އައްޑޫ ސިޓީ ހިތަދޫ އަށް އުފަން، އަދި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުކަން ކުރައްވާފައިވާ އަހްމަދު ސައީދު (ސޮޑާ) އަކީ ސިޔާސީ މައިދާނުގައި ނުގުޑާފަދަ އަޒުމަކާއި، ކެރުމާއި ހިތްވަރު ސާބިތުކޮށްދެމުންދާ ސިޔާސީ ޝަހުސިއްޔަތެކެވެ. އިންތިހާބުތަކުން ކުރިމަތިވާ ނާކާމިޔާބީތަކުން މާޔޫސްވުމެއް ނެތި، އޭނާ ދައްކަމުންދާ ސާބިތުކަމަކީ ގިނަ ބައެއްގެ ތައުރީފު އޭނާއަށް އޮހެމުންދާ މައިގަނޑު ސަބަބެވެ.

ސިޔާސީ ގޮތުން ކުރިމަތިވި މި ނާކާމިޔާބީތަކަކީ އަހްމަދު ސައީދުގެ ސިޔާސީ ހަޔާތް ނިމުމަކަށް އައިސް، އޭނާ ފަހަތަށް ޖެހުނު ސަބަބެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ދެއްކެވީ ހައިރާންކުރުވަނިވި ހިތްވަރެކެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވި ސިނާންގެ މައްސަލައެއް ދިމާވެ ޓިކެޓް ދޫކޮށްލެއްވުމުން، ޕީއެންސީން ވަނީ ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދި ކެންޑިޑޭޓުގެ ހައިސިއްޔަތުން އަހްމަދު ސައީދަށް ޕާޓީގެ ރަސްމީ ޓިކެޓް ހަވާލުކޮށްފައެވެ. މި އިންތިހާބަކީ ވަރަށް ވާދަވެރި އަދި ފޯރިގަދަ އިންތިހާބެކެވެ. އެހެންނަވެސް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން ސައީދަށް މި އިންތިހާބުން ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ސައީދު މި އިންތިހާބުން ބަލިވީ އެންމެ 62 ވޯޓުގެ ތަފާތުންނެވެ.

މި އިންތިހާބުން ނާކާމިޔާބުވި ނަމަވެސް، މުޅި މި ދަތުރުގައި އަހްމަދު ސައީދު ދައްކައިދިނީ ސިޔާސީ ގޮތުން އާދަޔާހިލާފު ކެރުމަކާއި ބޮޑު ހިތްވަރެކެވެ. އެހާ ކައިރި ކައިރީގައި އިންތިހާބުތަކުން ބަލިވި ނަމަވެސް އޭނާގެ ހިތްވަރާއި އަޒުމަށް ބަދަލެއް ނާދެއެވެ. ޕީއެންސީގެ ޕްރައިމަރީން އޭނާ ފުރަތަމަ ނާކާމިޔާބުވިއެވެ. ނަމަވެސް، ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓަށް ދިމާވި މައްސަލައަކާ ގުޅިގެން ޕާޓީގެ ޓިކެޓް ސައީދާ ހަވާލުކުރުމުން، އޭނާ ފަހަތަށް ޖެހުމެއްނެތި އެ ބޮޑު ޒިންމާއާ ކެރިގެން ކުރިމަތިލެއްވިއެވެ.
އެމްޑީޕީގެ ވަރުގަދަ ބާރެއް އޮންނަ ހިތަދޫ ދާއިރާގައި، އައްޑޫގެ ކުރީގެ މޭޔަރު އަދި ތަޖުރިބާކާރު ސިޔާސީ ޝަހުސިއްޔަތެއް ކަމަށްވާ އަބްދުﷲ ސޯދިގާ (ސޯބެ) ދެކޮޅަށް ސައީދު ވަނީ ވަރަށް ގާތުން ވާދަކޮށްފައެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް އޭނާ ދޫނުދީ މަސައްކަތް ކުރިއެވެ.އިންތިހާބުގެ ނަތީޖާ ބޭނުންވި ގޮތަށް ނުނިކުތް ނަމަވެސް، އަހްމަދު ސައީދު ވަނީ އޭނާއަކީ ސިޔާސީ ގޮންޖެހުންތަކަށް ކެރިގެން ކުރިމަތިލާ، ހިތްވަރުގަދަ ލީޑަރެއްކަން ރައްޔިތުންނަށް ސާބިތުކޮށްދީފައެވެ.
ސިޔާސީ މައިދާނުގައި ނާކާމިޔާބީއަކީ ކުރިއަށްދާން ލިބޭ ހިތްވަރެއްކަން އޭނާގެ އަމަލުން ދައްކުވައިދީފިއެވެ.ނާކާމިޔާބީގެ ހިތި ރަހަ ލިބުމުން ވެސް، ހިތްވަރު އެލުވައިނުލާ، އަބަދުވެސް ރައްޔިތުންގެ މެދުގައި ހުރެ މަސައްކަތް ކުރުމުގެ ސަބަބުން “ސޮޑާ” އަކީ މިއަދު ހިތަދޫގެ ސިޔާސީ މަސްރަޙުގައި ކެރުމާއި ސާބިތުކަމުގެ ލާމަސީލު މިސާލެކެވެ.