އިދާރީ ގޮތުންނާއި މާލީގޮތުން ވަކި ބާރުވެރި ކަމެއް އޮތުމަށް ގިނަ ދުވަސްތަކަކަށް ވަކާލާތު ކުރަމުން ދިޔަ އައްޑޫ މީދޫ އަދި އައްޑޫ ހުޅުދޫ ކައުންސިލުން، ސިޓީން ވަކިވުމަށް ފަހު އައި އެންމެ ފުރަތަމަ ޢީދު ކުލަގަދަކޮށް ފާހަގަކޮށް ތަފާތު ދައްކައިފިއެވެ.
މަގާމުގެ ޒިންމާއާއި ހަވާލުވިތާ ހަމަ އެންމެ ދިހަ ދުވަހުން އައި ޢީދުގައި ބޭއްވި މި ޙަރަކާތުގައި، ބަދަހިކަމާއި އެއްބައިވަންތަ ގުޅުންތެރި ކަމުގެ ނަމޫނާ މަސައްކަތެކެވެ. ކައުންސިލުގެ އިދާރީ ހިންގުމުގެ ހުރިހާ ކަމެއް އަދި މުޅިން ހަމަޔަކަށް ނޭޅެނީސް ކައުންސިލުން ރައްޔިތުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކޮށްފައި ވަނީ ވަރަށް ހަރުދަނާކަމާ އެކީގައެވެ.
ޙައްޖު ދުވަހުން ފެށިގެން ހަތަރު ދުވަހަށް ދިގުދެމިގެންދާ ގޮތައް ކުރިޔަށް ގެންގޮސްފައިވާ ޙަރަކާތްތައް ރާވައި ހިންގުމަށް ރައްޔިތުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި މުއައްސަސާތަކުގެ ވަރަށް ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ލިބިފައިވާކަން އައްޑޫ މީދޫ ކައުންސިލުން ޢީދުގެ ޙަރަކާތް ނިންމުމުގެ ގޮތުން ބޭއްވި ޙަފްލާގައި ކައުންސިލުގެ ރައީސް އަޙުމަދު ޝާތިރު ފާހަގަކުރައްވާފައި ވެއެވެ.
ހުރިހާ ޢުމުރުފުރާއަކަށް ޚާއްސަކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިގެން ކުރިޔަށް ގެންދިޔަ ޢީދު ޕްރޮގުރާމުގައި ކާމިޔާބު ގިނަ ޙަރަކާތެއް އެކުލަވައިގެން ކުރިޔަށް ގެންދިޔަކަން ވެސް ފާހަގަވިއެވެ.
ފަތުރުވެރިކަމާ ޚާއްސަކޮށް ރަށް ޕްރޮމޯޓު ކުރަމުންދާ އައްޑޫ މީދޫގެ ޒުވާނުންގެ އިސްނެގުން ވެސް ފެނިގެން ދިޔަ މި ހަރަކާތުގައި ކުލަބް ތަކާއި ވިޔަފާރިތަކުގެ ބައިވެރިވުން ވެސް ތަފާތު ބޮޑުކޮށް ފެނިގެން ގޮސްފައިވެއެވެ. އިސްލޯރިއާ އާއި ކްލަބު ލޮތާރި ގުޅިގެން މަންތާ ބީޗު ގެސްޓު ހައުސް ސަރަހައްދުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކަކީ މުޅި އައްޑުއިން ވެސް ރަށެއް އިޝްތިހާރުކޮށް އެހެން ފަރާތްތަކަކަށް ދެއްކުމަށް ކުރެވިފައިވާ މުހިންމު މަސައްކަތެކެވެ. ރަށުގެ ގޮނޑުދޮށާއި ހޭޅިފަށުގެ ހިތްގައިމުކަން ފެނިގެން ދިޔަ މިޙަރަކާތްތަކަށް ވަރަށް ގިނަ ބައެއްގެ ތަޢުރީފުވެސް ލިބިފައި ވެއެވެ. އަދި ހަމައެހެންމެ ރަންދަތުރުގެ ނަމުގައި އިސްލޯރިއާއިން ހުޅުވާލި ޓްރެޝާހަންޓަކީ ވެސް އައްޑޫ މީދޫގެ ޢީދު ޕްރޮގުރާމަށް އިތުރަށް ޝައުގުވެރިކުރުވި ޙަރަކާތެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.
ޙައްޖު ދުވަހުގެ ރޭ ޢީދު ތަކުބީރުން ފެށިގެން ދިޔަ ޢީދު ޙަރަކާތް މީދޫގައި ނިމިގެން ދިޔައީ އެކުވެރިކަމާއި އުފާވެރި މާޙައުލެއްގައި ކުރެވުނު މަސައްކަތެއްގެ ގޮތުގައި ކަމަށް ރަށު މީހުން ހިއްސާކޮށްފައިވެއެވެ.
17 މެއި ގައި ހުވާ ކުރުމަށް ފަހު 27 މެއި ގައި އައި މިދުވަސް މިހާ ކުލަގަދަކޮށް ފާހަގަކުރުމުގައި ދެ ރަށުގެ ކައުންސިލުން ވެސް ރައްޔިތުންގެ އުއްމީދު އާކޮށްދީފައި ވެއެވެ.
އެހެންކަމުން ރައްޔިތުން އުއްމީދަކީ ކުރިޔަށް އޮތް ފަސް އަހަރު މިގޮތުގައި ކާމިޔާބު ހަރަކާތްތަކަކާއެކު ކުރިޔަށް ދިއުމަށެވެ.