English Edition
Dhivehi Edition

ދިއްލާފައިއޮތް ރަތްދަކަ އަވީގައި ވަރުބަލިކަމެއް ފޫހިކަމެއްނެތި މަސައްކަތުގައި މަޝްޢޫލުވެގެން އިން ކަމަނަޔަށް އެ ގަދަ އަވީގެ ހޫނުކަންވެސް އިހުސާސްވާހެނެއް ހިއެއްނުވެއެވެ. ކަމަނަހުރީ މަސައްކަތަށް އެއަށްވުރެން ބޮޑަށް މަޝްޢޫލުވެގެންނެވެ. ފަސްގަނޑުޖަހައި އެއްވަރުކޮށްފައި އޮތް ހިސާބުގައި ކަރާއޮތްތައް، އޮށަކަށްފަހު އޮށެއް އަޅަމުން ކަމަނަ އެދަނީ ކުރިމަތިވަމުން އަންނަ ރަމްޟާން މަހަށް ކަރާހެއްދުމަށެވެ. ދަނޑުވެރިކަންކޮށްގެން ދިރިއުޅުމުގެ ހުރިހާ ކަމެއް ބަލަހަށްޓަމުން އަންނަ ކަމަނައަކީ ހިއްވަރުގަދަ މުރާލި އަންހެނެކެވެ. ކަމަނަގެ އުންމީދަކީ، ތިމާއަށް ތަޢުލީމެއް ލިބިފައި ނެތަސް، ލިބިފައި ތިބި ދަރިންނަށް ރަގަޅު ތަޢުލީމެއް ހޯދައިދިނުމެވެ. އެކުދިންނަކީ މުޖުތަމަޢު ގަބޫލުކުރާ ކަހަލަ ތަޢުލީމީ ގާބިލް ކުދިބަޔަކަށް ހެދުމީ ކަމަނަގެ އުންމީދެވެ.
ކަމަނައަކީ މެދުއުމުރުގެ ދުވަސްތައް ގުނަމުންއަންނަ ޒުވާން އަންހެނެކެވެ. އާދައިގެ ވަރެއްގެ ރީތި އިސްކޮޅެއްގެ ވެރިއެކެވެ. ބަލާލަން ރީތި އަންހެނެކެވެ. ގައިގެ ކުލަ އެހާ ދޮންނުވިއަސް، ލޫޅާފަތި ހަށިގަނޑަކާއި، ޗާލު ހިނިތުންވުމެއްގެ ވެރިއެކެވެ. ކޮންމެ ފިރިހެނަކުވެސް އެމީހާގެ އަންބަކަށް ވުމަށްއެދޭފަދަ ރީތި ހުރިހާ ސިފަތަކެއް ލިބިފައިވާ، ހީވާގި މުރާލި ޖިންސުއްލަތީފެކެވެ. ހަމަ ކޮންމެ މީހަކާއި ހިތްހެޔޮކަމާއި އެކު ވާހަކަ ދައްކައި، އަވަށްޓެރިންނަށާއި، އާއިލާގެ އެހެންމީހުނަށް އަޅާލާ އޯގާތެރިއެކެވެ.
އުމުރުން އެންމެ 7 އަހަރުގައި ކަމަނަގެ މައިންބަފައިންނިޔާވުމާއި، ގުޅިގެން ކަމަނަގެ ހަޔާތަށް ބޮޑެތި ބަދަލްތަކެއްއައެވެ.މިހާ ހިސާބުން ކަމަނަގެ ހުރިހާ ކަމެއްގެ ޒިންމާނެގީ އުމުރުން ދުވަސްވެފައިހުރި ކަމަނަގެ ބޮޑުދައިތައެވެ. ބޮޑުދައިތައަށް ކަމަނައަށް ކޮށްނުދެވުނު ކަމަކީ ޒަމާނީ މޮޅުތަޢުލީމެއް ހޯދައި ދިނުމެވެ. އެހެން ހުރިހާ ކަމެއް ބޮޑުދައިތައަށް ކުރެވުނު އެންމެ ރަގަޅެއްކޮށް ކަމަނައަށް ކޮށްދިނެވެ. ދީނަށް ލޯބިކުރާ،ހިވާގި، މުރާލި، ސާފުތާހިރު ގެވެހި، ޒިންމާދާރު އަންހެނަކަށް ކަމަނަހެދިއެވެ.
ކަމަނަގެ އުމުރުން 19 އަހަރު ފުރުނުއިރު ކަމަނަހުރީ އުމަރާއި ކައިވެނިކޮށްގެންނެވެ. އުމަރަކީ ކަމަނައާއި އެއްރަށަކަށް ނިސްބަތްވާ، ކަމަނަ ކަހަލަ ހިތްހެޔޮ، މުރާލި،ފިރިހެނެކެވެ. އެހެންކަމުން މިދެމަފިރިންގެ ކައިވެނި ވެގެންދިޔައީ އެކަކު އަނެކަކަށް ލިބިގެން ދިޔަ އިތުރު ހިއްވަރަކަށެވެ. ހަޔާތުގެ ބާކީއޮތްބައި އެކުއެކީ ވުމަށް ވަޢުދުވެ ދެމަފިރީން ދަތުރުފެށީ ނުހަނު ފޮނި އުންމިދުތަކަކާއިވެސް އެކުގައެވެ. ކައިވެނީގެ އެންމެ ތާޒާ ދުވަސްކޮޅު އެދެމަފިރިންނަށް ލޯބިލޯބި ފިރިހެން ދަރިއަކު ލިބުން ވެގެން ދިޔައީ އެދެމަފިރިންގެ ގުޅުން އިތުރުވެގެންދިޔަ ކަމަކަށެވެ. ކުޑަކުޑަ އައްމާރުވެގެން ދިޔައީ ކަމަނަ އާއި އުމަރުގެ ލޯބި އިތުރަށް ބަދަހިކޮށްދިން ރަމްޒަކަށެވެ.
ކަމަނަގެ ފިރި އުމަރަކީ ހިއްވަރުގަދަ ދަނޑުވެރިއެކެވެ. ދަނޑުވެރިކަމުން ރަގަޅު އާމްދަނީއެއް ހޯދަމުން އަންނަ އުމަރަކީ ސާދާމިޒާޖެއްގެ ވެރިއެކެވެ. ކަމަނައާއި ކައިވެނި ކުރެވުމުން ދުނިޔޭގެ ހުރިހާ އެދުމެއް ހާސިލުވީ ކަމުގައި އުމަރަށް ހީވިއެވެ. އެހާވެސް އުމަރު ކަމަނަދެކެ ލޯބިވެއެވެ. ދިރިއުޅުމަށްޓަކައި އުމަރު ކުރަމުންދިޔަ ކަމަކީ ދަނޑުވެރިކަން ކަމަށްވާތީ އެމަސައްކަތުގައި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިން ދެވަނަ ފަރާތަށް ކަމަނަވިއެވެ. ދަނޑުގައި ދުވާލުގެ ގިނަވަގުތުތައް ހޭދަކުރުމަށްފަހު،ކޮންމެ ދުވަހަކުވެސް އުމަރު ގެއަށް ދިޔައީ ،ނުހަނު އުފަލާއި، އެހާމެ ހިތްހަމަޖެހުމާއި އެކުގައެވެ. އެހެނީ އެންމެ ލޯބިވާ އަނބިމީހާއާއި، ލޯބިވާ ދަރިފުޅާއި އެކު ދުވަހުގެ ބާކީއޮށްބައި ހޭދަވާނެތީއެވެ. އަނބިމީހާގެ އަތުން ކައްކާފައި ހުންނަ މީރުކެއުންތައް ސުފުރާމަތީ އިންތިޒާރުގައި ހުންނާނެތީއެވެ. ހަމަ އެހެންމެ ކަމަނަގެ އެ މަޑު އޮމާންއަތުގެ ފިރުމުންތައްވެސް އުމަރަށް ލިބޭނޭކަން ޔަގީންވާތީއެވެ. އާދެ! މިދެމަފިރިންގެ ހަޔާތް އުފަލާއި، ހިތްހަމަޖެހުމުގައި ވޭތުކުރަމުން ދިޔައީ ހިތާމަޔާއި މޮޅިވެރިކަމަކީ ދުނިޔެމަތީގައިވާ އެއްޗެއްކަންވެސް ހިތަށްވެސް ނާރައެވެ. މިއުފާފާގަތި ކަމުގައި މިދެމަފިރިންނާއި ދަރިފުޅު އުޅެމުންގޮސް އުމަރުގެ އުމުރުން 3 އަހަރުވެއްޖެއެވެ. ކަމަނައާއި އުމަރުގެ ހުރިހާވެސް އުފަލަކީ ދަރިފުޅު އައްމާރުއެވެ. ދުވާލުގެ ވަގުތުތައް ކަމަނަހޭދަކުރަނީ ގޭތެރޭގެ ކަންތަކުން އަވަދިވެގެން، ދަރިފުޅާއިއެކު ދަނޑަށްގޮސް އުމަރަށް ދަނޑުގެ މަސައްކަތްތަކުގައި އެހީތެރިވުމުގައެވެ. އެގޮތުން، ގަސަތަކަށް ފެންދީ،ވިނަނޮޅުންފަދަ ކަންތައް ކަމަނަކުރަމުން ދާއިރު ދަރިފުޅު އައްމާރުވެސް މިކަންތައްތަކުގައި ބައިވެރިކުރެއެވެ.
އެއްރެއްގެ އިރާކޮޅެވެ. އުމަރު އިޝާނަމާދުން ނިމިގެން ގެއަށްއައިސް ވަންއިރު ކަމަނަ ފެންނާކަށް ނެތެވެ. ބަދިގެއަށް ވަނދެ ބަލާލިއިރު ކާމޭޒުމަތިވެސް ހުރީ ހުސްކޮށެވެ. އެހެންޏާ އުމަރު އިޝާނަމާދުން ނިމިގެން އަންނައިރު ކާންހަދާފައި ހުންނާނެއެވެ. މިވީގޮތަކުން އުމަރުގެ ހިތަށް ނޭގޭ ކަހަލަ ހާސްކަމެއް ވެރިވިއެވެ. ދުވެފައި ކަހަލަ ގޮތަކަށްގޮސް ކޮޓަރިއަށް ވަންއިރު އެނދުމަތީ ނިދިފައި ކަހަލަ ގޮތަކަށް ކަމަނައޮތެވެ.ވެފައިހުރި ހާސްކަމަކުން އުމަރަށް ކަމަނާއޭ ކިޔާގޮވައިވެސް ލެވުނީ ތަންކޮޅެއް ބާރަށެވެ. އުމަރުގެ ގޮވާލުމުގެ އަޑަށް ކަމަނަ ލޯހުޅުވައި ބަލއިލިގޮތުން ކަމަނަ ބަލިކަން އުމަރަށް އިހުސާސްވިއެވެ.
“ކަމަނާ! ކަމަނާ! ކިހިނެއްވީ!؟”. އުމަރު ހާސްކަމާއި އެކު އަހައިލިއެވެ.
“ކުޑަކޮށް ބޯއަނބުރާފައި، ގައިގަ ވަރުބަލި ކުރަނީ”. ކަމަނަ ބަލިއަޑަކުން ޖަވާބު ދިނެވެ.
“ކީކޭ! އަނެއްކާ ކިހިނެއްވީ؟، ހިނގާ ހޮސްޕިޓަލަށްދާން، ކޮބާ އައްމާރު؟”، އުމަރު ކަންބޮޑުވެފައިހުރެ އެއްފަހަރާ އެތަށް ސުވާލެއް ކޮށްލިއެވެ.
“ނޫނޭ! މަށަކަށް ހިއެއްނުވޭ މީކީ އަދި އެހާ ކަންބޮޑުވާން ޖެހޭ ކަމެއްހެން، މަށަށް ހީވަނީ އުމަރުގެ ޒިންމާ އިތުރަށް ބޮޑުވާން އުޅެނީހެން، މަށަށް ވަރަށް ހީވޭ މަގޭ ބަނޑުބޮޑުހެން” ކަމަނަބަލިކޮށް އެހެނަސް މަޖާރާގަކަށް ބުނެލިއެވެ.
ލިބުނު ޚަބަރަކުން އުމަރު އިންތިހާޔަށް އުފާވިއެވެ. އިތުރު ދަރިޔަކަށް ބޭނުންވެގެން އެދެމަފިރިން އައީ އެކަމަށް އެދެމުންނެވެ.
“އެކަމަކުވެސް ޑޮކްޓަރަށް ދާންވާނެދޯ! އޭރުންތާ ޔަގީންވާނީ” އުމަރު ބޭނުންވީ ކޮންމެހެންވެސް ކަމަނަ ބަލިވެއިންތޯ ޔަގީންކުރާށެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ހޭލައިގެން އައްމާރުގެ ކަންތައްތަކުގެ ޒިންމާނެގީ އުމަރެވެ. ކަމަނަ ގައިގައި ވަރެއްނެތުމާއި، ތެދުވާތަނުން އޯކަށްދެމި ހޮޑުލެވޭހެން ހިވާތީ ކަމަނައޮތީ އޮށޯވެގެންނެވެ. ދަރިފުޅު އައްމާރުގެ ކަންތައްތަކުން ނިންމާލުމަށްފަހު، ޖެހިގެންހުރި ގެއަށްލާފައި އުމަރާއި ކަމަނަ ހޮސްޕިޓަލަށް ދިޔައީ އެދެމަފިރިންނަށް ކުރެވޭ ޝައްކު ޔަގީންކުރާށެވެ. އެކަންވީވެސް އެހެންނެވެ. ކަމަނަގެ ބަސް ތެދުވެ ކަމަނަގެ ހީ ޔަގީނަށް ވެއްޖެއެވެ. ކަމަނައިނީ އުމަރުގެ ދެވަނަ ދަރިއަކަށް ބަލިވެކަމުގައި ޑޮކުޓަރުވެސް ބުނެފިއެވެ. އެކުޑަ ކުޑަ ލޯބިލޯބި އާއިލާގެ އުފާވެރިކަން ދެގުނައަށް އިތުރުވީ އެދެމަފިރިން އަންހެންދަރިއެއް ލިބުމަށް އެދި ކުރަމުންއައި އުންމީދުގައި ކުލަޖެހެން އުޅޭ ކަމުގެ އިހުސާސް ވުމުންނެވެ.
އެކުޑަ ކުޑަ އާއިލާއަށް އަންހެންދަރިއަކު ލިބުމަކީ ކަމަނައާއި އުމަރު ނިހާޔަތަށް ބޭނުންވެފައިވީ ކަމެކެކެވެ. ކަމަނަ ބަލިވެ އިނުމާއި ގުޅިގެން ގޭތެރޭގެ ކަންކަމުގައި، އިހުނަށްވުރެ ބޮޑަށް އުމަރު ބައިވެރިވެ ޒިންމާނެގިއެވެ. އައްމާރުގެ ހުރިހާ ކަމެއްހެން މިހާރު ބަލަހަށްޓަމުން އަންނަނީ އުމަރުއެވެ.އެހެންކަމުން ދަނޑުގެ ކަންކަން އިތުރަށް ބެލެހެޢްޓުމަށްޓަކައި އިތުރު ދެ މީހަކުވެސް ދަނޑުގެ މަސައްކަތަށްށްލިއެވެ. އެވެސް ގިނަވަގުތު ގޭގައި ކަމަނައާއި ދަރިފުޅުގެ ކަންކަމުގައި އުޅުމަށެވެ.ކަމަނައަކީ އާއިލާގެ އެހެން މެމްބަރުންނާއި އަވަށްޓެރިންނާއިވެސް ގުޅިގެން އެކުގައި އުޅޭ މީހެއްކަމުން މިހާލަތުގައި އެހުރިހާ އެންމެންވެސް ކަމަނައާއި އުމަރަށް އެހީތެރިވެދެއެވެ. ކަމަނައަށް މީރުވާނޭހެން ހީވާ އެއްޗެއް އެއިން ގެއެއްގައި ރޯފިލުވިއަސް އެއެއްޗެއް ކަމަނައަށް ހަމަ ކޮންމެ ގެއަކުންވެސް ގެންގޮސްދޭނެއެވެ.
ކަމަނަގެ ބަނޑުގައިވާ ދަރިފުޅާއި ދެމައިންގެ ސިއްޙަތަށް ބޭނުންވާނޭ ހުރިހާ އެއްޗެއްހެން އުމަރު ހޯދާފައި ގޭގައި ހުރެއެވެ. އެދެމައިންނާއި އައްމާރުގެ ކަންކަން އުމަރަށް ވީ އެންމެ ރަގަޅަކަށް ކުރެވޭތޯ ރެއާއި ދުވާލު މަސައްކަތްކުރެއެވެ. ކަމަނަ ވިހެއުމަށާއި، ބަނޑުގައިވާ ދަރިފުޅަށް ބޭނުންވާނޭ ހުރިހާ ސާމާނެއް އަންނަނީ ހޯދަމުންނެވެ. މިކަމުގައިވެސް އެންމެ އެހީތެރިވެދޭ މީހަކީ ޚުދު އުމަރުއެވެ.
ދުވަސްތައް ފާއިތުވެ ކަމަނަގެ ބަނޑަށް 9 މަސްފުރިއްޖެއެވެ. ވިހެއުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވަނީ ތައްޔާރުވެފައެވެ. ކަމަނައިނީ ހަމަ ކޮންމެ ވަގުތެއްގައިވެސް ހޮސްޕިޓަލަށް ދާންޖެހިދާނެ ކަމަށް ތައްޔާރަށެވެ. އުމަރު އިންނަނީ މިފަހަކަށް އައިސް ދަނޑަށްދާންވެސް ޖެހިލުންވެފައެވެ. ކަމަނަ ބަލައިލާ ގޮތަކުންވެސް އުމަރަށް ހީވަނީ ކަމަނައުޅެނީ ބަނޑުގައި ރިއްސާތީ ކަމަށެވެ. ކަމަނަގެ ފައިގާ ތެޔޮދަމައިދީ، ބުރަކަށި މޮޑެދީ ހެދުމަކީ އުމަރުގެ އިނގިލިތަކަށް ކޮންމެހެން ބޭނުންވާ ކަސްރަތަކަށް މިހާރު ވަނީ ވެފައެވެ. މިކަންތައް ކަމަނައަށް ކޮށްދެމުންދާއިރު ދަރިފުޅު އައްމާރު ކައިރީ ބަހަށްޓައިގެން ހުރެ ކަމަނަ ބަނޑުގައިވާ ދަރިފުޅާއި އުމަރު ވާހަކަ ދައްކަމުން މަޖާ ކުރަމުންދާއިރު ކަމަނަ އިންނަނީ އުފަލުންފޮޅިފައެވެ. ހަޔާތުގެ މި ނަސީބާއި ދޭތެރޭ ކަމަނަ އަބަދާއި އަބަދު ﷲއަށް ޝުކުރުވެރިއެވެ.
ވިހަންގާތްވެ، ބަނޑުތިރިވެފައި ހުންނަވަރުން ކަމަނައަށް ހެލިފެލިވެ އުޅެންވެސް މިހާރު ވަރަށް އުނދަގުލެވެ. އެހެންކަމުން ކަމަނައަށް އެހީތެރިވުމަށާއި، އުމަރު ގޭގައިނުއުޅޭ ގަޑިއެއްގައިވެސް ކަމަނަ ބަނޑުގައި ރިއްސައިގެންފާނެތީވެ، ކަމަނައަށް އެހީތެރިވުމަށްޓަކައި އުމަރުގެ ކޮއްކޮއެއްވެސް މިހާރު ވަނީ ކަމަނަ ކައިރިއަށް އެގެއަށް ގެންފައެވެ.
އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. ގަހުގައި އަނބުދޮންވެފައި ހުރުމުން އުމަރު އޮތީ އަނބު ބިންނަން ގަހަށް އަރައެވެ. ކަމަނަހުރީ އުމަރު ގަހުން ބިންނަމުން ދިޔަ ދޮންއަނބުތަކުން އަނބެއް އައްމާރުއަށް ކާންދޭށެވެ. ވީނުވީއެއް ނޭގި ކުއްލިވޭންވަރަކާއި އެކު ކަމަނަގެ ބަނޑުން ފެންފައިބާން ފެށިއެވެ. ކަމަނައަށް ވަރަށް ބާރަށް އުމަރާއޭ ކިޔައި ގޮވަލިލެވުނެވެ. ގަހުގައިއޮތް އުމަރު ގަހުން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. މީދަލެއްހާ ހަލުވިކޮށް އުމަރުން ގަހުން ފައިބައިގެން ކަމަނަ ކައިރިއަށް އައިސްފިއެވެ. ޝަހުމާއޭ ކިޔާ ވަރަށް ބާރަށް ކޮއްކޮއަށް ގޮވުމަށްފަހު، ކަމަނަ ގޮވައިގެން ހޮސްޕިޓަލަށް ދިއުމަށް ތައްޔާއުވިއެވެ. އައްމާރުގެ ހުރިހާ ކަމަކާއި ކޮއްކޮ ޝަހުމާއި ހަވާލުކުރުމަށްފަހު އަވަށްޓެރި އަކާއި އެކު ކަމަނަ ގޮވައިގެން އުމަރު ހޮސްޕިޓަލަށް ދިޔައިރު ނޭގޭ ކަހަލަ އިހުސާސްތަކެއް ދިޔައީ ކުރެވެމުންނެވެ. އުފާވެރިކަމާއި، ގޮތްނޭގޭ ހާސްކަމެއްވެސް އުމަރުގެ ހިތުތެރޭގައި ރަސްކަންކުރިއެވެ.
އަވަށްޓެރި ސައީދާއާއި ސައީދާގެ ފިރި އަލިދީދީއާއި އެކު ވިއްސާކޮޓަރީގެ ބޭރުގައި އުމަރުހުރީ ކެތްމަދުވެފައެވެ. މާކަ ގިނައިރުތަކެއްނުވެ ނަރުސްކުއްޖަކު ވިއްސާކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު ބޭރަށް ބޯދިއްކޮށްލާފައި، ކަމަނަ ވިހައިފި ކަމަށާއި ވިހެއީ އަންހެންކުއްޖެއްކަމަށާއި، ދެމައިންގެ ހާލުވެސް ރަގަޅުކަމަށް ބުންޏެވެ. އެވަގުތު އުމަރަށް ހުރެވުނު ތަންވެސް ނޭގޭފަދަ އުފާވެރި ކަމެއް އިހުސާސްކުރެވުނެވެ. އުމަރުގެ ލޮލުން އުފާވެރިކަމުގެ ކަރުނައޮހި އުމަރަށް ރޮވުނެވެ.
ކަމަނަވިހައި ގަދަވެ، ދަރިފުޅަށް 7 ދުވަސްވެއްޖެއެވެ. ބަކަރި ކަތިލުމަށްފަހު ސާރާއޭ ކިޔައި ދަރިފުޅަށް ނަންދިނެވެ. ސާރާހީވަނީ ކަމަނަގެ ކުޑަކުޑަ ނަކަލެއް ހެނެވެ. އެހާވެސް ކަމަނައާއި ސާރާ ވައްތަރެވެ. މިކަމާއި އުމަރާއި އެހެން މީހުން ވަރަށް ދިމާވެސް ކުރެއެވެ. އެހެންނަމަވެސް އުމަރު ހުންނަނީ ނުލާހިކު އުފާވެފައެވެ. އައްމާރުވެސް ކޮއްކޮއެއް ލިބުމުން ވަރަށް އުފާވިއެވެ. އަބަދުވެސް ކޮއްކޮ ކައިރީގައި ހުރެވޭތޯ އައްމާރު ބަލައެވެ. ސާރާ ނިދަން އޮތަސް ސާރާގެ ކައިރީ ގިނަވަގުތު އައްމާރު ހޭދަކުރެއެވެ.
ދުވަސްތައް މާޒީވެ، އައްމާރުގެ އުމުރުން 12 އަހަރު، ސާރާގެ އުމުރުން 9 އަހަރު ފުރިއްޖެއެވެ. ދެދަރިންގެ ކިޔެވުމާއި އެހެނިހެން ކަންތަކާއި އެކު، ކަމަނަގެ ޒިންމާތައް މިހާރު ވަރަށް ބޮޑުވެއްޖެއެވެ. ދަނޑުވެރިކަން ފުޅާވެ އުމަރުވެސް ކުރިއަށްވުރެން ގިނަ ވަގުތު މަސަތްކަތުގައި އުޅެންޖެހުނެވެ. އިތުރު ދަނޑުތަކާއި، އަލަ އޮޅުތައްވެސް ގަނެ މަސަތްކަތަށް އިތުރު މީހުން ނަގައި، އުމަރުގެ ވިޔަފާރި ވަނީ އިތުރަށް ފުޅާކޮށްފައެވެ. ނަމަވެސް ދަރިންނާއި ކަމަނަގެ އެއްވެސް ކަމަކަށް އުމަރު ފަރުވާކުޑައެއް ނުކުރެއެވެ. އެމީހުންގެ ކަންކަން ބަރާބަރަށް ބަލަހަށްޓައި ދޭންޖެހޭ ސަމާލުކަމާއި، އަޅައިލުން ދެއެވެ. ދެދަރިނންނާއި، ގޭތެރޭގެ މަސައްކަތްތަކުގައި ބުރަވުމުން ކަމަނައަށް ކުރިން ދާހެން މިހާރު ދަނޑަކަށް ނުދެވެއެ. މިކަމާއި އުމަރުގެ އެއްވެސް ޝަކުވާއެއް ނޯވެއެވެ. އެހެނީ މިހުރިހާ މަސަތްކަތެއްގެ ބޭނުމަކީ ދަރިންނާއި ކަމަނަ އުފަލުގައި ބައިތިއްބުން ކަމަށް ވާތީއެވެ.
ދަރިންގެ ޒިންމާތަކާއި، އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް ކިތައްމެ ބޮޑުވެފައި ގިނަވިޔަސް ކަމަނައާއި އުމަރު އެކަކު އަނެކަކު ދެކެވާ ލޯއްބަކަށް އަދި އެކަކު އަނެކަކަށްދޭ ވަގުތަކަށް ކުޑަނަމަވެސް ބުރުލެއް ނާރައެވެ. އެހެނަސް އެލޯބިވީ ވަރުގަދައެވެ. އެކަކު އަނެކަކާއި ދިމާކޮށްލައި، މަޖާކޮށްލުމަކީ އުމަރުއާއި ކަމަނަ ކުރާ ހިއްވާ ކަމެކެވެ. އުމަރަކީ ސަމާސާ މިޒާޖެއްގެ ވެރިއެއް ކަމުން ކިތަންމެ ހަނި ދޭތެރެއަކުން ނަމަވެސް ކަމަނައާއި ދިމާކޮށްލެވޭތޯ ބަލާނެއެވެ. ކަމަނައަށް ލޯބިން އެކި ނަންނަމުން ގޮވާނެއެވެ. ދޭތެރެއަކުން ކަމެއްކޮށްލައިގެން ކަމަނަ ރުޅިއަރުވާލެވެތޯވެސް އުމަރު ބަލާނެއެވެ.
އާދަކާދައިގެ މަތިން ދަރިން ނިންދަވާފައި، ކަމަނަ ނިކުތީ އުމަރު އުނދޯލީގައި އިންތިޒާރުގައި ހުންނާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެނެއްނޫނެވެ. އުނދޯލީގައި އުމަރެއްނެތެވެ. އެހެންކަމުން އުމަރު އަންނަންދެން އުނދޯލީގައި ކަމަނަ ޖައްސާލިތަނުން ނިދިއްޖެއެވެ. ކަމަނައަށް ހަމަ ނިދުނުތަނާހެން އުމަރުގެއަށް އައިސްފިއެވެ. ނަމަވެސް މިރޭ އުމަރު ހިތަށްއެރީ ކަމަނައަށް ނުގޮވާ ކުޑަ ސަމާސާއެއްކޮށްލާށެވެ. އެހެންކަމުން ސިއްރު ސިއްރުން ކުދިންގެ ކޮޓަރިއަށް ވަދެ އައްމާރު ކައިރިއަށް އަރައި އޮށޯވެއްޖެއެވެ. އެންމެ ރަގަޅު އިރުކޮޅެއްގެ ފަހުން، ކޮންމެވެސް ވަރަކަށް ވައިބާރުވެ ފުރާޅުމައްޗަށް އެއްޗެއް ޖެހުނު އަޑަށް އުނދޯލީގައި ނިދިފައިއޮތް ކަމަނަ ދިޔައީ ސިއްސައިގެންނެވެ. ސިއްސައިގެން ހޭލެވުނީމާ ކަމަނަ ހުރީ ހިތްބިރުވެސްގެންފައެވެ. އެހެންކަމުން އުމަރު ކޮބައިތޯ ބަލަން ދުވެފައިކަހަލަ ގޮތަކަށްގޮސް ކޮޓަރި ބެލިއިރު އެނދަކު އުމަރެއްނެތެވެ. ކަމަނަ ވަރަށް ކަންބޮޑުވެއްޖެއެވެ. ކުއްލިއަކަށް ގަޑިއަށްބަލާލެވުނެވެ. ގަޑިން އެގާރަގަޑި ބައި ވެއްޖެއެވެ. އުމަރަކީ މިހާ ލަސްވަންދެން ގެއިން ބޭރުގައި އުޅޭމީހެއްނޫނެވެ. އަވަސް އަވަހަށް އުމަރަށް ގުޅަންވެގެން ފޯނުފެނޭތޯ އެތަން މިތަން ކަމަނަހޯދިއެވެ. ނަމަވެސް ފޯނު ފެނޭގޮތެއްވެސް ނުވިއެވެ. ބަދިގެއާއި، ފެންޑާ އަދި ކޮޓަރި ބެލުމަށްފަހު ކުދިންގެ ކޮޓަރީގައި ފޯނު އޮވެދާނެތީވެ އަވަސް އަވަހަށް ކަމަނަ ގޮސް އެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު އައްމާރު އެނަދަށްއަރައި އެއޮތީ އުމަރުއެވެ. ކަމަނަގެ ހާސްކަން އިތުރަށްވީ ބޮޑެވެ. އުމަރަށް ކަމެއްވީބާއޭ ހިތައި ދުވެގޮސް އުމަރުގެ ގައިގައި ހިފައިލިތަނާ އުމަރުގެ ހިނިގަނޑުދިޔައީ ފަޅައިގެންނެވެ. އުމަރުގެ މި ސަމާސާ މިފަހަރު ކަމަނައަކަށް އެހާ ކަމަކު ނުދިޔައެވެ. ވެފައިހުރި ދެރަޔާއި، ގެންފައި ހުރި ބިރާއި، ހާސްކަން ބަދަލްވެގެން ދިޔައީ ރުޅިއަށެވެ. ކަމަނަ މިފަހަރު ހަމަ ރަގަޅަށްވެސް ރުޅިއަތުވެއްޖެއެވެ. އެހެން ކަމުން އުމަރު ގޮވައި، ގޮވައި ހުށްޓައި ކަމަނގޮސް ކޮޓަރިއަށްވަދެ ތަޅުލައިފިއެވެ. އަދި އުމަރު އާދޭސް ކުރީމާވެސް ކަމަނަ އެރޭ ކޮޓަރީގެ ދޮރެއް ނުހުޅުވިއެވެ. އުމަރަށް އެންމެ ފަހުންޖެހުނީ އެރޭ ދަރިންގެ ކޮޓަރީގައި ނިދާށެވެ.
ކަމަނައާއި އުމަރުގެ ލޯބިލޯބި އާއިލާއަކީ، އަވަށްޓެރިންނާއި، އާއިލާ އެހެންމީހުނަށް މިސާލެއް ކަހަލަ ބައެކެވެ. އެކަކު އަނެކަކަށް ދޭ އަހަމިއްޔަތު ކަމާއި، ލޯތްބަކީ އެދެމީހުނަށް އެކަކު އަނެކަކާއި ނުލައި ދިރި ނުއުޅެވޭނެހާ ވެސް ގަދަފަދަ ލޯއްބެކެވެ.
އާދޭ! ދުނިޔޭގެ އެއްވެސް ކަމެއް ތާއަބަދަކު އެއްގޮތަކަށް ދެމި ނޯވެއެވެ. ކަނޑުގެ އޮއިވަރުވެސް އެކިފަހަރު އެކިގޮތްގޮތަށް ބަދަލްވާ އުސޫލުން މި އުފާވެރި ދިރިއުޅުންވެސް މުޅިން ބަދަލްވެއްޖެއެވެ. ދަނޑުގައި ކުރަން އުޅުނު މަސައްކަތރެއްގެ ތެރޭގައި ބޮލަށް ދަނގަޑެއްވެއްޓި އުމަރު މިދުނިޔެއާއި ވަކިވުން ވެގެންދިޔައީ، ކަމަނައާއި އެ ކުޑަކުޑަ އާއިލާއަށް ތަހައްމަލް ކުރަންދަތިވި ކަމަކަށެވެ. އެންމެގާތް އެކުވެރިޔާ ، އަދި ހަޔާތުގެ ބައިވެރިޔާ، ދެކުދިންގެ ބައްޕަގެ މިކުއްލި ވަކިވުމުން ކަމަނައަށް އަރައިގަންނަން ދަތިވިއަސް، ކަމަނަ ހިއްވަރުކުރިއެވެ. ދެދަރިންނާއި އުމަރަށްޓަކައެވެ. ދިރިއުޅުން ބިނާކުރުމަށް އުމަރު ފެށި ދަތުރުގެ ހުންގާނަށް އަރަން ކަމައަށް ޖެހުނީއެވެ. ދަރިންގެ ހައްގުގައި ކަމަނަ އައު އަޒުމަކާއި އެކު ދިރިއުޅުން ފަށައިގަތީ ގަދަ ހިއްވަރަކާއި އެކުގައެވެ. ލޮލުންއޮހުރުނު ކަރުނަތައް ފޮހެލާފައި، އަތުކުރި އޮޅައިލީ، ދަރިންނަށް ބައްޕަނެތް ކަމުގެ އިހުސާވިޔަ ނުދިނުމަށެވެ. އެކުދިންގެ ބައްޕަ އެކުދިންނަށް ހޯދައިދޭން މަސައްކަތްކުރި، ދިރިއުޅުން އެކުދިންނަށް ހޯދައިދިނުމަށެވެ. ދިރިއުޅުމަށްޓަކައި އުމަރު ކޮށައިދިން ދަނޑުތައް ދުވަހަކުވެސް މަރުވެ، ވީރާނާވިޔަނުދިނުމަށެވެ. އެދަނޑުތަކުން އެދެމީހުންގެ ލޯބި އަބަދުމެ އަބަދަށް އާރޯވާނެހެން ފެންދީ ބެލެހެއްޓުމުގެ އަޒުމުގައެވެ. ކަމަނައަކީ ހިއްވަރުގަދަ އަންހެނެކެވެ. ކަމަނައަކީ ކެރޭ، މުރާލި މަންމައެކެވެ. ކަމަނައަކީ ކިޔަމަންތެރި، ވަފާތެރި އަންބެކެވެ.

(ނިމުނީ)