްލުގައި ކުލާހުގެ އެހެން ކުދީންނަށް ވުރެން އަހަރެންގެ ޑިމާންޑް ވަކި ކުޑައެއް ނޫނެވެ. ވިޔަސް އަހަރެން ގަސްތުކުރީ ސްކޫލް ނިމުމުގެ ކުރީގައި އެއިން އެއްވެސް ހަނާއެޅުމަކަށް އިޖާބަ ނުދިނުމަށެވެ.

ސްކޫލު ދުވަސްވަރު އަހަރެން ދިވެހި މާއްދާއިން ހޯދި މާރކްސްގެ ނަތީޖާއެއްގެ ގޮތުން އަހަރެންނަށް ދިވެހި ޓީޗަރެއްގެ ޕާރޓްޓައިމް ވަޒީފާއެއް ވަރަށް ފަސޭހައިން ލިބިއްޖެއެވެ.

އީތަންއަކީ ކުޅިވަރު ކުޅޭ މީހެކެވެ. ޚާއްސަކޮށް ރެސްލިންގ އެވެ. އޭނާގެ ހަށިގަނޑު ހިމަތޮޅިކަމަށް ދައްކަނީ ތަންކޮޅެއް ދިގުކަމުންނެވެ. އޭނާގެ ފުރިހަމަ ކަމުގެ އަސަރު އަހަރެން އެއްބަސްވާން ނުރުހޭ ވަރަށް އަހަންނަށް ފޯރަމުން ދެއެވެ. އޭނާއަކީ އެމެރިކާގެ ދަރިޔަކަށް ވީފަދައިން ދިވެހި ދިވެހިވެސް ދަރިޔެކެވެ. ދިވެހި މަންމަައެއްގެ ދިވެހި ލޭ ހިނގާ ޒުވާނެކެވެ. ހުރިހާގޮތަކުންވެސް ފުރިހަމަކަން ލާމަސީލެވެ.

އަހަރެންނަށް އޭނާ ފެނުނު ފުރަތަމަ ވަގުތު ވެސް އޭނާ ދެކެ ލޯބިވެވިއްޖެއެވެ. އެކަމަކު އަހަރެންގެ ހިތުގެ ޖަޒުބާތާ ދެކޮޅު ހެދީމެވެ. އެނާ ދެކެ ލޯބިނުވުމަށް ގަސްތު ކުރީމެވެ. އޭނާ ދެކެ ނަފްރަތު ކުރަން އަހަރެން ބޭނުންވިއެވެ. އެހެން ނަމަވެސް އަހަރެން އެތެރޭން އަނދަމުން ދިޔަ އަލިފާން ނަފުސަށް ނުތަކާ ވަރުވެއްޖެއެވެ. އޭނާ އަހަންނާ ގުޅޭނެ ކަމުގެ ކުޑަވެސް އުންމީދެއް އަހަންނަކަށް ނެތެވެ. އަހަރެމެން ވިސްނާގޮތާއި ކަންކަމާމެދު ދެކޭ ގޮތާ ގަބޫލުކުރުންތައްވެސް އެހާ ތަފާތުވާނެއެވެ.

އީތަންއަށް ކިޔަވާ ދިނުމަކީ ފަސޭހަކަމަކަށް ވުމުގެ އިތުރަށް ކުރާހިތްވާ ކަމެއް ވެސް މެއެވެ. އޭނާ ބައެއް ދިވެހި ބަސް މާނަ ކުރާގޮތް ވެސް އެހާ މަޖަލެވެ.

އެއްފަަހަރު ނޯޓުފޮތުގައި ލިވަރ އެގް ޑޭޓްސް ލިޔެފައި އޮތްވާ ފެނުނެވެ. އޭގެ މާނައަކަށް އޭނާ ލިޔެފައި އޮތީ މޭބިސްކަދުރެވެ. އަހަރެންގެ ގާތަށް ވަރަށް ހިނިއައެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ސީރިއަސް ވީމެވެ.

އީތަން އަހަންނާމެދު ކިތަންމެ ވަރަކަށްވެސް ސަމާލުކަން ދޭން މަސައްކަތް ކުރިއެވެ. އަހަންނަށް އެކަން ފާހަގަ ކުރެވެއެވެ. ލިޔަން ހަވާލުކުރާ އެއްޗެއްސަށް އޭނާ ދީފައި ހުންނަ ޖަވާބުތައް ވެސް ހުންނަނީ ފުން މާނަތަކެއް އެކުލެވޭ ގޮތަކަށެވެ. އެހެންނަމަވެސް އެކަންތައް އަހަރެން އެނގޭކަމަކަށް ނަހަދަމެވެ. ކްލާސް ނިމުމުން އަހަރެން އޭނާއަށް އިތުރު ފުރުސަތެއް ނުދީ އަވަހަށް ދަނީއެވެ.

އެ 8 ހަފުތާ ނިމިގެން ދިޔަ ގޮތް ވެސް ނޭނގެއެވެ. އީތަން ކޯސް ނިންމާލިއެވެ. ފުރިހަމަޔަށް ފާސްވިއެވެ. އެނާގެ ޓެސްޓް ހެއްދެވީ ސޯދުބެ އަމިއްލަޔަށެވެ. އޭނާ ވަނީ ފުރިހަމަ އެއްވަނަ ހާސިލު ކޮށްފައެވެ. ދިވެހިބަހުން ރަނގަޅަށް ވާހަކަ ދައްކަން މިހާރު ވަނީ އެނގިފައެވެ. އެހެންނަމަވެސް އަދިވެސް ވާހަކަ ދެއްކުން ލަހެވެ. ބައެއް ފަހަރު ބުނާ ގޮތުން ތަފާތު މާނައެއް ނެގެއެވެ. އެހެންނަމަވެސް އެކަންތައް ފުރިހަމަވާން ދުވަސްކޮޅެއް ނަގާނެކަމަށް ސޯދުބޭވެސް ވިދާޅުވިއެވެ.

އީތަންގެ ކޯސް ނިމުން ފާހަގަ ކުރުމަށް ކުޑަސަޔެއް ބޭއްވުނެވެ. މި ސަޔަށް ސޯދުބޭއަށް ވެސް ދައުވަތު ދީފައި އޮތުމާއެކު އަހަންނަށް ވެސް ދިއުމަށް މަޖްބޫރުވިއެވެ. އަހަރެމެން ދިޔައީ ޑޮލްފިންއަށެވެ. އެހެން ހުރިހާ ތަނެއް ފުރިފައި އޮތީމައެވެ.

އެއީ ރީތި ހަނދުވަރީ ރެޔެކެވެ. ހުޅުލެއާ ދިމާއިން އަރަމުން އައި ބޮޑު ހަނދަށް އީތަންގެ ނަޒަރު ހުއްޓިފައިވާތީ އަހަރެން ދުށީމެވެ. އެއީ ކިހާ ދޮން މޫނެއް ހެއްޔެވެ. ރިހިކުލައިން ދިއްލިފައިވެއެވެ. އެއާ ޚިލާފަށް އެ އަނދިރީގައި އަހަރެންގެ މޫނު އޭނާއަކަށް ނުވެސް ފެންނާނެއެވެ. އޭނާ އަހަންނަށް ނުބަލާ އިންނަނީ އެހެންވީމާކަންވެސް ނޭނގެއެވެ.

ސޯދުބޭއާ އޭނާ ވާހަކަ ދައްކަމުން ދިޔައީ ރީތި ދިވެހި ބަހުންނެވެ. އެކަމަކު ލަސްލަހުންނެވެ. ބައެއް ފަހަރު އިންގްލިޝްއިން އެއްޗެއް ބުނެލަން ޖެހެއެވެ. ނުވަތަ އޭނާ އުފައްދާ ބަހެއް ބޭނުން ކޮށްލައެވެ. އެއްފަހަރު އެ ދިމާ ދުރުން ރަށެއް ދައްކާފައި އޭނާ ބުންޏެވެ. އެއީ ބަރޑް ޓަންގ ދޯއެވެ. އެއީ ހަމަ އޭނާގެ އާދައެވެ. ހީވެސް ނުކުރާގޮތަކަށް ދިވެހި ބަހެއް މާނަ ކޮށްފާނެއެވެ. އަހަރެން ހައިރާންވެފައި އިންދާ ސޯދުބެ އެބަސް ރަނގަޅު ކޮށް ދިނެވެ.

ދިވެހިރާއްޖޭގެ ރަށްރަށުގެ ނަމުގެ ފަހަތަށް އެއަންނަ ދޫ އެއީ އަހަރެމެން މި ކިޔާ “ދުލެއް” ނޫން. އޭގެ މާނައަކީ ރަށް.” ސޯދުބޭ ބުނުއްވިއެވެ. “ތިރަށަށް ކިޔަނީ ދޫނިދޫ. އެއީ ކުރީގައި ދޫނީގެ ރަށެއް.”

އަހަރެން ގާތައް އައި ހިނި މަތަ ކުރެވޭތޯ ބެލީމެވެ. އީތަން މިކަހަލަ ބަސް ހަދާތީ އަހަރެން ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. ހިނިއަންނަވަރުންނެވެ. ދަރިވަރަކާ ސަމާސާ ކުރުމަކީ އަހަރެން ނުކޮށް ވޭތޯ ބަލާކަމެކެވެ. އެކަމަކު މިހާރު އީތަންއަކީ އަހަރެންގެ ދަރިވަރެއް ނޫންކަންވެސް އެނގެއެވެ. އެކަމަކު އަހަރެން މީ ހަމަ ގައިމު އޭނާގެ އެއް އިރެއްގެ ޓީޗަރެކެވެ. މިއީ ދުވަހަކުވެސް ބަދަލު ނުވާނެ ހަގީގަތެކޭ އަހަރެންގެ ހިތަށް އެރިއެވެ.

“ތިހެން ވެއްޖެއްޔާ އެ ފެންނަނީ ޖޮއިންޓް ބްލަޑް.” ސޯދުބެ ވެސް އެކަހަލަ ބަހެއް ހައްދަވައިފިއެވެ. “އެބުނަނީ ކީކޭތަ؟”

“ސިމްޕަލް” އީތަން އަވަހަށް ބުނެލިއެވެ. “ހުޅުލޭ!”

“ރަނގަޅު.” ސޯދުބެ ބުނުއްވިއެވެ. “ވަރަށް މޮޅު، ވަރަށް ފުރިހަމަ. މީތާއަށް ހުރިހާ ޝުކުރެއް.”

އެރޭ ވަކިވަމުން އީތަން އޭނާގެ އެޑްރެސްކާރޑް އަހަންނަށް ދިނެވެ. އޭނާ ވަރަށް އަވަހަށް ޔޫއެސްއަށް ދާން ފުރާނެ ވާހަކަ ބުނަމުންނެވެ.

“ތިހާ މޮޅު ޓީޗަރަކާ ގުޅުން ބާއްވަން ބޭނުން.” އީތަން ހިތުގެ އަޑީން ބުނެލިއެވެ. “ތިއީ އަހަރެން ދުށް އެންމެ ހިތްގައިމު ޓީޗަރ. މައިފެވް.”

އޭނާ އަހަރެންގެ އަތުގައި ހިފެހެއްޓީ ސަލާމް ކުރުމަށް ނަމަވެސް އޭނާ ބޭނުންވީ އަހަރެންގެ އަތް އޭނާގެ އަތުގެ ތެރޭގައި އަބަދުވެސް ބާއްވަންކަން އެ ހިފެހެއްޓި ގޮތުން ދޭހަވިއެވެ. އެއީ އަހަރެންވެސް އެންމެ އެދޭގޮތެވެ. އެހެންނަމަވެސް އާދައިގެ މަތީން އަހަރެންގެ ހިތް އަހަރެންގެ ޖަޒްބާތުގެ މައްޗަށް ބާރު ފޯރުވައިފިއެވެ.

“ތިއީ ވަރަށް މޮޅު ދަރިވަރެއް.” އަހަރެންވެސް މިހެން ބުނެލައި ކުރުކޮށްލީމެވެ. އެކަމަކު ބުނަން ހިތުގައި އޮތީ މުޅީން އެހެން ވާހަކައެކެވެ.

އެ ހިތްގައިމު ހަނދުވަރީ ރޭ އެ ޖާދުވީ ވަގުތު އީތަން އަހަރެންގެ އަތުގައި ހިފަހަށްޓާލައިގެން ހުރިގޮތުން އަހަރެންގެ މުޅި ހަށިގަނޑަށް ފޭދިގެން ދިޔަ ޖާދުވީ އިލެކްޓްރިކެއްގެ ބާރަކީ މީގެ ކުރީގައި އަހަރެން ދުވަހަކުވެސް އިހްސާސް ކޮށްފައި ނުވާފަދަ ކަމެކެވެ. އެރޭގެ ނިދި އަހަންނަށް އަލްވަދާއު ކީ އެކަމާ ހެދިއެވެ. އަހަރެންގެ ގަދަ ހިންމަތަކުން އީތަންގެ ޚިޔާލެއް ހަމަ އެއްގޮތަކަށް ވެސް ސިކުނޑިން ފިލުވައެއް ނުލެވުނެވެ. އަހަރެން އެގޮތަށް އެނދުމަތީގައި ފުރޮޅި ފުރޮޅި އޮތީ ގަރުނަކަށް ވުރެންވެސް ދިގު މުއްދަތަކަށް ކަމަށް ހީކުރެވުނެވެ. އީތަން ފުރައިގެން ދާނީ މާދަމާ ނޫން ކަމެއް ވެސް ނޭނގެއެވެ. އޭނާގެ އަތުގައި އަހަރެންގެ ފޯނުނަމްބަރެއް ވެސް ނޯންނާނެއެވެ. އަހަރެންނާ ގުޅޭނެ އެއްވެސް ގޮތެއް އޭނާއަކަށް ނޯންނާނެއެވެ.

ހިތުގެ ޝުއޫރު ފޮރުވުމަކީ ނަފުސަށް ލިބިގަނެވޭނެ އެންމެ ބޮޑު އަނިޔާއޭ އަހަރެންގެ ހިތަށް އެރިއެވެ. މާދަމާ ކޮންމެވެސް ގޮތަކުން އީތަން ހޯދާނީއޭ އަހަރެންގެ ހިތަށް އެރިއެވެ. އޭނާ ފުރުމުގެ ކުރީގައި އަހަރެން އޭނާ ދެކެ ލޯބިވާވަރު ހާމަކޮށްދޭނަމޭ ހިތަށް އެރިއެވެ. ބަދުނާމު ވިޔަސް ލަދު ގަތަސް ގަންނާނީ ހަގީގީ ސަބަބަކާހެދިތާއެވެ. މިކަން އަހަންނަށް މިއޮތީ މަޖްބޫރުވެފައެވެ. އެއީ އަހަރެންގެ ހިތުގެ މަޖްބޫރީއެކެވެ.

އަހަރެން ހެނދުނު ހެނދުނާ ހޭލައިގެން ނަސަންދުރާ ކާރިއަށް ގޮސް ޖެޓީމަތީގައި ހުރީ އީތަން ފުރަންދާ ވަގުތަކަށް އިންތިޒާރު ކުރާށެވެ. ދެރަކަމަކީ އޭނާގެ ފުލައިޓް އޮތް އިރެއްވެސް އަހަންނަށް ނޭނގޭތީއެވެ. މިތަނުގައި މިހެން ހުންނަން ޖެހޭނީ ކިހާއިރަކު ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ކުރާނެ ކަމެއް ނެތްތާއެވެ. މިއޮތީ މީހަކަށް މީހަކު ދެކެ ލޯބިވެވިފައެވެ.

އަހަރެންގެ ހިތުގެ މޮޔަކަމާއި ކުރެވޭ ސޭކުކަންތައް ހިތަށް އަރާފައި ވަރަށް ރަކިވެއްޖެއެވެ. އަވަހަށް މިތަނުން ދާންވީއެވެ. މޮޔައިން އުޅޭ ރަށަށެވެ. އީތަން އާ އަހަރެންނަކީ ކިހާ އެކަށީގެން ނުވާ މީހެއްކަން އަހަރެންގެ ހިތަށް ވަދެ އަހަރެން މުޅިން ރާޑިކޮށްލައިފިއެވެ. މިވާހަކަ މީހަކަށް އެނގިއްޖެއްޔާ އެމީހުން ކުރާނެ މަލާމާތް ހިތަށް އެރިއެވެ. ހަމަ ގައިމުވެސް މަންމަ ގަބޫލެއް ނުވާނެއެވެ. އެންމެ ބޮޑު މައްސަލައަކީ އީތަންގެ ވިސްނުން ހުރީ ކޮންގޮތަކަށް ކަންވެސް ނޭނގޭތީއެވެ. އަހަރެން ކަހަލަ ކަޅު ކުއްޖަކާ އޭނާ ރުހޭނެހެއްޔެވެ؟ އަހަރެންގެ ގަބޫލުކުރުންތަކާ އޭނާ ގަބޫލު ކުރާގޮތެއް ކިހާ ނުގުޅޭނެ ހެއްޔެވެ؟ މިކަމަކަށް އެއްވެސް އުންމީދެއް ނެތެވެ. އަހަރެން ގެޔަށް ދާން ހިނގައިގެންފީމެވެ. ނާއުންމީދުގެ ތޫނު ޚަންޖަރުން ކެފި ކުދިކުދިވެފައިވާ ހިތަކައިގެންނެވެ.

“ދަރިފުޅާ، ކޮންތާކަށްތަ މިހާ ހެނދުނާ ތިޔަ ދިޔައީ ސައިވެސް ނުބޮއި؟” މަންމަގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. “ދެންމެއަކު އީތަން މިގެއަށް އައި ދަރިފުޅާ ބައްދަލުކުރަން.”

“އީތަން؟” އަހަންނަށް އަހާލެވުނެވެ. “ކޮބާ އޭނާ؟”

“ހިނގައްޖެ ފުރަން ދާން.” މަންމަ ބުނެލިއެވެ. “ފުރުމުގެ ކުރީގައި ދަރިފުޅާ ބައްދަލުކޮށްލަންވެގެންނޯ.”

އަހަރެންނަށް ރޮވިއްޖެއެވެ. މަންމައަށް އެއްކަމެއްވެސް ފޮރުވުމަކީ އަހަންނަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެހެންކަމުން އެ ހުރިހާ ވާހަކަތަކެއް އެންމެފަހުން މަންމައަށް ކިޔާ ދީފީމެވެ.

“އީތަން އަކީ ކާކުކަން އަހަންނަށް އެނގިއްޖެ. އެއީ ހައްވައިންތަގެ ދަރިފުޅުކަން ވެސް. ” މަންމަ އަވަސް އަވަހަށް ކިޔާދިނެވެ. ” އަހަންނަށް ޖޭމްސްއާ ބެހޭގޮތުން ކުރެވުނީ ކުށްހީއެއް. ހައްވައިންތަގެ ފުރާނަ ސަލާމަތްކުރެވޭތޯ ޖޭމްސް ވަރަށް މަސައްކަތް ކުރި. އެއީ ކެންސަރުގެ މުޅިން އާ ބާވަތެއް.”

ދެންވެސްވާހަކަ ދެއްކީ މަންމައެވެ. “ދަރިފުޅު އަވަހަށް ހުޅުލެއަށްދޭބަލަ ފުރުމުގެ ކުރީގައި ދިމާވޭތޯ. އަހަންނަށް ހީވަނީ ދަރިފުޅުގެ ހަޔާތަށް ތިޔަ ހޯދާ މީހަކީ އެއީ ހެން.”

އަހަންނަށް އެއާޕޯޓަށް ދެވުނުއިރު އީތަން ޗެކްއިން ކޮށްފިއެވެ. ނާއުންމީދުގެ ތޫފާނެއް އައިސް އަހަރެންގެ ވަށާލައިފިއެވެ. ހީވީ މުޅި ދުނިޔެ އެނބުރިގަތްހެންނެވެ. ކުރީގައި އެނގިފައި ނުވާފަދަ ޒަލްޒަލާއެއް އައީ ހެންނެވެ.

ވަށައިގެން މީހުން ކަންބޮޑުވެގެން ދުއްވައިގެންފިއެވެ. ކުއްލިއަކަށް ވައިގެ ބަނދަރު އެލާރޓަށް އަތުވެއްޖެއެވެ. ބިޔަ ރާޅުތަކެއް ވަށައިގެން އަރައިގެންފިއެވެ. ފްލައިޓްތަކުގެ އުދުހުން ވަގުތުން ހުއްޓާލެވުނެވެ. އެއާއެކު މުޅި ރާއްޖެ ހުއްޓުމަކަށް އަތުވެއްޖެއެވެ.

ރާޅު އަރަންފެށީ އެއާޕޯޓަށް އެކަނި ނޫންކަން އެނގުނީ ފުރަން ދިޔަ މީހުންނަށް ވެސް މާލެ ދެވޭނެގޮތެއް ނެތި ތާށިވުމުންނެވެ. ލޯންޗްތަކާއި ބޯޓްތައް އައިސް އެއްގަމަށް ލައްގަން ފަށައިފިއެވެ. އަހަރެންގެ ހަޔާތުގައި މިހާބޮޑު ހާދިސާއަކާ ކުރިމައްޗެއް ނުވެއެވެ.

އަހަރެން އަވަހަށް މާލެ ދެވޭނެ ގޮތެއް ފެނޭތޯ ޖެޓީމައްޗަށް ގޮސް ހުރީމެވެ. އެއާއެކު އެތައް ގިނަ ޕަސެންޖަރުންވެސް އެތަނަށް ޖަމާވާން ފަށާފައިވެއެވެ. އެހެންނަމަވެސް އެއްވެސް ތަނަކާ މުވާސަލާތީ ގުޅުމެއްނެތުމުން ވެގެން އުޅޭގޮތެއް އެކަކަށް ވެސް ނޭނގެއެވެ.

ސުނާމީއެކޭ މީހަކު ބުނި އަޑު އެހީމެވެ. އެހެންނަމަވެސް އެޔަކީ އަހަންނަކަށް ދޭހަވާ ބަހަކަށް ނުވިއެވެ. އެހެން ހާސްކަން މަތީގައި އުޅެމުންގޮސް މީހުންތައް އަރާ ފުރިބާރުވެފައިވާ ފެރީދޯންޏަކަށް އެރޭތޯ އަހަރެންވެސް އުޅެގަތީމެވެ.

އެވަގުތު އުދަބާންޏެއް އައިސް ފާލަމާ ދޯނި ދުރަށް ޖައްސާލިއެވެ. އެއާއެކު އަހަންނަށް އެހެން މީހަކު އެހީތެރި ނުވިނަމަ އަހަރެން މޫދަށް ވެއްޓުނީސްކަން ޔަގީނެވެ.

އަހަރެންނަށް ދޯނިތެރޭ ކޮޅަށް ހުރެވުނީ އޭނާގެ އެހީތެރިކަމުގައިކަން ވިސްނިގެން އެނބުރި ބަލާލިއިރު ކުރިމަތިވީ އަދި އެއަށް ވުރެންވެސް ބޮޑު ތޫފާނެކެވެ. ކުރިމަތިން ފެންނަން އޮތް ވިލުނޫކުލައިގެ ކަޅިއެއް އަހަރެންގެ ލޮލާ އަމާޒުވެ ތަޅުލެވިފައި ހުއްޓެވެ.
“އީތަން!” އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ.

” އާނ. … އަހަރެން މިހިރީ އެނބުރި އައިސް.” އޭނާގެ މޫނު އަހަންނާ އެހާ ކާރިންފެނުމުން ސިހިގެން ދިޔައެވެ. “ހަމަ އެކަނި ފޯރ ޔޫ!”

އޭނާ ލަހެއްނުވެ އަހަރެންނަށް ލޯބީގެ ބޮހެއް ދިނެވެ. ވަށައިގެން ބަލަން ތިބި މީހުން އެހާސްކަން ބޮޑުވަގުތުވެސް ބަލަހަށްޓައިގެން ތިބީ އަހަރެމެން ދެމީހުންނަށަށެވެ. އެކަމަކު އެއިން މީހަކު ބުނާނެއް އެއްޗަކަށް ބަލާލުމެއް ނެތި އަހަންނަށް ވެސް އެ ސަލާން ކުރުމަށް އިޖާބަ ދެވުނެވެ.

އަހަރެންމެންގެ ލޯބި ފެށުނީ އެ ތޫފާނީ ދަތުރުންނެވެ. އެހެންނަމަވެސް ހުރަސްކުރަން ޖެހޭ އެހެން އެތަކެއް ހުރަސްތަކެއްވެސް އެބަހުރިކަން އަހަންނަށް ގަބޫލު ކުރެވެއެވެ. އެކަމަކު ކޮންމެ ހުރަހެއްވެސް ގިރާ ކުރެވޭނެ ގޮތެއް އޮންނާނެއެވެ. އެހެންކަމުން އެކަންތަކުގެ ހައްލަކަށް ވެސް އޮތީ ތަގްދީރުގައި ކަންތައް އޮތްގޮތަކާމެދު ރުހިގެން ވަކީލު ކުރުމެވެ.

ދުނިޔޭގައި ކަންތައް ހިނގަނީ އަހަރެމެންގެ އަމިއްލަ ބާރުން އެކަނި ނޫންކަން މިއަށްވުރެން ރީއްޗަށް އަހަންނަކަށް ކުރިޔަކުން ފެނިފައެއް ނެތެވެ.

-ނިމުނީ-