English Edition
Dhivehi Edition

ފޯނުގެ އެލާމްގެ އަޑު އިވުމުން ލޮލުގެ ހަނިދިމާއިން ފޯނަށް ބަލާލުމަށްފަހު ރިންގު ކަނޑުވާލަމުން އަލުން އެނދުގައި އޮތް އަރާމު ރަޖާ ގައިގައި އޮޅާލައި ދެވަނަ ފަހަރަށް ނިދޭތޯ ބެލީމެވެ. އެހެނަސް ފޯނު އޭގެ ވާޖިބު އަދާކުރުމުގައި ވަފާތެރިވުމުގެ ސަބަބުން އަހަންނަށް ނިދުމުގައި ކާމިޔާބެއް ނުވިއެވެ. ކުޑަކޮށް ލޯމެރެމުން ދަނިކޮށް ދެވަނަ ފަހަރަށް ފޯނު ތެޅިގަތީ އިހުނަށްވުރެ ބާރަށޭ ހީވިއެވެ. ދެން އިތުރު ގޮތެއް ނެތްކަން އެނގި ތެދުވެ އާފުރަމުން ދެލޯ ހުޅުވާ ފޯނަށް ރަނގަޅަށް ބަލާލީމެވެ. ދެވަނަ ސިކުންތުގައި އަހަރެން ހުރީ ފާޚާނާގެ ދޮރުމަތީގައެވެ. ބައިވެރިވާން ޖެހޭ ޒޫމް މީޓިން އަކަށް އޭރު ވަގުތު އޮތީ ކުޑަތަން ވެ ނިމިފައެވެ.

ހަދަމުން ދިޔަ ޓީއޯޓީއެއްގައި މިއަދަކީ ޓީއޯޓީގެ ފުރަތަމަ ސެޝަން އޮންނަ ދުވަހެވެ. ފުރަތަމަ ދުވަހު ގަޑިޖެހޭކަށް އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ.

ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓްތެރޭ އަހަރެން ފުރިހަމައަށް ތައްޔާރުވީމެވެ. ފެން ނުވެރިޔަކަސް މޫނު ރީތިކޮށްލަނިކޮށް ނިމުނީއޭ ހިތައި ކަންތައް ކުރީ އެގޮތަށެވެ. އަވަސްކުރަން ވެގެން ދަތް އުނގުޅުންވެސް ފަހަށް ދޫކޮށްލީއެވެ. ޒޫމް މީޓިންތަކުގެ ފަސޭހަ ކަމަކީ މޫނުކޮޅު ރީތި ކޮށްލުމާއި ރީތިކޮށް ބުރުގާ އަޅާލުމުން ނިމޭކަމެވެ. ތިރިން ސޯޓުކޮޅެއް ލައިގެން އިނަކަސް އެހެންބަޔަކަށް ނޭނގޭނެތާއެވެ.

ލިބިފައި އިން ލިންކަށް ފިތާލުމަށްފަހު ވީޑިއޯ ސެޓަޕް ހަދާލީމެވެ. އަދި އެންމެ ފަހުން ބޭބެ ދުބާއީ އިން ގެނެސްދިން ލޮޖިޓެކްގެ އެންމެ ފަހުގެ އާ ކެމެރާ ލެޕްޓޮޕްގައި ހަރުކޮށްލުމަށްފަހު ރަނގަޅަށް މޫނަށް އަލިއަޅުވައި އިތުރަށް ދޮންކޮށްލީމެވެ. ހިތްހަމަ ޖެހޭވަރުވުމުން ވީޑިއޯ އޮންކޮށް މީޓީންގައި ބައިވެރިވީމެވެ.

ގިނައީ ނުދަންނަ މޫނުތަކެވެ. އެހެނަސް އެންމެންގެ މޫނުމަތިން ފެނުނީ އުފާވެރި ހިނިތުންވުމެވެ. ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް ދުވަހުގެ ސަލާމް ކުރަމުން ތަޢާރަފްވަމުން ދިޔައެވެ. ހިތަށްއެރިއެވެ. މިއީ ކިހާ ފަސޭހަ ޒަމާނެއް ބާވައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބެގެންވެސް އެންމެން އެއް މަންސައަކުން ގެނެސް ތައާރަފްވެ އެނގިދެނިވާން މިއޮތީ ފުރުސަތު ފަހިވެފައެވެ.

އޭރު އެންމެންހެން މީޓިންރޫމަށް ވަދެ ނިމިއްޖެއެވެ. ކެމެރާ ޖައްސާފައި ތިބުމުން އެންމެންވެސް ފެނެއެވެ. އެހެނަސް އަހަރެންގެ ކެމެރާއިން ފެންނަހާ އެހެންމީހުންގެ ވީޑިއޯ ސާފެއް ނޫނޭ ހިތައި ކުޑަކޮށް ފޮނިވެސް ވެލެވުނެވެ. އެވަގުތު އިތުރު ކުއްޖަކު މީޓިން އަށް ވަންނަމުން ހަލޯ އޭ ބުނެލިއަޑު އިވުނެވެ. ހިތްގައިމު ސާފު ބަރު އަޑެކެވެ. އަހަރެން ވަގުތުން އޭނަގެ ވީޑިއޯއަށް ބަލާލީމެވެ. އަޑާއި އެއްވަރަށް ރީތިވެސް ކުއްޖެއްކަމަށް ގަބޫލު ކުރެވުނެވެ. އިސްޕިރީންގެ ވާފަށްތަކެއް ހެން އެލުވިފައި ހުރި ބުޅި އަދި ވަރުގަދަ އިސްތަށިގަނޑުން ދެންމެ ފެންވަރައިގެން އައިސް އިންކަން ދޭހަކޮށްދެއެވެ. ކެމެރާއާއި ސެޓިން ހަދާފައި ހުރިގޮތުން އަހަރެންކަހަލަ “ޒަމާނީ ޓެކްނިކަލް” ކުއްޖެއްކަން ވެސް އެނގުނެވެ.

“ހައި އައިމަން” އެހެންމީހުންނަށް ވުރެ ކުރިން އަހަރެން އޭނައަށް ގޮވާލީ އޭނަ ޖަހާފައި އިން ނަމަށް ބަލާފައެވެ.

“ހައި ރިންޒީ” އޭނަ ވެސް ލޯބި އަޑަކުން އަހަންނަށް ގޮވާލިއެވެ.

އިތުރު އެއްޗެކޭ ނުބުނެވެނީސް މީޓިން ފަށައިފިއެވެ. މެންދުރު ކާގަޑިއަށް ކުޑަ ހުސްވަގުތުކޮޅެއް ލިބުނަސް އެއީ ފުރިހަމަ އެއްދުވަހުގެ ސެޝަނެކެވެ. އެހެނަސް އަހަރެން ފޫއްސެއް ނުވެއެވެ. ޝައުގުވެރިކަން ހުރި ދާއިރާއަކާއި ގުޅޭ ގޮތުން ހަދާ ޓީއޯޓީއެއް ކަމުންނާއި އަދި ހިތްދަމައިގަންނަ ކަހަލަ ކުއްޖަކުވެސް ގުރޫޕްގައި އިނުމާއި އެކު ދުވަސް ނިންމާލެވުނީ ފޯރިއާއި ޝައުގާއެކުގައެވެ. ނަމަވެސް ފަހުން ދެރަވީ އެކުއްޖާގެ ފޯނު ނަމްބަރުހައި މިންވަރު ވެސް އަހާނުލެވުނީތީއެވެ.

މީޓިން ނިމުމުން ވެފައިހުރި ވަރުބަލިކަމާއެކު އަހަރެން ނިދާލީމެވެ. ހޭލެވުނީ އިރުއޮއްސި 7 ޖަހައިވެސް ބޮޑުވިފަހުންނެވެ. ހޭލެވުމާއެކު ފުރަތަމަވެސް ނެގުނީ ފޯނެވެ. ފޯނުގައި ހުރި ނޮޓިފިކޭޝަން ތަކަށް ބަލާލިއިރު މިއަދު ޒޫމްއިން ދިމާވި އައިމަން ގެ ނަން ޖަހާފައި ހުރި ފޭސްބުކް އެކައުންޓަކުން އަހަންނަށް ރިކުއެސްޓް އައިސްފައި އޮތުމުން ވަރަށް ހައިރާންވިއެވެ. ފޮޓޯ އަކަށް އިނީ ލެޕްޓޮޕެއްގެ ސްކްރީނުގައި އައިމަންގެ ނަންޖަހާލާފައި ނަގާފައި އިން ފޮޓޯއެކެވެ. އައިމަނަށް ފޭސްބުކުން އަހަރެން ހޯދަން އެނގުނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ. އެވަގުތު ހަނދާންވީ މީޓިން އިންތިޒާމު ކުރި ތަނުގެ ނަން ޓެގްކޮށް މީޓިންގެ ސްކްރީން ޝޮޓެއް ފޭސްބުކަށް ލީކަމެވެ. އިތުރު ވިސްނުމެއް ނެތި ވަގުތުން އަހަރެން އެ ރިކުއެސްޓް ގަބޫލުކުރީމެވެ. އަދި މެސެންޖަރ އިން ހައިއެއްވެސް ހިތަކާއެކު ފޮނުވާލީމެވެ. ހިތަށް އެރިއެވެ. އަހަރެން ފަދައިން އައިމަން އަށް ވެސް އަހަރެން ކަމުދިޔައީ އެވެ. ހުރިހާ ވެސް ޝުކުރެއް ބޭބެ ދިން ކެމެރާއަށެވެ!

އަހަރެން އައިމަންގެ ފޭސްބުކް އެކައުންޓް ކުޑަކޮށް ހާވާލީމެވެ. ހައިރާންކަން އިންތިހާއެވެ!. އޭގައި ހުރީ އައިމަން އާއި މުޅިން ވެސް ގުޅުމެއް ނެތް ކަހަލަ ޕޯސްޓްތަކެވެ. ވަރަށް ވެސް ދީނީ ޕޯސްޓަރ ތަކެވެ. މުފްތީމެންކްގެ ދަރުސްތަކުގެ ވީޑިއޯ ލިންކު ތަކެވެ. ހިތަށް އެރިއެވެ. ފެންނަ ފެނުމާއި މީހުންގެ ސޯޝަލް މީޑިއާގެ ދިރިއުޅުމާއި ހާދަހާވާ ތަފާތެވެ. އައިމަންގެ ފޭސްބުކްގައި އޭނަގެ މޫނު ފެންނަ އެއްވެސް ފޮޓޯއެއް ނެތެވެ. އެހެނަސް ފުރަގަހުން ނަގާފައި އިން ދެ ތިން ފޮޓޯ އިނެވެ. އެވަގުތު އަހަރެން މިއަދު މީޓިންގެ ތެރޭ ނެގި އައިމަންގެ ސްކްރީން ޝޮޓްތައް ބަލާލީމެވެ. ހާދަހާވާ ސްމާޓެވެ!

އޭރު އަހަރެންގެ ޢުމުރުން އެންމެ 17 އަހަރެވެ. އޭލެވެލް ނިންމާލުމަށް ފަހު ވަޒީފާއަށް ދިއުމުގެ ކުރިން ކުޑަކޮށް އިޖުތިމާއީ ދާއިރާގައި މަސައްކަތް ކޮށް ތަޖުރިބާ ހޯދުމަކީ އަބަދުވެސް އަހަރެން ބޭނުންވި ގޮތެވެ.

މަންމަ އާއި ބައްޕަގެ 6 ކުދިންގެ ތެރެއިން އަހަންނަކީ ހަމައެކަނި އަންހެން ކުއްޖާއަށް ވުމުން އަހަންނަށް ހުންނަނީ ހަރުކަށި ގަވާއިދުތަކެއް ހަދާފައެވެ. އެކަނި ބޭރަށް ދިއުމާއި ފިރިހެން ކުދިންނާއެކު ކޮފީތަކަށް ދިއުން އަހަންނަށް މަނަލެވެ. ފޯނެއް ވެސް ލިބުނީ އޭލެވެލް ނިމުނު ފަހުންނެވެ. ކުޑައިރުއްސުރެން އަންހެން ކުދިންނާއި ފިރިހެންކުދިންގެ މިންތީގެ ތަފާތު ތަކަށް އަހަރެން ވަކާލާތު ކުރަމުން ދިޔައީ މި ގަވާއިދު ތަކުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. މައިންބަފައިންގެ މި ހަރުކަށި ގަވާއިދުތަކުގެ ސަބަބުން އަހަރެންގެ މާގިނަ އެކުވެރިންނެއް ނުތިބެއެވެ. އެކުގައި ބޭރަށް ގޮސް “ކޫލް” ކޮށް އުޅެލެވޭ ކުއްޖަކަށް އަހަރެން ނުވުމުން ގިނަ ކުދިން އަހަންނަކާއި ގަޔާއެއްނުވެއެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންވެސް ގޭގައި އޮންނަނީކީ އޮންނަ ހިތަކުން ނޫނެވެ. އެހެންކުދިން އުޅޭހެން މިނިވަންކޮށް އުޅެލަން އަހަރެންވެސް ބޭނުންވެއެވެ. ހިތަށް އަހަރައެވެ. ފުރުސަތު ލިބޭ ދުވަހަކުން ލައްކަ ގޮތްގޮތަށް އުޅެލާނަމެވެ!

އެރޭ ކައިގެން އައިސް ނިދަން އެނދަށް އަރާ ފޯނު ބަލާލިއިރު އައިމަން ވެސް މެސެންޖަރ އިން ޖަވާބު ފޮނުވާފައި އޮތެވެ.

“އަހަންނަށް ރިންޒީ ވަރަށް ރީތި” ހިތަކާއެކު އައިމަން ފޮނުވާފައި އިން މެސެޖް ފެނުމުން ނޭނގޭކަހަލަ އުފާވެރި ގޮތަކަށް އަހަރެންގެ ހިތް ތެޅިގަތެވެ. ބަނޑުތެރެއިން ކަކުނި ހިރުވާކަހަލަ ގޮތެއްވެސް ވިއެވެ. ވެދާނެއެވެ. ފުރަތަމަ ފަހަރަށް ފިރިހެން ކުއްޖެއްގެ އެކަހަލަ މެސެޖެއް ލިބުމުން ވީގޮތެއްކަމެވެ. އެވެސް އަހަންނަށް އެހާ ރީތިވި ކުއްޖަކަށް ވީމައެވެ.

“މީ ޓޫ” އަހަރެން ޖަވާބު ދިނީ އިނގިރޭސި ބަހުންނެވެ. އެވަގުތު އައިމަން މެސެޖް ބެލިތަން ފެނުނެވެ. އަދި ތިން ހަތަރު ހިތް އެއްފަހަރާ ފޮނުވާލިއެވެ.

ޖެހިގެން އައި ދުވަސްތަކަކީ އަހަރެންގެ ޙަޔާތުގައި މުޅިން އާ އުފާވެރި ޞޮފްޙާތަކެއް ހުޅުވިގެން ދިޔަ ދުވަސްތަކެކެވެ. މީގެ ކުރިން ދުވަހަކުވެސް މިފަދަ ގޮތަކަށް ފިރިހެން ކުއްޖަކާ ވާހަކަ ދައްކާފައި ނެތް އަހަރެން، ފުރަތަމަ ދުވަހުން ފެށިގެން އައިމަން އާއި ވާހަކަ ދައްކައި ގުޅުން ބަދަހިކޮށް ނިމިއްޖެއެވެ. ރެއާއި ދުވާލު އެންމެ ގިނައިން ކުރެވޭ ކަމަކީ މެސެންޖަރ އިން އައިމަނާއި ދެމީހުން ވާހަކަ ދެއްކުމެވެ. ހަފްތާއެއްވީއިރު ލައްކަ ގިނަ ވާހަކަ ދެކެވިއްޖެއެވެ. އަހަންނަކީ އަނގަގަދަ ކުއްޖެއްކަމުން ގިނަ އިން ވާހަކަ ދައްކަނީ އަހަންނެވެ. އަހަރެން ހުރިހާ ވާހަކައެއް އައިމަނަށް ކިޔާދިނީމެވެ. އާއިލާ އާއި އެކުވެރިންގެ ވާހަކަ ތަކާއި އަހަރެން އެންމެ ކުރާހިތްވާ ކަންތަކާއި ދިމާވި މަޖާ ވާހަކަ ތަކުން ފެށިގެން ގޮސް ހުރިހާ ވާހަކަތަކެއް ކަހަލަ ގޮތަކަށެވެ.

އަހަރެމެން މުޅިން ވެސް ވާހަކަ ދައްކަނީ މެސެންޖަރ ގައި މެސެޖް ކޮށްގެނެވެ. ފޯނު ނަމްބަރު ހޯދަން ބުނުމުން އައިމަން ބުނީ އަހަރެން ކަހަލަ، މައިންބަފައިން އެހާ ބަލަހައްޓާ ކުއްޖަކަށް އަދި އެގޮތަށް ފާޅުގައި ފޯނުކޮށްގެން ވާހަކަ ދެއްކުން ރައްކާތެރި ނޫން ކަމަށެވެ. އަދި މި ވަގުތަށް މި ގޮތް އެންމެ ރަނގަޅު ކަމަށާއި ފަހުން ފޯނުން ވެސް ގުޅާނެ ކަމަށެވެ. އަދި އަހަރެމެން ދެމީހުންގެ ގުޅުމުގެ ވާހަކަ އެއްވެސް މީހަކާއި ހިއްސާ ނުކުރުމަށް އައިމަން އަހަރެން ލައްވާ ވައުދުވިއެވެ. ސަބަބަކީ އަދި އަހަންނަކީ އެންމެ 17 އަހަރުގެ ކުއްޖަކަށް ވުމުން ކަމަށް އައިމަން ބުނެދިނެވެ. އަހަންނަށް އައިމަން ދެއްކި ހުރިހާ ވާހަކަ އެއް ކަމުދިޔައެވެ. އެހެންކަމުން އަހަރެން ކަންތައް ކުރީ އައިމަން ބުނި ގޮތަށެވެ.

އަހަރެމެންގެ ގުޅުން ފެށުނުތާ އެއްމަސްފަހުން އައިމަން އަހަރެންގެ ފޮޓޯ ހޯދަން އެދުނެވެ. އޭނައަށް ޚާއްޞަ ކޮށްގެން ރީތި ފޮޓޯއެއް ފޮނުވައި ދިނުމަށެވެ. ބުރުގާ ނާޅާ ވިޔަސް ހެޔޮ ކަމަށެވެ. އައިމަނަށް އިތުބާރުކޮށް އަހަރެން އައިމަން އުފާވާ ގޮތަށް ފޮޓޯ ނަގާ ފޮނުވަމުން ދިޔައީމެވެ. އަދި ފަހުން ފަހުން އައިސް ބުރުގާ ނާޅާ ވެސް ފޮޓޯ ފޮނުވަން ފެށީމެވެ. ބައެއްފަހަރު އައިމަން އިތުރަށް ތަޅުވާލުމުގެ ބޭނުމުގައި ހަށިގަނޑުގެ ވަނާތައް ކުޑަކޮށް ފެންނަ ގޮތަށް އަސަރުގަދަ ފޮޓޯތައް ވެސް އަހަރެން ފޮނުވަމެވެ. ކޮންމެ ފޮޓޯއަކަށް އައިމަން ކުރާ ހިތްއެދޭފަދަ ކޮމެންޓްތަކުން އަހަންނަށް އުފާވެރިކަން ލިބޭތީއެވެ.

އައިމަން ބުނީ އަހަންނަށް 18 ފުރުމުން އަހަރެންގެ މައިންބަފައިންގެ ހުއްދައާއެކު ދެމީހުން ރަސްމީކޮށް ގުޅެންބޭނުންވާ ކަމަށެވެ. އަދި ފަހުން ކައިވެނި ކުރިޔަސް އާއިލާއަށް އެނގި އެންމެންގެ ހުއްދައާއެކު ރައްޓެހިވެގެން އުޅެވޭނެކަމެވެ. އަހަންނަށް ވެސް އެގޮތް ކަމުދިޔައެވެ.

“ދަރިފުޅާ ހިނގާބަލަ މިތާ ކަންމަތީ ހުރި ފިހާރައަށް މަންމައާއެކު އެއްޗެއް ގަންނަން” މަންމަ އެދުނު އެދުމަށް އަހަރެން އެފިހާރައަށް ދިޔަޔަސް އެއީ އަހަރެން ދާހިތްވާ ތަނެއް ނޫނެވެ. ފިހާރައިގައި ސޭޓަކަށް އިންނަ ޒުބޭރު އަހަންނާ ދިމާއަށް ބަލާގޮތް އަހަންނަކަށް ކަމަކު ނުދެއެވެ. ބޮޑު ތުނބުޅިއާއި މަތިމަސް ތެރޭން އޭނަގެ ފާޑަކަށް ހެވިފައި އިންނަ ތުންފަތް ފެނުމުން އަހަރެން ފަކުރުގަނެއެވެ. ވަކިން ޚާއްޞަކޮށް މިފަހަކަށް އައިސް އަހަރެން އެ ފިހާރައަށް ވަދެއްޖެނަމަ ބުޅާ، މަސްގަނޑަށް ބަލާހެން އޭނަ ބަލާތީ އަހަރެން ވަރަށް ފޫހިވެއެވެ.

“މަންމާ. އެ ފިހާރާގައި އިންނަ ޒުބޭރު އަހަންނަށް މާ ވަރަކަށް ބަލާތީ ވަރަށް ފޫހިވޭ. އެތަނަށް ދާން ބޭނުންނުވަނީ ވެސް އެހެންވެ” އަހަރެން މަންމަ ކާރީ އެވާހަކަ ބުނީމެވެ.

“އަޅާނުލާ. އެއީ އޭނަގެ ވައްތަރު. އެއްޗެކޭ ބުނެ ކަމެއް ކުރަން ނޫޅެއެއްނު. އަޅާނުލީމަ އޭނައަކަށް އެއްޗެކޭ ބުނާކަށް ނުކެރޭނެ. ދަރިފުޅަކީ ވަރަށް ކެރޭ ކުއްޖެއްނު. ވަރަށް ފިނޑިސޮރެއް އެއީ” މަންމަ ބުނެދިން ގޮތަކީ އެއީއެވެ.

އޭގެ ފަހުން އަހަރެން އެ ފިހާރައަށް ގެންދަން މަންމަ އެއް ނޫޅެއެވެ. އަދި އަހަރެން ވެސް ވީހާ ބޮޑަށް ޒުބޭރު ނުފެންނަ ގޮތަށް އުޅެވޭތޯ ބެލީމެވެ.

އެދުވަސްކޮޅު އަހަރެންގެ ލެޕްޓޮޕްގެ މައިކްރޯސޮފްޓް މައްސަލައެއްދިމާވެގެން އަހަރެން އައިމަން ކާރީ އެވާހަކަ ބުނީމެވެ. އައިމަން ބުނީ އޭނަގެ ރަޙްމަތްތެރިއަކު އެރަށުގައި ހުންނާނެ ކަމަށާއި އޭނަ އެމައްސަލަ ޙައްލުކޮށްދޭނެ ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު އެ ބުނާ ރަޙްމަތްތެރިޔާ އައިސް އަހަރެންގެ ލެޕްޓޮޕް ގެންދިޔައެވެ. ހަވީރު އޭނަ އަނބުރާ ލެޕްޓޮޕް ގެނެސްދިން އިރު ހުރީ މައްސަލަ ޙައްލުކޮށްފައެވެ. އަހަރެން އެކަމާ އައިމަން އަށް ޝުކުރު އަދާކުރީމެވެ. އަދި އަހަރެންގެ ހުރިހާ ކަމަކަށް އެހާ ފަރުވާތެރިކަމާއެކު އަޅާލާތީ ނުހަނު އުފާވިއެވެ.

އުފާވެރިކަމާއެކު އަހަރެމެންގެ ލޯބީގެ ދުވަސްތައް ހޭދަވަމުންދިޔައެވެ. އެހާ ހިސާބުން ދެން އަހަރެން ބޭނުންވީ އައިމަން ދެކިލުމަށެވެ. މެސެންޖަރ އިން މެސެޖް ކުރުމުގެ ބަދަލުގައި ވީޑިއޯ ކޯލް ގައިވިޔަސްމެއެވެ. އެހެންކަމުން އަހަރެން އައިމަން ގާތު އެދުނީ އަހަރެންގެ 18 ވަނަ އުފަންދުވަހު އައިމަން ދެކިލަން ބޭނުންވާ ކަމަށެވެ. ވީޑިއޯކޯލް ކުރުމަށެވެ. އެއެދުމަށް އައިމަން އާނބަސް ބުންޏެވެ. އަދި އެރޭ 12 ޖަހާއިރު އަހަންނަށް ސަޕްރައިޒެއް ދޭނެ ކަމަށާއި އެކަމަށް ތައްޔާރުވެގެން ހުންނަށް ބުންޏެވެ.

ކެތްތެރިކަމެއް ނެތި އަހަރެން އިންތިޒާރުކުރީ އައިމަންގެ ސަޕްރައިޒްއަށެވެ. އައިމަން ގެ ވީޑިއޯ ކޯލަށެވެ. އެއީ ކިހާއުފާވެރި ދުވަހަކަށް ވާނެހެއްޔެވެ. މިހުރިހާ ދުވަހު ނުފެނި ތިބެ މެސެޖުން ވާހަކަ ދެއްކިޔަސް އައިމަން ފެނިގެންހުރެ ދެމީހުން ދެމީހުންނަށް ލޯބީގެ އިގުރާރު ވާނެ ދުވަހަކަށް އެދުވަސް ވެގެން ދާނެއެވެ.

އެންމެފަހުން އަހަރެން އިންތިޒާރުގެ ނިމުން އައެވެ. އެއީ އެ އުފާވެރި ދުވަހެވެ. އަހަރެން އިންތިޒާރު ކުރީ ގަޑިން 12 ޖަހާއިރަށެވެ. އެގަޑިއަށް ލެޕްޓޮޕްގެ ކެމެރާ ސެޓްކޮށް އަހަރެންވެސް ރީތިވެލީމެވެ. މި ޚާއްޞަ ދުވަހު އަހަރެން ބޭނުންވީ އައިމަން އާއި އެންމެ ފުރަތަމަ ދުވަހު ދިމާވިގޮތަށް ރީތި ވެގެން އިންނާށެވެ.

ވަގުތު ކުޑަތަން ވަމުން ދިޔަވަރަކަށް އަހަރެންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ބަރާބަރު 12 އާއެކު އައިމަން ވައުދުވީގޮތަށް ވީޑިއޯ ކޯލް ކުރިއެވެ. ފިނިވެފައި ހުރި އިނގިލިތަކަކުން އަހަރެން ކޯލަށް ޖަވާބުދޭން ކީބޯޑަށް ފިތާލީމެވެ.

އައިމަން އިނީ ވަރަށް އަނދިރި ތަނެއްގައެވެ. އޭނަ އިނީ މޫނު ނިވާވާ ގޮތަށް ހޫޑެއްވެސް އަޅައިގެންނެވެ. އަހަރެން ކަޅިޖަހާނުލައި ސްކްރީނަށް ބަލަން އިނީމެވެ. އަދި އަނދިރިކަމުން ނުފެންނަ ކަމަށް ބުނީމެވެ. އިރުކޮޅަކުން ސްކްރީން އަލިވިއެވެ. އަދި މަޑުމަޑުން އައިމަންގެ މޫނުމަތިން އަޅާފައިވާ ހޫޑް ނަގަމުން ދިޔައެވެ. އެ ސިކުންތުގައި އަހަންނަށް ބިރުވެރިކަން އިޙްސާސްވާން ފެށިއެވެ. ކުރިމަތީގައި އައިމަންގެ ގޮތުގައި މީނީ އަހަރެން އުއްމީދު ކުރި މީހާ ނޫންހެން ހީވިއެވެ. އޭނަގެ މޫނުމަތީގައި އަޅާފައިވާ ފޮތިގަނޑު އެއްކޮށް ނެގުމާއެކު ބިރުވެރިގޮތަކަށް އަހަންނަށް ހަޅޭލަވައިގަނެވުނެވެ.

“ކަލޭ…! ޒުބޭރު…؟ ކަލޭ ކީއްވެ މިތަނުގައި؟” ހާސްކަމާއި ބިރުވެރިކަން އެކުލެވޭ އަޑަކުން އަހަންނަށް ހަޅޭލަވައިގަނެވުނެވެ.

“އަހަންނަކީ ރިންޒީގެ ޚިޔާލީ އައިމަން. ސަޕްރައިޒް ރަނގަޅުތަ؟” ޒުބޭރުގެ އެއަޑު އަހަންނަށް އިވުނީ މުޅި ކޮޓަރީގެ ހަތަރުފާރުން ވަށައިގެން އެކޯވެގެން އަންނަ ބިރުވެރި އަޑެއްގެ ގޮތުގައެވެ.

“ކަލޭ؟؟…ނުވާނެ!!!..ކަލޭތަ މިހުރިހާ ދުވަހު އަހަންނާ ވާހަކަ ދެއްކީ؟ އަހަރެން ފޮޓޯ ފޮނުވީ ކަލެއަށްތަ؟” އަހަންނަށް ރޮވެންފެށުނެވެ.

“ކޮބާ މައްސަލައަކީ..އަހަރެން ރިންޒީ ދެކެ ވަރަށް ލޯބިވަމޭ” ޒުބޭރުގެ ކޮންމެ ޖުމުލައެއް އަހަންނަށް އިވެނީ ހޮނު ގުގުރީގެ އަޑުފަދައިންނެވެ.

“ބުނާނަން. އެންމެން ކާރީ ބުނާނަން. ކަލެއަކަށް އަހަންނަކާ ނުކުޅެވޭނެ. ” އަހަރެން ޒުބޭރަށް ބިރުދެއްކޭތޯ ބެލީމެވެ.

ޒުބޭރު ބުނީ އޭނަ އަބަދުވެސް އަހަރެންގެ ފޭސްބުކް އަށް ފާރަލާކަމަށާއި ބަލަބަލާހުރީ އެފަދަ ފުރުސަތަކަށް ކަމަށެވެ. އަހަރެން ކުރާހާ ކަމަކާއި އަހަރެން ދާހާ ތަނަކާއި އަހަރެންގެ އެކުވެރިން ފޭސްބުކް މެދުވެރިކޮށް އޭނަ ބަލާ ކަމަށެވެ. އަދި އެދުވަހު އަހަރެންގެ ފޭސްބުކްގައި އިން އައިމަންގެ ފޮޓޯ ފެނި އޭގައި ފޮޓޯއާއި އެކު އިން ނަން ބޭނުންކޮށްގެން އަހަންނަށް އޮޅުވާލެވޭތޯ ބެލީކަމަށެވެ.

އަހަރެން ކިހާ މޮޔަހެއްޔެވެ؟ މިހުރިހާ ދުވަހު އައިމަންގެ ނަމުގެ ނިވާފަތްގަނޑުގެ ދަށުގައި ހުރެގެން ޒުބޭރު އަހަރެންގެ އިޙްސާސްތަކާއި ކުޅުނީ ޚުދް އަހަންނަށްވެސް އެނގުމަކާއި ނުލައެވެ. ކޮންފަދަ ނުބައި މަކަރުވެރި އިންސާނެއް ހެއްޔެވެ؟

އަހަރެންގެ ބިރު ދެއްކުމަށް ރައްދުދެމުން ޒުބޭރު ބުނީ އަހަންނަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. މީހެއްގެ ކައިރީގައި ބުނެފިއްޔާ އަހަރެން ފޮނުވާފައި ހުރި ހުރިހާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލާނެ ކަމަށެވެ. އޭނަގެ ކޮންމެ ވާހަކައަކުން އަހަރެން ބިރުން ވިރެމުން ދިޔައެވެ. މިހުރިހާ ދުވަހު އެކި ގޮތްގޮތަށް ފޮޓޯ ނަގާ މަޖާކޮށްކޮށްފައި މިއުޅެވުނީ ޒުބޭރުއާއި ކަން އެނގުމުން އަހަރެންގެ ހަށިގަނޑުން ވާގި ދޫވާހެން ހީވާން ފެށިއެވެ. އަދި ދެވަނަ ހިނދުކޮޅުގައި އޭނަ ބުނި އެއްޗަކުން އަހަރެންގެ މުޅި ދުނިޔެ ފުނޑުފުނޑުވި ކަހަލައެވެ. ބޮލަށް އެނބުރުން އަރައި އަރިއަޅާހެން ހީވުމުން އަހަރެން ގޮނޑީގައި ބާރަށް ހިފީމެވެ.

ޒުބޭރަކީ ކިހާ ނުލަފާމީހެއް ހެއްޔެވެ. އަހަރެން އޮޅުވާލައިގެން އަހަރެންގެ ލެޕްޓޮޕަށް އޭނަވަނީ ސްޕައިކުރަން ސޮފްޓްވެއަރ އެއްވެސް އަޅާފައި ކަމަށް ބުންޏެވެ. އަދި ސޮފްޓްވެއަރ ބޭނުންކޮށްގެން އެދުވަހުން ފެށިގެން އޭނަ އެދަނީ އަހަރެން ސްޕައި ކުރަމުންނެވެ. އޭނަ އަށް އަހަރެން ކޮޓަރިތެރޭގައި ކުރާ ހުރިހާ ކަމަކާއި ހުންނަ ހުރިހާ ގޮތަކާއި އުޅޭ ހުރިހާ ގޮތެއް އެނގޭނެކަން އެނގުމުން އަހަންނަށް ގޮތް ހުސްވެ ހަށިގަނޑު ތުރުތުރު އަޅަން ފެށިއެވެ.

އަހަރެން އޭނަ އާއި ދިމާއަށް ހަޅޭލެވީމެވެ. އެގޮތަށް ކަންތައްތައް ނުކުރުމަށް އެދި ސަލާން ޖެހީމެވެ. އަހަރެންގެ އިޙްސާސްތަކާއި އެގޮތަށް ނުކުޅުމަށް އެދި ދެއަތްޖޯޑުކުރީމެވެ. އެހެނަސް އޭނަ އަކީ މަންމަ ބުނި ކަހަލަ ފިނޑި ސޮރެއް ނޫނެވެ. އެއަށްވުރެ މާ ނުބައި އިންސާނެކެވެ.

އެހާ ހިސާބުން ޒުބޭރު ފެށީ އަހަރެން ބްލެކްމެއިލް ކުރުމަށެވެ. އަހަންނަކީ އޭނަގެ އިނގިލީގެ ކުރީގައި ނައްޓުވާ މަށީގެ ބުދަކަށް ހެދިއެވެ. އަހަންނަށް އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ. އަހަންނަށް މަޖުބޫރެވެ. އޭނަ ބޭނުން ވަގުތަކު ބޭނުން ކަމެއް އަހަރެން ލައްވާ ކުރުވަމުން ދިޔައެވެ. ނުކޮށްފިއްޔާ އޭނަގެ އަތުގައި ހުރި އަހަރެންގެ ވީޑިއޯއާއި ފޮޓޯ ލީކު ކޮށްލާނެ ކަމަށް ބުނެއެވެ. އެގޮތަށް އޭނަ ކަންތައްތައް ކޮއްފިއްޔާ އަހަރެންގެ އަގުވެއްޓޭނެއެވެ. އަހަރެންގެ ނަމާއެކު މުޅި ޢާއިލާ ބަދުނާމުވާނެއެވެ. ގެއިން ބޭރަށް ނުނެރި ރައްކާތެރިކަމާއެކު މަންމަމެން ގެންގުޅެ ބޮޑުކުރި އަހަރެން، މަންމަގެންގެ ހިމާޔަތުގައި ގޭގެ ބަންދުކޮޓަރިއެއްގެ ތެރޭގައި އިނދެ ކުރި ވިޔާނުދާ އަމަލު މުޅި ދުނިޔެއަށް ފަޅާ އަރާނެއެވެ. އެލަދުން ސަލާމަތް ވުމަށް އަހަންނަށް ކުރެވެން އޮތްހައިވެސް ކަމަކީ ޒުބޭރުގެ ކުޅޭ ކުޅޭ ބުދަކަށް ވުމެވެ. މިއީ އަހަރެންގެ ކުށެވެ. ސޯޝަލް މީޑިއާގައި މީހަކު ރިކުއެސްޓެއް ހަމަ ފޮނުވާއިރަށް ދެލޯމަރާލާފައި އެއަށް ޖަވާބު ދިނުމުން ލިބުނު ހިތި ނަތީޖާއެވެ. އެހެނަސް ދެން ކުރެވޭނެ ކަމެއް ނެތެވެ.

ޖެހިގެން އައީ އަހަރެންގެ ޙަޔާތުގައި ދިމާވި އެންމެ ބިރުވެރި ދުވަސްތަކެވެ. ޒުބޭރު އަހަންނަށް އަންގާފައި އޮތީ އަހަރެންގެ ލެޕްޓޮޕް ލައްޕާލައިގެން ނުވާނެ ކަމަށެވެ. އޭނަ ބޭނުން ވަގުތަކު އަހަންނަށް ބެލެން ޖެހޭ ކަމަށެވެ. އަދި އޭނަ ބޭނުންވާ ގޮތްގޮތަށް ވެސް އަހަރެން ހުންނަން ޖެހޭ ކަމަށެވެ. ބިރުން ހުރެމެ ވެސް އަހަރެން އޭނަ ބުނާ ގޮތަށް ކަންތައްތައް ކުރަމުން ދިޔައީމެވެ. ބައެއްފަހަރު އަހަރެން ފެންވަރަން ވެސް ވަންނަށް ޖެހެނީ ލެޕްޓޮޕް ހިފައިގެންނެވެ. އަހަރެންގެ އަމިއްލަ ގޭގައިވެސް އަހަންނަށް އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތެވެ. ހަމަޖެހިގެން ނޭވާލެވެން ވެސް ނެތީއެވެ!

މި ދިމާވި ހާދިސާ އަހަރެން މުޅިން ވަރުބަލިކޮށްލިއެވެ. ކުރީގައި އުފަލުން ތާޒާމަލެއް ހެން ފޮޅިފައި ހުންނަ އަހަރެން މިލާމޯޅިވެއްޖެއެވެ. ހިތުގައި ހިނގާ ހައިޖާނުގެ އަސަރު އަހަރެންގެ ބޭރުފުށުން ވެސް ފެންނަން ފެށިއެވެ. އަހަރެންގެ މާޔޫސްވެފައިވާ މޫނާއި ފެންދަމައި ވަޅުވަދެފައިވާ ދެލޮލާއި މައްޔިތެއްފަދައިން ހަރަކާތްތެރިވާ އަހަރެންގެ ހަށިގަނޑު ފެނި މަންމައާއި އާއިލާގެ އެންމެ ހުއްޓުމެއްނެތި ސުވާލު ކުރަން ފެށިއެވެ. އެހެނަސް އަހަރެން ބުނަމުން ދިޔައީ އެއްވެސް ކަމެއް ނުވާކަމަށެވެ. ނަމަވެސް މައިންބަފައިންނަކީ ދަރިންގެ ހުރިހާ ކަމެއް އެނގޭނެ ބައެއްކަމުން އަހަންނަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެންމެންނަށް ވެސް އެނގުނެވެ.

އެދުވަހު ޒުބޭރު އަހަރެން ލައްވާ ކުރުވަން އުޅުނީ އަހަރެންގެ މުޅި ހަޔާތުގައި ވެސް ފިރިހެނެއް ކުރިމަތީ ނުކުރާނެ އަމަލެކެވެ. އެފަދަ ވިޔާނުދާ އަމަލެއް ކުރުމަށް ވުރެން މަރުވުން ވެސް ރަނގަޅޭ އަހަރެންގެ ހިތަށް އެރިއެވެ. އެވަގުތު އަހަންނަށް ހިތްވަރު ލިބުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ވާނެ ގޮތެއްވުމަށް ދޫކޮށް އަތުގެ ކޮޅަށް ލެޕްޓޮޕް ނަގާ ފާރުގައި ޖަހާލުމަށް ފަހު ބާރަށް ރޯންފެށީމެވެ. އަހަރެންގެ އަޑު އިވިގެން މަންމަ ދުވެފައި އައިސް އަހަރެންގެ ގާތަށް ހުއްޓުނު ކަން އެނގުނެވެ. ދެވަނަ ސިކުންތުގައި އަހަރެންގެ ދެ ލޯ މެރިގެން ދިޔަކަން ނޫން އެހެން ކަމެއް އަހަންނަކަށް ނޭނގެއެވެ.

ހޭލެވުނު އިރު އަހަރެން އޮތީ ހޮސްޕިޓަލްގެ އެނދެއްގެ މަތީގައެވެ. ކައިރީގައި ހިނިތުން ވެލައިގެން އަންހެން ޑޮކްޓަރަކު އިނެވެ. އަދި އަހަރެންގެ ހާލު އަހުވާލު އަހާ ހެދުމަށްފަހު ބިރެއް ނެތި އަހަރެންގެ ހިތުގައި ހިނގާ ހުރިހާ ކަމެއް ކިޔައިދިނުމަށް އެދުނެވެ. އަހަރެން ނިންމީ ޒުބޭރުގެ ވާހަކަ ތައް ކިޔައިދީ އެ ބިރުވެރިކަމުން ސަލާމަތް ވާށެވެ. އެހެންކަމުން ފުރަތަމަ ދުވަހުން ފެށިގެން ކަންތައްތައް ވަމުން ދިޔަ ހުރިހާ ގޮތެއް ރޮމުން ގިސްލަމުން އަހަރެން ޑޮކްޓަރަށް ކިޔާދިނީމެވެ. އެވަގުތު ބޭރުގައި ހުރެފައި މަންމަ އައިސް އަހަރެންގެ ހަށިގަނޑުގައި ބައްދާލަމުން އަހަންނަށް ހިތްވަރު ދިނެވެ. ޒުބޭރު އަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި މިހާރު ފުލުހުން އޭނަ ހައްޔަރުކޮށް އޭނަގެ އަތުގައި ހުރި އަހަރެންގެ ފޮޓޯއާއި ވީޑިއޯ ނައްތާލާނެ ކަމަށް ބުނެ ހިތްހަމަ ޖައްސައިދިނެވެ. އަހަރެން އެންމެ އުފާވީ މަންމަމެން އަހަރެން ކުށްވެރި ނުކޮށް މާފު ކުރީމައެވެ.

ޖެހިގެން އައި ދުވަހު ނޫސްތަކުގައި ޒުބޭރުގެ ވާހަކަ ޖަހާފައި އޮތްވާ ފެނިގެން މަންމަ އަހަންނަށް ދެއްކިއެވެ. އަހަރެންގެ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބުނެވެ. އެހެނަސް އެ ބިރުވެރި ހަނދާންތައް އާވުމުން ހަށިގަނޑުން ވާގި ދޫވެ މީހާ ގަބުވާކަލަހަ ގޮތެއްވެއެވެ.

އެހުރިހާ ކަމަކުން އަރައިގަނެ ، ހަމައަކަށް އެޅި ކުރިން އުޅުނު ދިރިއުޅުމަށް ދާން އަހަންނަށް ވަގުތު ނެގިއެވެ. ލޯބިވާ އާއިލާގެ އެހީތެރިކަމާއި އަދި ފަރުވާކުރި ނަފްސާނީ ޑޮކްޓަރުގެ އެހީތެރިކަމާއެކު މަޑުމަޑުން އެ ހަނދާންތަކުން ދުރަށް ދާން ފެށިއެވެ. އެންމެ އުފާވީ މުޅި ދުނިޔެއަށް ފަޟީޙަތް ނުވެ އެކަމުން އަހަރެން ސަލާމަތް ވީމައެވެ. އެކަމަށްޓަކައި ކަލާނގެ ޙަޟްރަތަށް ޝުކުރުގެ ސަޖިދަ ޖެހެވުނީ ކިތަށް ފަހަރު ކަމެއްވެސް ނޭނގެއެވެ!

އެއްދުވަހެއްގެ އިރާކޮޅެވެ. އަހަރެން އޮތީ ކޮޓަރީގައި އޮށޯވެގެންނެވެ. ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގުވިއެވެ. މަޑުމަޑުން ފޯނު ނަގަމުން ކަންނެތް ގޮތަކަށް ހަލޯއޭ ބުނެލީމެވެ.

“ރިންޒީ..މީ އައިމަނޭ. އެނގިއްޖެތަ؟” އެކޮޅުން ފިރިހެނަކު ބުނި އަޑު އިވުނެވެ. ދެވަނަ ސިކުންތުގައި އަހަރެން ހުރީ އެނދުމަތީގައި ކޮޅަށެވެ. މުޅި މީހާ ހާސްވެ ދާހިތްލައި ބިރުން ތުރުތުރު އަޅާ ހާލުގައެވެ.

“ކަލޭ.؟؟!!..އަލުން އެނބުރި އައީތަ؟” ބިރުން ހުރެ އަޅައަޅައިގަންނަމުން އަހަންނަށް އަހާލެވުނެވެ.

“ރިންޒީ..ކިހިނެއްވީ؟ އަނެއްކާ ބިރުވެރި ހުވަފެނެއްގައި އޮއްވާތަ އަހަންނަށް މި ގުޅުނީ؟ މި ގުޅާލީ އެއްކަލަ ޓީއޯޓީ ހެދި ގުރޫޕްގެ ޓްރެއިނިންއާ ގުޅިގެންނޭ. އަހަރެން އެހެންފަހަރަކުން އެބަ ގުޅަން އިނގޭ” އައިމަން އަވަސް އަވަހަށް ފޯނު ކަނޑާލުމުން އަހަންނަށް ފުން ނޭވައެއް ލެވުނެވެ.

އެ ގުޅީ ހަމަ އަސްލު އައިމަނެވެ. އެހެނަސް ދެން އެނަން ދެކެ އަހަރެން ބިރުގަންނާނެއެވެ. އެނަމާ ގުޅުވައިގެން އަހަރެންގެ ޙަޔާތަށް އައި އަނދިރި ދުވަސްތަކުގެ މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ!!! ޒޫމް އިން ދިމާވި އެ އެކުވެރިޔާގެ ނަން އަހަރެންގެ މުޅި ޢުމުރަށް ބިރުވެރި ފުރޭތައެއްހެން އަހަރެންގެ ވަށައިގެން ވާނެއެވެ!!