ސްކޫލަށް އަހަރެން އެކަނި ފޮނުވަން ޖެހޭތީ މަންމަ އުޅުނީ އަހަރެން ސްކޫލުން ވަކިކުރާށެވެ. މަންމަގެ ކަކުލު ހުޅުގެ މައްސަލައެއް ދިމާވެގެން އަހަރެން ސްކޫލަށް ގެންގޮސް ބަލައި ދެވޭ ވަރެއް މިހާރަކު ނުވެއެވެ. ސްކޫލަށް ދިއުމަށް ނަގަނީ ދިހަ ވަރަކަށް މިނިޓެވެ. އެވަގުތު މަގުމަތިން އެހެން ކުދީންވެސް ހިނގައެވެ. އެހެންކަމުން މަންމަ ނުރުހުނަކަސް އަހަރެން ކިޔަވަން ދިއުމަށް ބައްޕަ ބާރު އެޅިއެވެ.
“ކިރިޔާވެސް މީހެއްގެ އުނދަގުލެއް ވެއްޖެއްޔާ އަވަހަށް ގެޔަށް އަންނާތި.” ބައްޕަ ނަސޭހަތް ދިނެވެ.
ދުވަސްތަކެއް ވަންދެން އެއްވެސް މައްސަލައެއް ދިމައެއް ނުވެއެވެ. އަހަރެން ހަމަ ސްކޫލް ނިމުމާއެކު ގެޔަށް އަންނަނީއެވެ. ހެނދުނު ގަޑީގައި މަގުމަތީގައި މީހުން ނިކަން ގިނައެވެ. އެހެންކަމުން އަމުދުން ބިރެއް ނެތެވެ.
އަހަރެންގެ ކްލާސް 4 ޖަހާއިރު ނިމެއެވެ. ހަވީރު އެހާގިނަ އިރު ހުސްކޮށް ލިބޭތީ އަހަރެން ފަހާ ކުލާހެއްގައި ބައިވެރިވާން ބޭނުން ވެއްޖެއެވެ. އެއީ ޝީލާވެސް ދާކުލާހެއް ވީމައެވެ. އެހެން ނަމަވެސް ޝީލާގެ ގެ ހުންނަނީ ރަށުގެ ކޮރުވަލުގައެވެ. އަހަރެމެން ދެމީހުން ދިމާވަނީ ކްލާސް ތެރޭންނެވެ.
ކްލާސް 6 ޖަހާއިރު ނިމެއެވެ. އެކަމަކު ބައެއް ދުވަސްދުވަހު ލަސްވެސް ވެއެވެ. ވިޔަސް އަހަރެން އެކުލާހުން ވަކިވާކަށް ބޭނުމެއް ނުވެއެވެ. އަހަރެން ބޭނުންވީ މޮޅު ފެހުންތެރިޔަކަށް ވުމަށެވެ.
އެއީ ވިއްސާރަ ދުވަހެކެވެ. އަހަރެން ފަހާ ކްލާސް ނިންމާފައި އައި މަގުމަތީގައި އަހަރެންގެ ފަހަތުން މީހަކު އަންނަ ކަމުގެ އިހުސާސް ވެއްޖެއެވެ. އަހަރެން އެނބުރި ބަލާލި އިރު ވިއްސާރަ ކޯޓެއްލާފައި ހުރި މީހަކު އަހަރެންގެ ފަހަތުން އަންނަތަން ފެނުނެވެ. އޭނާ އަހަންނަށް ވުރެން އިސްކޮޅުން ދިގުކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އޭނާ ހިނގަމުން އަންނަނީ ތަންކޮޅެއް ފަހަތުންނެވެ. އެއީ ބަނަ ދުވަހެއްކަމުން އިރު އޮއްސުމާއެކު އަނދިރިވެއްޖެއެވެ. އަހަރެން ބިރުގެންފިއެވެ. އެކަމަކު އެކަން ނުދައްކާ އަހަރެން ބާރު ބާރަށް ހިނގަން ފަށައިފީމެވެ. އަހަރެން ދެން ފަހަތަކަށް ނުބަލަމެވެ. މާގިނައިރެއް ނުވެ އަހަރެންނަށް ގެޔާ ހަމަޔަށް އާދެވިއްޖެއެވެ.
“އަދަ ހައުދަހައި ލަސްވީ. ކަޅަސް ވެގެ ނުނީ.” މަންމަގެ ސުވާލު ގިނަ ވެއްޖެއެވެ. “މަމިހިށީ ބިރުން. ތެ އައިއަސް ކިބިވަލުން ލާފެއި މެއި.”
އަހަރެންގެ ފަހަތުން އެމީހާ އައިވާހަކަ ބުނެފިއްޔާ ހަމަ ވަގުތުން އަހަރެން ކުލާހަށް ދިއުން މަންމަ މަނާ ކުރާނެކަން އަހަންނަށް އެނގުނެވެ.
މިއަދު އެހެން ދިމާވިޔަސް މާދަމާ ދެން އެކަމެއް ދިމައެއް ނުވާނެއޭ އަހަރެންގެ ހިތަށް އެރިއެވެ.
އޭގެ އަނެއް ދުވަހު ތަންކޮޅެއް އަވަހަށް ނިމިއްޖެއެވެ. އެހެންވެ މިއަދު އިރު މުޅީން ނޯއްސެނީސް އަހަރެން ގެޔަށް ދާން ހިނގައިގަތީމެވެ. ކިނބި ވަލަކީ އަހަރެން މާ ހިނގާ ހިތްވާ މަގެއް ކަމުން މިއަދުވެސް އައީ ހަމަ އެމަގުންނެވެ.
އަހަރެންގެ ފަހަތުން މީހަކު ނާންނަކަން ކަށަވަރު ކުރުމަށް ދޭތެރެއަކުން އަހަރެން ފަސްވެސް ބަލާލަމެވެ. މިއަދަކު އޭނައެއް ނުފެނެއެވެ.
އަހަރެން ބިރުގަތަސް ފަހާ ކުލާހުން ވަކިވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެން ނޫނަސް އެމީހާ އަހަންނަކަށް އުނދަގުލެއް ކޮށްފައެއް ނެތެވެ. ދޭތެރެއަކުން އޭނާ މަގުމަތީން ފެނިލިއަކަސް އަހަރެން އޭނާ މޫނަކަށް ބަލައެއް ނުލަމެވެ.
އަހަރެން ހަމަ އާދައިގެ މަތީން ސްކޫލަށް ދިޔައިމެވެ. އަދި ފަހާ ކުލާސް ވެސް ކަޓުވައެއް ނުލަމެވެ. އަހަރެން ގެޔަށް އަންނަ ކޮންމެ ދުވަހަކު އަހަރެން ހުންނަނީ ޝައްކުމަތީގައެވެ. ފަހަތުން މީހަކު އަތުވެދާނެތީއެވެ. އޭގެ ފަހުން އަހަންނަށް އޭނާ އަންނަކަމުގެ އިހްސާސް ކުރެވުނީ ތަންކޮޅެއް ލަހުން އާދެވުނު ރެއަކު އެވެ. އެކަމަކު އެރޭ އަހަރެން ހިތް އެދުނީ އޭނާ އައުމަށެވެ. އަހަންނަށް އެ އަނދިރި މަގުން އަންނަން ކެރުނީ އެހެންވެއެވެ.
އެންމެ ފަހުން އަހަރެންގެ ފަހާ ކޯސް ވެސް ނިމެއްޖެއެވެ.
ދެން އައީ ސްކޫލުވެސް ބަންދު ދުވަސްތަކެކެވެ. އެހެން ކަމުން އަހަރެން އެއްގޮތަކަށް ވެސް ބޭރަށް ދާކަށް ނުޖެހެއެވެ. އަހަރެން ހިތަށް އެރިއެވެ. އަހަރެންގެ ފަހަތުން އައި މީހާ މިހާރު ވާނީ ކޮންތާކު ބާއެވެ. އޭނާ އައީ އަހަރެންގެ ފަހަތުންނަމަ އޭނާ އަހަރެންގެ ގެ ހޯދައިގެން އައީސް ނޫންހޭ އަހަރެންގެ ހިތަށް އެރިއެވެ. އެއީ އެދުވަހު އަހަރެން ބިރުން ހުރީމަ ހީވި ގޮތަކަށް ވެސް ވެދާނެއެވެ.
އަހަރެން އެދުވަހު ދިޔައީ ޝީލާ އާ ދިމާވެގެން އޭނައާއެކު ކޮފީއަކަށެވެ. އަހަރެމެން ދިޔައީ ބާ ހޮސްޕިޓަލުގެ ކައިރީގައި ހުރި ކުޑަ ކޮފީ ޝޮޕަކަށެވެ. އެއީ މީހުން މަދު ހިމޭން ތަނެކެވެ. އަހަރެމެން އެކިވާހަކައިގަ ތިއްބާ ޒުވާނަކު ވަދެގެން އައެވެ. އޭނާ ފެނުނީމަ އަހަރެންގެ ހިތް ތެޅިގެން ދިޔައެވެ. އަނެއްކާ އެއީ އަހަރެންގެ ފަހަތުން އަންނަ މީހާ ނޫން ބާވައެވެ. އޭނާހާ އިސްކޮޅުން ދިގެވެ. އެކަމަކު އޭނާގެ ސްމާޓްކަމާއި ފުރިހަމަ ހަށިގަނޑާއި ދަމައިގަންނަ ފަދަ މޫނު ފެނުމުން އެއީ އެމީހާ ކަމަށް ނުވާނެއޭ އަހަރެން ހިތަށް އެރިއެވެ. އެހާ ބަލައިލަން ކަމުދާ “އަގުބޮޑު” މީހަކު އަހަރެން ކަހަލަ މީހެއްގެ ފަހަތުން އަޅައެއް ނުގަންނާނެ ނޫންހެއްޔެވެ؟
އޭނާ އެތަނަށް ވަދެ ނެގީ އަހަރެމެން ވެސް ނެގި ކަހަލަ ޗޮކޮލެޓް އައިސް ކްރީމެކެވެ. ހުސް މޭޒުތައް ފަހަނަޅާފައި އޭނާ މިސްރާބު ޖެހީ އަހަރެމެންގެ މޭޒަށެވެ.
“ އުނދަގުލަކަށް ނުވާނަމަ މިތާ އިށީނދެލަންތަ؟”
އޭނާ މިހެން ބުނުމުން އަހަރެންގެ ލޯ އޭނާގެ ޖާދުވީ ލޮލާ ބައްދަލުވިއެވެ. އަހަރެންގެ ދޫ ބަންދުވިއެވެ.
ޝީލާ މިހެން ބުނި އަޑު އަހަންނަށް އިވުނީ ބުނެ ނިންމާލި ފަހުންނެވެ.
“އިށީންނަވާ. އެކަމަކު ކާކުކަން ބުނަންވާނެ.”
އޭނާ ގެނައިތަށި މޭޒުމަތީ ބަހައްޓަމުން އިށީނެވެ. “ޔުއާން. ހުސެން ޔުއާން.”
އޭނާ އަވަހަށް ބުންޏެވެ. “އަހަރެންނަކީ ހއ. ކެލާ މީހެއް. މިރަށަށް އައީ ވަޒީފާއަކަށް ނުކުތުމުގެ ކުރީގައި ޗުއްޓީއަކަށް. އެކަމަކު މިހާރު މިރަށް ދޫކޮށް ދާކަށް ބޭނުމެއް ނުވި. “
“އެނގޭ ތިހެން ވާނެކަން.” ޝީލާ ނިކަން އަވަހަށް ނުދަންނަ މީހަކަސް ވާހަކަ ގިނަކޮށް ގަންނާނެއެވެ. ”އެކަމަކު މިރަށުގައި އެހެން އަތޮޅުތަކުގެ މީހުން އުޅޭކަށް ބޭނުމެއް ނުވާނެ. އެ ޚިޔާލު ބަދަލުވީ ކީއްވެ؟ ”
“އެވީގޮތަކީ މިރަށުގެ ކޮންމެވެސް ކުއްޖެއްގެ ކަންހުޅީގެ އިސްތަށިކޮޅެއްގައި އަހަރެން ބަނދެވުނީ.”
އޭނާ މިހެން ބުނީ އަހަރެންގެ މޫނަށް ބަލަހަށްޓައިގެން އިނދެއެވެ. ބޭ އިޚްތިޔާރުގައި އަހަރެންގެ ކަންހުޅީގައި އަތްލެވުނެވެ.
“ދެން މިހާރު އެކުއްޖާ ގާތު އެވާހަކަ ބުނީތަ.” ޝީލާ މާތް ގާތްގޮތަކަށް ސަމާސާ ކުރަން ފެށިއެވެ. “އަވަހަށް އެކުއްޖާ ގާތު ބުނަންވީނު ކަންހުޅީގައި ރަނގަޅަށް ބަދެލަ ދޭށޭ؟”
“އެހެން ބުނާނެ ފުރުސަތެއް ލިބޭތޯ ވަރަށް ބެލިން.” އޭނާ ބަލަން އިނީ ސީދާ އަހަރެންގެ މޫނަށްކަން ޝީލާއަށް ވެސް ފާހަގަވިއެވެ.
“ދެން އަވަހަށް ބުނަންވީނު؟” ޝީލާ ހީނގެންފައި އަހަރެންގެ މޫނަށް ބަލާލިއެވެ.
“މިއޮތީ ގޮތަކަށް ބުނެވިފައިވެސް މެ. “ޔުއާން ބުނެލިއެވެ. “އެކަމަކު މިއަންނަ ހަފްތާގައި މިގަޑީގައި ތިޔަ ދެމީހުން އައިސް ދީފާނަންތަ؟ އެދުވަހު އަހަރެން ބޭނުންވާ ޖަވާބުވެސް ލިބޭނެ ކަމަށް އުންމީދު ކުރަން. “
“އެންމެ ރަގަނޅު.” ޝީލާ ހުންނާނީ މީހަކު ދައުވަތެއް ނުދީގެންނެވެ. “ހަމަ ގައިމުވެސް އަހަރެން އަންނާނަން. ޝީޒާވެސް އަންނާނަން ދޯ؟”
ޝީލާ އަހަރެންނަށް ދޯ އެއް އެއްލިއެވެ. އެއަކުން ސަލާމަތެއް ނުވިއެވެ. “އާނ.” އަހަންނަށް ބުނެވުނީ އަޑު ނީއްވައެވެ. ބޮލުގެ ހަރަކާތަކުން ކަން ވެސް ނޭނގުނެވެ. އެއީ އެއްބަސް ވުމެއްކަމަށް އެދެމީހުންނަށް ވެސް ގަބޫލު ކުރެވުނެވެ.
އޭގެ ފަހުން ދެހަފްތާ ވެގެން ދިޔައިރު ވެސް އަހަންނަކަށް ޝީލާއަކާ ބައްދަލެއް ނުވިއެވެ. ބައްޕަ މާބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އުޅެން ހަދައިގެންނެވެ. އެހެންވެ ޝީލާ ކަމާ ކަންފަށާ އަހަންނާ ބައްދަލު ކުރަން އައެވެ.
“އާނއެކޭ ބުނެފިއްޔާ ދާން ވާނެއެއްނު.” އޭނާ އަހަރެން ކުށްވެރި ކުރިއެވެ. “ޔުއާން އައި. އެކަމަކު ޝީޒާ އާ ނުލާ އަހަރެން ކެފޭއަށް ވަންނާކަށް ބޭނުމެއް ނުވި.”
“ދެން ޔުއާން ބޭނުންވާ ޖަވާބަކީ ކޮބާ؟”
“ޔުއާން ބޭނުންވަނީ ޝީޒާ.” ޝީލާ ޔަގީންކަމާއެކު ބުންޏެވެ. “ އޭނާ އެހީ ޝީޒާ ކޮބައިހޭ.”
“ދެން އޭނާ ބުނީ ކީކޭ؟”
“ބުނީ ޝީޒާއާ ބައްދަލު ކުރަން ބޭނުމޭ. ރައްޓެހިވާން ބޭނުމޭ.”
“އަހަރެން ކީއްކުރަން.” އަހަރެން ބުނެލީމެވެ. “މިރަށުގައި އަންހެން ކުދީން މަދީތަ؟ މާ ރީތި ކުދީންވެސް އެތިބީނު. ޝީލާވެސް ތިހިރީނު.”
“އެމީހަކު ލޯބިވާނެ މީހަކު އެނގޭނީ އެމީހަކަށްނު.” ޝީލާ ފުން ނޭވައެއް ލާފަ ބުނެލިއެވެ. “ޝީޒާ ދެކެ ލޯބިވާ މީހަކު އަހަރެން ދެކެ ލޯތްބެއް ނުވާނެއެއްނު.”
“އޭނަ އެހެންނަމަ މަގޭ ގާތު ބުނީހެއްނު. “ އަހަރެން ޝީލާއަށް އެވާހަކަ ކިޔައިދިނީމެވެ. “އަހަރެންގެ ފަހަތުން އަންނަ ހަންޑިއެއް ހެން ނައިސް އަހަރެން ގާތު ނުބުނީ ކީއްވެ؟”
“އޭނައަށް އެ ފުރުސަތު ޝީޒާ ނުދިނީއެއްނު؟”
ޝީލާ ވަނީ އޭރު ޔުއާން ކުރެން އެހުރިހާ ވާހަކައެއް އަހާފައެވެ. ޝީޒާ މަގުމަތީން ހުއްޓުވައިގެން އެވާހަކަ ދައްކަން އޭނާ ބޭނުން ނުވީއެވެ. އޭނާ ބެލީ ކޮންމެވެސް ގޮތަކުން ޝީޒާއާ ބައްދަލު ވާނެ ފުރުސަތަކަށެވެ. އެހެން ބަލަމުން ދަނިކޮށް އަހަރެމެން ދެމީހުން އެދުވަހު ކެފޭއަށް ގޮސް ވަންތަން އޭނާއަށް ފެނުނީއެވެ. އެއީ އޭނާއަށް ލިބުނު ފުރަތަމަ ފުރުސަތެވެ. އެންމެ ފަހުން ޝީލާ މެދުވެރިކޮށް އަހަންނަށް އޭނާ ލޯބި ހުށަހެޅީއެވެ.
އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ އަހަރެންނަކަށް ވެސް އޭނާގެ ޚިޔާލަކުން ދުރަކަށް ނުދެވުނެވެ. މަންމަމެން ގާތު މިއިން ވާހަކައެއް އަހަރެން ދައްކާނެ ގޮތެއް ނުވިސްނުނެވެ. މަންމަ ގަބޫލެއް ނުވާނެއެވެ.
“ޝީލާއަށް އޭނާ އަދިވެސް ފެންނާނެއެއްނު؟ “ އަހަރެން ބުނީމެވެ. “ފެނުނީމަ ބުނޭ، ވަރަށް ސޮރީއޭ، އަހަންނަކަށް ތިޔަ ހުށަހެޅުން ގަބޫލު ކުރެވޭކަށް ނެތޭ.”
“އެކަމަކު ޝީޒާ.” ޝީލާ ހުރީ ހާސްވެފައެވެ. “ތިހެން އަހަރެން ބުނީމަ އޭނަ ކިހާ ދެރައެއް ވާނެ.”
“އެކަމަކު ތިޔައަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން. “ އަހަރެން ބުނީމެވެ. “އަހަންނަކަށް މައިންބަފައިން ނުބުނާ އެއްވެސް ގޮތަކަށް ކަމެއް ނުކުރެވޭނެ.”
އަހަންނަކީ އެއް އިރެއްގައިވެސް ފިރިހެން ކުދީންނާ ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ފުރުސަތެއް ލިބިފައި ވާ މީހެއް ނޫނެވެ. އަހަރެން އާނއެކޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ ބުނެފައި ގޮސް އޭނައާ ބައްދަލު ކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ގާތަށް އަހަރެން ދާނީ ކިހިނެއް ހެއްޔެވެ؟ ގޮސް ބުނާނީ ކީކޭ ހެއްޔެވެ؟
“ތީ ޝީޒާގެ ފައިނަލް ޖަވާބުތަ؟” ޝީލާ އަދިވެސް އަހާލިއެވެ.
“އާނ. “ އަހަރެން މިގޮތަށް ނިންމައިފީމެވެ. “މިއީ އެންމެ ފަހުގެ ޖަވާބު.”
އަހަރެން ޝީލާއާއި ބައްދަލު ކުރާކަށް ނުދަމެވެ. އަހަރެންގެ އަތުގައި ފޯނެއް ނޯވެއެވެ. އޭނާވެސް ނުއެއް އާދެއެވެ. އޭގެ ފަހުން ހަމަސް ވޭތުވެގެން ދިޔައިރުވެސް އަހަންނަކަށް ޔުއާންގެ ޚަބަރެއް ނޭނގެއެވެ.
ބައްޕަ ނިޔާވުމާ ގުޅިގެން އަަހަންނަށް ވަޒީފާއެއް އަދާ ކުރަން ޖެހިއްޖެއެވެ. އަހަރެމެންގެ ގެޔަކު ފަހާފޮށްޓެއްހާ ހިސާބުވެސް ނުހުރެވެ. މަންމައާއި ތިން ކޮއްކޮ ބަލަހަށްޓަން ޖެހިފައިވަނީ އަހަންނަށެވެ.
އަހަރެން ފަހަން ދަސްކުރި ކުލާހުން ފެހުމުގެ ވަޒީފާއެއް ވަރަށް ފަސޭހައިން ލިބިއްޖެ އެވެ. އެހެންވެ އަހަރެން ކޮންމެ ދުވަހަކުވެސް ފަހަން ދާން ފަށައިފީމެވެ.
އަހަރެން ހުރީ ޔުއާންއާ ދެން ބައްދަލު ނުވާނެ ކަމަށް ހީކޮށެވެ. އެކަމުން އަހަންނަށް ލިބެނީ އުފަލެއް ކަމެއް ހިތާމައެއް ކަމެއް ނޭނގެއެވެ. އަހަރެން ޔުއާންއަށް ނޫނެކޭ ބުނީ ހިތުގެ އަޑީންނެއް ނޫނެވެ. ހަގީގަތުގައި އަހަރެންގެ ސިކުނޑިއަކުން ޔުއާންގެ ސޫރަ ފިލައެއް ވެސް ނުދިޔައެވެ. އެޚިޔާލުގައި ނުނިދިގެން ނޫޅޭ އެންމެ ރެއެއް އޭގެ ފަހަކުން ނާދެއެވެ.
މަންމަ އަހަރެން ގާތު މީހަކާ އިންނަން އުޅޭށޭ ބުނާތާ ވެސް ކިތަންމެ ދުވަހެކެވެ. އެކަމަކު އަހަރެން އެހާ ގަޔާވާ މީހަކު އަހަންނާ ރައްޓެހިވާކަށް ހުށައެއް ނާޅައެވެ. ހިތުގެ ފުންމިނުގައި ކުރެހިފައިވަނީ ހަމަ އެންމެ ތަސްވީރެވެ. އެނޫން ސޫރައެއް ދެކޭކަށް ހިތެއް ވެސް ނުވިއެވެ.
އެދުވަހު އަހަރެން ފެހުމުގެ މަސައްކަތް ނިންމާލާއިފައި ނުކުތް އިރު ވާރޭ ވެހެއެވެ. އަހަރެން ކުޑައެއް ނުގެންނަމެވެ. އަހަރެން އަސްކަނި ދޮށުގައި މަޑުކޮށްލިތަނާ ޔުއާން އައިސް ހުއްޓިއްޖެއެވެ. އޭނާގެ އަތުގައި އޮތް ކުޑަ އަހަންނަށް ދިއްކޮށްލިއެވެ. އަހަންނަކަށް ގަބޫލެއް ވެސް ނުކުރެވުނެވެ. މިހާ ދުވަސް ފަހުން ޔުއާން އަނެއްކާވެސް އަހަރެން ހޯދަން އަތުވެދާނެއެކޭ ކުޑަކޮށް ވެސް ހިތަކަށް ނާރައެވެ.
އަހަރެން ނޫނެކޭ އެއް ނުބުނަމެވެ. އަހަންނަކީ މިއަދު ކިޔަވާ ކުއްޖެއް ނޫނެވެ. ދިރިއުޅެން މަސައްކަތް ކުރާ އަންހެނަކީމެވެ. އަހަންނަށް ހިޔާ ދީގެން އޭނާ އަހަރެންގެ ގެޔާހަމަޔަށް އަތުވެއްޖެއެވެ. އެއީ އަހަރެންނަށް ބުނަންވެސް ނޭނގޭހާ އުފާ ލިބުނު ކަމެކެވެ.
އަހަރެން ނޫނެކޭ ބުނީމަ އޭނާ އެނބުރި ރަށަށް ދިޔައީއެވެ. އަދި އޭގެފަހުން އޭނާ ވަޒީފާއަކަށް ނުކުތެވެ. އަހަރެންގެ ކާވެންޏަށް އެދުނު އިރު އޭނައަކީ ޑޮކްޓަރެއް ކަމެއް އަހަންނަކަށް ވެސް އަދި މަންމައަކަށް ވެސް ނޭނގެއެވެ. އެކަމަކު މަންމަ އޭނާއާ ގަބޫލުވެއްޖެއެވެ.
“ އަފިރިިންގެ ކޮއްޔާ ރަށުން ބޭރަށް ބެނޑުވަގެން ނިއޭ ހެއް ފެހޭ އިނަސް ހެޔޮ. “ މަންމަ ހުއްދަ ދިނެވެ.
ޔުއާން އަހަރެންނާ ލަހެއް ނުވެ ކާވެނި ކޮށްފިއެވެ.
“ޔުއާން އަށް އަހަންނަށް ވުރެން މާ ރަނގަޅު މާ ރީތި ކުއްޖަކު ލިބިދާނެއެއް ނޫންތަ؟” ކާވެނީގެ ފަހުން އަހަރެން ފުރަތަމަވެސް ކުރީ އެ ސުވާލެވެ.
“އަހަރެން ޝީޒާވީ ލޯތްބެވެ.” އޭނާ ބުންޏެވެ. “ އަހަރެންވީ އިޝްގީ ލޯތްބެވެ.”
ޔުއާން އަކީ ނާރު ތަކާ ބެހޭ ޚާއްސަ ޑޮކްޓަރެކެވެ. އެއްވެސް އުނދަގުލެއް ނެތި މިރަށުން އޭނާއަށް ވަޒީފާއެއް ލިބުނެވެ. އެހެންވެ އޭނާ އަހަރެން ގޮވައިގެން އެހެން ތަނަކަށް ދާކަށް ނޫޅުނެވެ.
އަހަންނަށް ޔުއާން ދެކެ ވެސް އިންތިހާއަށް ލޯބިވެވުނެވެ. “އަހަންނަށް ވެސް ވެވުނީ އިޝްގީ ލޯތްބެވެ.”
ނިމުނީ.