English Edition
Dhivehi Edition

ރޯމިއޯއާ ޖޫލިއެޓްއަށް ކާވެނި ކުރެވުނުނަމަ ކާމިޔާބެއް ނުވީހޭ ބައެއް މީހުން ބުނެ އުޅެއެވެ. ކާވެންޏެއް ކާމިޔާބު ވަނީ ހަގީގީ ހަޔާތެއްގައެވެ. އެހެން ނޫނީ އެވާނީ ނާކާމިޔާބު ފަސާނާއަކަށެވެ.

ނޫމާން އާއި ރައުޒާގެ ގުޅުމަކީވެސް އެހާ ދަތި އުނދަގޫ އެހާމެ މައްސަލަ ބޮޑުގުޅުމެކެވެ. ނޫމާން އައީ މާލެއިންނެވެ. ބޭފުޅުންގެ އާއިލާއަކުންނެވެ. ރައުޒާ އަކީ ފޭދޫ ކުއްޖެކެވެ. މަޝްހޫރު އާއިލާއެއް ނޫނެވެ. ނޫމާންގެ މައިންބަފައިން އޭނާ އައްޑޫގެ ވަޒީފާއަކަށް ދާކަށް ބޭނުމެއް ނުވިއެވެ. އަމުދުން އެއަތޮޅު ކުއްޖަކާ އޭނާ ކައިވެނި ކުރުމަކީ އެމީހުން އެއްގޮތަކަށް ވެސް ރުހޭ ކަމަކަށް ނުވިއެވެ. ރައުޒާގެ ބައްޕަ މަނިކުފާނު ވަގުތުން ދެކޮޅު ހެދިއެވެ. މާލޭގެ ތަނަވަސް އާއިލާތަކުގެ ފިރިހެން ކުދީންނާ އިނދެގެން އެމީހުންގެ ދަރީން އަތޮޅު ދޫކޮށްފައި ދިއުމަކީ އޭނާ ރުހޭނެ ކަމަކަށް ނުވިއެވެ. ރައުޒާއަކީ އޭނާގެ ހުރި އެންމެ ދަރިފުޅެވެ. އޭނާގެ ހުރިހާވެސް އުންމީދަކީ ރައުޒާ އޭނާއަށްޓަކައި އައްޑޫ ތަރައްގީކޮށް ކުރިއެރުވުމެވެ.

މަނިކުފާނަކީ ގަމުގެ އޮފިސަރސް މެސްގައި މަސައްކަތް ކުރި ވޭޓަރެއް ނަމަވެސް އޭނާގެ ޚިޔާލު އޮންނަނީ އަބަދުވެސް އަތޮޅު ކުރިއެރުވުގައެވެ. އިނގިރޭސިން ގަމުން ފޭބުމާއެކު އައްޑުއަށް ލިބުނު ނިކަމެތިކަން އެންމެ ގާތުން ދުށް އެކަކަށް އޭނާ ވާނެއެވެ. އޭނާގެ އުމުރުން ފާއިތުވެގެން ދިޔަ ބައިގަރުނު އޭނާ އައީ އައްޑުއަށް ފާގަތި ދުވަސްތަކެއް އަލުން އައިސް މީހުން ހިތްފަސޭހަކަމުގައި ދިރިއުޅެމުންދާތަން ދުށުމުގެ އުންމީދުގައެވެ.

ހިތާމައަކީ އޭނާގެ މި އުންމީދު ފުރިހަމަ ވެގެން ދިޔަތަން ނުފެނުނު ކަމެވެ.

ރައުޒާއަށް އޭނާ ޒަމާނީ ތައުލީމު ކިޔަވައިދިނީ އޭނާ މެދުވެރިވެ އައްޑޫގެ ކުރިއެރުމަށް މަސައްކަތެއް ކުރެވިގެން ދާތަން ދުށުމަށެވެ. އެހެން ކަމުން އޭނާގެ ހުރިހާ ފައިސާއަކާއި މުދަލެއް ހޭދަކޮށްގެން ރައުޒާއަށް ބިޒްނެސް އާއި ޕްލޭނިން މެނޭޖްމެންޓް ކިޔައްވައި ދިނެވެ.

ރައުޒާ އެނބުރި އައީ ޔޫކޭގައި ތިން އަހަރު ސިންގަޕޫރުގައި ދެ އަހަރު ހޭދަކޮށް ގިނަ ކަންތަކެއް ދަސްކޮށްގެންނެވެ. އޭނާ އައުމުން އޭނާގެ ބައްޕަ މަނިކުފާނު ބުންޏެވެ.

“ މިކޯ ކޮއްޔާ ތެހިށީ މަގޭ ހުށިހެއި އުންމީދެއް ފުރިހަމަ ކޮށްދިޔޭ ވަރަށް ކިޔަވައި ނިމިފެއި. ކޮއްޔާގެ ފަރާތުން މަ ބޭނުމީ އެއްކަމި ކަމަށް. އޭ ތިއޮތި ގަމި ހިތްފަސޭހަ ދިރިއުޅުމަކި މީހުންނަށް ދިރި ވޭޑުވޭނެ ފަދަ ކުރިއެރުމަށް އެތާން ގިނާސް ދިނުން. އަދަ ދުވެހި މަގޭ ފަރާތުން ކޮއްޔާ އެކަން އިސް ނާގެން މި އައްޑޫ އަތެޅެ ތަރައްގީ ކޮށްދެރެފެލެ. މަ ނިކަން ދަކުނަ ހިތް ތެބެވެއި. މަގޭ ހަޔާތެ މިކަން ފުރިހަމަ ވެގެން އޭއް. “

ރައުޒާ އޭނާގެ ބައްޕަގެ މިވާހަކަ އަޑު އެހިއެވެ. އޭނާއަށް ކުޑައިރުން ފެށިގެން ބައްޕަ ކިޔައި ދިން ވާހަކަ ތަކުން އެދުވަސްވަރު އައްޑުއަށް އައިސްފައިވާ ކުރި އެރުމާއި ތަރައްގީ ރަނގަޅަށް ވަޒަން ކުރެވުނެވެ. އެހެން ކަމާއެކު އޭނާގެ ވެސް މަގުސަދަކަށް ވެފައިވަނީ އެފަދަ ކުރިއެރުމެއް އަލުން އައްޑުއަށް ގެނެވޭނެ ގޮތެއް މެދުވެރި ކުރުމަށެވެ.

ރައުޒާ ގުޅުނީ ބްލޫ ސްކައިސް އޮފް އައްޑޫ އޭޖެންސީއާއެވެ. އޭނާ ވަނީ އެތަނުގެ މެނޭޖިންގް ޑިރެކްޓަރގެ ވަޒީފާއަށެވެ. އޭނާއަށް ވަގުތުން އެމަގާމު ލިބުނީ އޭނާގެ ފާސްތަކާއި ތަޖްރިބާތަކަށް ބަލާފައެވެ. މި އެޖެންސީ އަކީ އަތޮޅު ކުރިއަރުވާ ކައުންސިލްގެ އެންމެ އުންމީދީ ޕްރޮޖެކްޓްވެސް މެއެވެ. ރައުޒާ އެމަގާމާ ހަވާލު ވުމާއެކު އެހުރިހާ ޒިންމާއެއް އޭނާއާ ހަވާލުވިއެވެ.

އޭރު ތަނުގެ ދެން އެންމެ މަތީ މަގާމެއްގައި ހުރީ ނޫމާން އެވެ. އެއީ މާލޭން އައިސް ހުރި މީހެކެވެ. އޭނާއަކީ އޮސްޓްރޭލިޔާއިން އިންޑަސްޓްރިއަލް ޕްލޭނިންގެ އެންޑް ޑިޒައިނިން ކިޔަވާފައި ހުރި މީހެކެވެ. ބްލޫސްކައިގެ މަސައްކަތަށް ރައުޒާ ނުކުމެ ދެމީހުން އެކުވުމުން މަސައްކަތަށް އިތުރު ފުރިހަމަ ކަމެއް ހަލުއިކަމެއް އަތުވެއްޖެއެވެ. އަދި މި ޕްރޮޖެކްޓް ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ލިބިގެން ދިޔައެވެ.

ނޫމާން އަކީ ޒުވާން އަންހެން ކުދީންގެ ހިތްތައް ދަމައިގަންނަ ފަދަ ހަށިގަނޑެއް ލިބިފައިވާ ޒުވާނަކަށް ވެފައި އޭނާގެ މަގާމުވެސް އެހާމެ މައްޗެވެ. ރައުޒާއަކީ ނުހަނު ފަތިހަށި ނުހަނު ފުރިހަމަ ބައްޓަމެއް ލިބިފައިވާ އައްޑޫގެ ‘ދޮންދީނާ’ އެކެވެ. މިދެމީހުން އެއް ތަނެއްގައި އެކުއެކީގައި އުޅެން ޖެހިފައިވުމުން ޒުވާންކަމުގެ ބާރުނުފޯރާ ޖާދޫގައި ޖެހި ލޯބީގެ ގޮތުން ނުގުޅި ތިބެވޭނެ ހަމަ އެއްގޮތެއް ނޯންނާނެކަން މިއީ ކަށަވަރު ކަމެކެވެ. އެހެންނޫން ނަމަ ޕެޓްރޯލުގައި އަލިފާންވެސް ރޯނުވާނެއޭ މީހުން ބުނެއެވެ. އެކަންވީ ވެސް އެހެންނެވެ. ސިއްރިޔާތުގައި ދެމީހުން އަނދަމުން ދިޔައީ ނިމުމެއް ނުވާ އެ ގަދަފަ ހޫނު އަލިފާންގަނޑުގެ ތެރޭގައެވެ.

އައްޑޫގެ ތަރައްގީއަށް އަވަސް ކުރިއެރުވުމެއް ގެނައުމުގެ މަގްސަދުގައި ބްލޫސްކައިސް ހިންގަމުން އަންނަ މަސައްކަތަށް މިދެމީހުންގެ މި ލޯބީގެ ގުޅުމުގެ ސަބަބުން ހުރަހެއް އެޅުނަ ނުދީ ފޯރިއާއެކު މަސައްކަތް ކުރަމުން ގެންދެއެވެ. އޮފީހުގެ މަސައްކަތުގައި ދެމީހުންގެ ކިތަންމެ ޚިޔާލު ތަފާތުވާ ފަހަރު އަޔަކަސް އެކަންތައްވެސް ދިޔައީ އެގުޅުމުގެ ތެރޭން ހައްލުވެ އިތުރަށް ފުރިހަމަ ވަމުންނެވެ.

ރައުޒާ ކިތަންމެ ފަހަރަކު އޭނާގެ ބައްޕައަށް އޭނާއާއި ނޫމާނު ކާވެނީގެ ގޮތުން ގުޅެން ބޭނުން ކަމަށް ބުންޏެވެ. އެހެންނަމަވެސް ދެއާއިލާގެ ވިސްނުން ހުރިގޮތުން އެކަން ވަނީ ކޮޅެއްގައި ނުޖެހިއެވެ. ވިޔަސް ދެމީހުން ކުރެ އެކަކަށް ވެސް މި ގުޅުމާ ދުރަށް ދިއުމަކީ ވެވޭނެ ކަމަކަށް ނުވިއެވެ.

ދެމީހުން ވެސް ރަސްމީ ގަޑީގައި ހަމަ ރަސްމީއެވެ. ހުސްވަގުތު ލިބުމުން އެއީ ލައިލާއާއި މަޖްނޫނެވެ.

ބްލޫސްކައިގައި ރައުޒާއާއި ނޫމާން ހިންގަމުންދާ ޕްރޮޖެކްޓް އޮތީ އަދިވެސް ސިއްރު ކުރެވިއެވެ.

ގަމުން އިނގިރޭސިން ފޭބިފަހުން އަތޮޅުގެ ތަރައްގީގެ ހުޅުކޮޅު ދިޔައީ ދިއްލެމުން ކަނިވަމުން ނިވެމުންނެވެ. ވިޔަސް މިއަދު އަނެއްކާވެސް އާފޯރިއަކާ އާ ޖޯޝަކާއެކު އެންމެންގެ އުންމީދު އާވެގެން މިދަނީ އަތޮޅުގެ ޒުވާން އަންހެން ދަރިއެއްގެ ހިންމަތާއި ހިތްވަރުން އެ ހުވަފެންތައް ހަގީގަތަކަށް ހަދަން މަސައްކަތް ކުރާތަން ފެނުމުންނެވެ.

މަސައްކަތް ނިންމުމުގެ ދުވަސްތައް ކައިރި ވަމުން އައެވެ. ބައެއް ކަންކަން ރައުޒާ ބޭނުން ފެންވަރަށް ނުނިމިގެން ހުޅުވުމުގެ ދުވަސްތައް ލަސްވަމުން ދިޔައެވެ.

އެންމެ ފަހުން ނޫމާން އޭނާގެ މަސައްކަތުގެ ބައި ނިންމާފައި ރިޕޯޓް ރައުޒާގެ މޭޒުމައްޗަށް ގެންގޮސްފިއެވެ. އޭނާ އެޕްރޫވް ކުރުމުން ޕްރޮޖެކްޓްގެ ނިމުން ރަސްމީގޮތުން ފާހަގަ ކުރެވިގެން ދާނެއެވެ.

އެހެންނަމަވެސް އޭގެ އެއް ހަފްތާ ހޭދަވެގެން ދިޔައިރު ވެސް ރައުޒާގެ އެޕްރޫވަލް އެއް ނުލިބުނެވެ. އެހެންވެ ނޫމާންގެ ޓީމު އޭނާ ގާތު ބުނަމުން ދިޔައެވެ. “ކަލެއަށް އެ އެޕްރޫވަލް އަވަސް ނުކުރެވިއެއް ނޯންނާނެ.” އެމީހުން ބުންޏެވެ. “އަަވަހަށް އޭނާގެ ކުރިމަތީ ކުޑަ ކަކޫމައްޗަށް ތިރިވެ ފިނިފެންމަލެއް ދިއްކޮށްލާ!”

އެހެން ރައްޓެހީން ސަމާސާ އަކަށް ބުނެލިނަމަވެސް ރައުޒާ އޭނާގެ ސްޓޭންޑަޑް ހިފަހައްޓާނެ ކަން އެ އެންމެންނަށް ވެސް ޔަގީންވެއެވެ.

މި ޕްރޮޖެކްޓް ފައިނަލް ކުރުމަކީ ރައުޒާއަކަށް ވެސް ފަސޭހަ ކަމަކަށް ނުވިއެވެ. އެއީ މި ޓުވަރިޒަމްގެ ޕްރޮޖެކްޓަކީ ރާއްޖެއަށް ވެސް މުޅީން އާ ކޮންސެޕްޓަކަށް ތައްޔާރު ކޮށްފައިވާ ވަރަށް އަގުބޮޑު ޕްރޮޖެކްޓެއް ވީމައެވެ. ހުޅުވާތަނުން ފާޑު ކިޔާ މީހުންގެ ފާޑުކިޔުންތައް އޮހިގަންނާނެއެވެ. މިވެނި ކަމެއް މަދެވެ. އެވެނިކަމެއް ބޭކާރެވެ. އެހެން ނަމަވެސް އެންމެންގެ ރުހުން ނުލިބޭނެކަން ވެސް ރައުޒާއަށް އެނގެއެވެ. ރައުޒާގެ މަގުސަދަކީ މި ޕްރޮޖެކްޓްގެ ސަބަބުން އަތޮޅަށް ކުރިއެރުމާއި ތިޔާގެކަން ލިބިގެން އައުމެވެ. އޭނާގެ ބައްޕަގެ ތުންފަތަށް ހިނިތުން ވުމެއް ގެނައުމެވެ.

ބްލޫސްކައިސްގެ ސިއްރު ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ނިމި ފަހު އިންސްޕެކްޝަން ވެސް ނިމިއްޖެއެވެ. މިތަން ރައުޒާ ބެލުމަށްފަހު ދެން އޮތީ ރައުޒާ އެ ޕްރޮޖެކްޓް އޭނާ އެޕްރޫވް ކުރުމެވެ.

އޭރު ޕްރޮޖެކްޓް ފެށުމުގެ ރައްމިއްޔާތު އޮތީ އިންތިޒާމް ކުރެވިފައެވެ. މި ރީޖަންގެ ވިޔަފާރިވެރީންނާއި އަދި ސިންގަޕޯރާއި ބެންކޮކާއި އިންޑޮނީޝިއާ ފަދަ ގައުމުތަކުންވެސް މިކަންތައް ފެށޭވަގުތަކަށް އިންތިޒާރު ކުރަމުން ދެއެވެ. ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސިންގަޕޯރގެ ކުންފުންޏަކާއި ޗައިނާގެ އިންޑަސްޓްރިއަލް ކުންފުންޏަކާ ގުޅިގެންނެވެ. ފަންނީ އަދި ސައެންސްގެ ލަފާ ދެމުން ދިޔައީ ޖަޕާނާއި ޖަރުމަނުގެ ޓީމަކުންނެވެ.

މި ޕްރޮޖެކްޓަށް ސަމާލުކަން ދީފައިވަނީ އައްޑޫ އެކަންޏެއް ނޫނެވެ. ގާތްގަނޑަކަށް މުޅި ދުނިޔެއަށް ވެސް މިއީ މުހިންމު ޕްރޮޖެކްޓެކެވެ.

ޕްރޮޖެކްޓް ހުޅުވުމާ ބެހޭގޮތުން ނޫމާން ރައުޒާއާ ކުރި ސުވާލަކަށް އޭނާ ސާފު ޖަވާބެއް ނުދިނެވެ. އޭނާ ނޫމާންއާ ކޮށްލީ ސުވާލެކެވެ “ޕްރޮޖެކްޓް ނިމުނީމާ ނޫމާން ނިންމަނީ ކޮން ގޮތެއްތަ؟ މާލެ އެނބުރި ދާނީތަ؟”

އޭރު ދެމީހުންތިބީ ހަންކެޑެ ބްރިޖާ ދާދި ކައިރީގައި ހުރި ގަސްތަކެއް ކައިރީގައި ކާރު ހުއްޓާލައިގެންނެވެ. އެއީ ސާފު ރެއެކެވެ. ސާދަވިލޭރޭގެ ހަނދު އަރާފައި ހުއްޓެވެ. ދެމީހުންގެ ސިކުނޑީގައިވެސް މިވަގުތު ދައުރު ކުރަމުން ދަނީ ބްލޫސްކައި ޕްރޮޖެކްޓާ އެއްގޮތަކަށް ވެސް ގުޅުމެއް ނެތް ޝުއޫރުތަކެކެވެ.
“ތިޔަ ސުވާލަށް ފުރިހަމަ ޖަވާބެއް ދެވޭނީ ރައުޒާގެ ބައްޕަ ނިންމާ ގޮތެއް އެނގުނީމަ. “ އޭރު ނޫމާން ރައުޒާގެ އިސްތަށިގަނޑުގެ ބައެއް އިނގިއްޔަކަށް އޮޅަމުން ގެންދިޔައެވެ.

“ބައްޕަ ތިޔަ ކަމާ ރުހޭނެ ގޮތެއް އަހަންނަކަށް ވެސް ނުހެދޭނެ.” ރައުޒާ ނޫމާންގެ އިނގިލިތަކުގައި ހިފަހައްޓާލިއެވެ. “

އަހަރެން އަތޮޅުން ބޭރަށް ދިއުމަކަށް ބައްޕަ ހަމަ އެއްގޮތަކަސް ވެސް ނުރުހޭނެ. ނޫމާންގެ އާއިލާ ނޫމާން މިރަށުގައި އުޅޭކަން ނުރުހޭނެއެއްނު.”
“ތީގެ ފުރިހަމަ ޖަވާބެއް ވަގުތު ޖެހުމުން ދޭނަން.”

ބްލޫ ސްކައިގެ އާ ޕްރޮޖެކްޓް ހުޅުވުމަށް ޕްރޮޖެކްޓްގެ އެންމެ އިސްވެރިޔާ ރައުޒާ ހުއްދަ ދިނުމާއެކު ހީވީ އުދަރެހުން ހަވާ ފަޓާސްތަކެއް ފައިބައިގެންފިހެންނެވެ. އެތައްހާސް ކުލައަކުން އެތައް ކުލަތަކެއް ދިއްލިގެން އޮހިގެންފިއެވެ. އެއާއެކު ފޭދޫގައި ގާއިމު ކުރެވިފައިވާ ބިޔަ ޕްރޮޖެކްޓް އޮފީސް ވިދާ ބަބުޅައިގެންފިއެވެ.

ދުނިޔޭގެ އެތަންމިތަނުން މީހުންތައް އައިސް ފުރިބާރުވެފައިވާ ފޭދޫ މެރީނާގައި އުފާވެރިކަމުގެ އަޑުތައް ގުގުމަމުން ދިޔައެވެ. އޭރު ރަސްމިއްޔާތު ފާހަގަ ކޮށްދިނުމަށް ރާއްޖޭގެ އެންމެ އިސްވެރީން ވަޑައިގެން ތިއްބެވިއެވެ.

“ކޮވިޑްގެ މި ދަތި ދުވަސްވަރު މިވަރުގެ ކުރިއެރުމެއް އައްޑުއަށް ގެނެސްދިން އަދި ރާއްޖެއަށް ވެސް މި ޝަރަފު ހޯދައިދިން މިއަތޮޅުގެ ބަތަލާ ރައުޒާއަށް ޝުކުރާ މަރުހަބާ ކިޔަމުން، އައްޑޫ މެރީނާ ހުޅުވައިދިނުގެ ޝަރަފު ލިބިގަންނަން.” މިއީ ދިވެހިރާއްޖޭގެ ރައީސްގެ ބަސްފުޅެވެ. އެއާއެކު އައްޑޫގެ ދެންމެއަކު އިރު އޮއްސުނު ނޫ އުދަރެސް ތްރީޑީ ސްކްރީނަކަށް ބަދަލުވެގެން ހިނގައްޖެއެވެ.

ބްލޫ ސްކައިގެ ބިޔަ ސްކްރީނުން އަލަށް މި ތައްޔާރު ކުރެވުނު މެރީނާއާއި އެތަނާ ބެހޭ ހުރިހާ ޚިދުމަތްތަކެއް ރީތިކޮށް ދައްކައި ދިނެވެ. އަދި މިއާ ގުޅިގެން އެކި ކަހަލަ މޫދު ކުޅިވަރުތަކާއި ސްކައި އެންޑް ސީގެ ހަރަކާތްކާއި އަދި މިނޫންވެސް އެންޓަރޓައިންމެންޓްގެ ތަފާތު ޚިދުމަތްތައް އެ ސްކްރީނުގައި ކުރެހެމުން ކުލަޖެހެމުން ނިއުޅެމުން ދިޔައެވެ.

މި ޕްރޮޖެކްޓްގައި އެކުލެވޭ އެންމެ މުހިންމު ތަނަކީ މެރީނާއާ ގުޅިފައިވާ އެކުއޭރިއަމް އެވެ. އެއީ މުޅި ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ހުޅުވިގެންދާ މަސްމަހާއި ކަނޑުގެ ދިރުންތައް އެއްތަނަކުން ދައްކާލެވޭ ބިޔަ އެކްއޭރިއަމްއެކެވެ. މިތަން ހުންނަނީ ފޭދޫއާއި ގަމާ ދޭތެރޭ ކަނޑު އަޑީގައެވެ. މިއީ ދިރާސާ ކުރާ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. މި އެކްއޭރިއަމް އަކީ ސަބްމެރީންއެއް ބޭނުން ނުކޮށް ކަނޑު އަޑި ބަލާލެވޭނެ ތަނެއްވެސް މެއެވެ. މިތަނާ ޖެހިގެން އިނގިރޭސިންގެ ދުވަސްވަރު ފައްތާލާފައި އޮތް ބިޔަ ބޯޓެއްވެސް އޮވެއެވެ.

އެކްއޭރިމް ތެރޭގައި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި އަދި އެނޫންވެސް އަރާމުކޮށްލަން މަޑުކޮށްލައިގެން ތިބެވޭނެ ހިތްފަސޭހަ މާހައުލެއް އެކުލެވިފައިވެއެވެ. މިތަނުގައި ހުންނަ މަސްތަކަށް އާދައިގެ ގޮތެއްގައި ކަނޑަށް ގޮސް އައިސް ހެދެއެވެ. ރެސްޓޯރަންޓްގައި ތިބެފައި އެތަނުން ބޭނުން މަހެއް އޯޑަރުވެސް ކުރެވޭނެއެވެ. މީގެ އިތުރުން އާދަޔާ ޚިލާފު މަސްތަކުގެ ދިރާސާ ކުރެވޭނެ ލެބޯޓަރީއެއްވެސް މިތަނުގައި އެކުލެވިފައިވެއެވެ.

އެއްތަނަކުން ދުނިޔޭގައިވާހައި މަސްތަކެއް ފެނިގެންދާނެ އެކުއޭރިއަމެއް ފުރަތަމަ ފަހަރަށް ހުޅުވިގެންދާ ކަމަކީ މަސްމަހާއި ކަނޑުގެ ދިރުންތައް ދިރާސާ ކުރާ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

މެރީނާގައިގައި ދެން އެކުލެވެނީ ދުނިޔޭގެ މަޝްހޫރި ޝޮޕިންގ ސެންޓަރުތަކުގެ ގޮފިތަކެވެ. އޭގެ ތެރޭންވެސް ސިންގަޕޯރގެ މަޝްހޫރު ސިމްލިމް ސްކުވޭރ ފަދަ މުސްތަފާ ސެންޓަރ ފަދަ ޝޮޕްތައް ފާހަގަ ކުރެވެއެވެ. މިހުރިހާ ހޭލަމޭލައެއް ހިނގަމުން ދިޔަ ވަގުތު ހަމަ ކުއްލިއަކަށް ހެން މިޕްރޮޖެކްޓްގެ އިސް ދެ ވެރީން ވީނުވީ ތަނެއް ނޭނގި ގެއްލިއްޖެއެވެ. ދެމީހުން ވަނތް ތަނެއް އެނގޭ އެކަކުވެސް ނެތެވެ.

އޭރު ރައުޒާގެ ގޭގެ ފެންޑާގައި ފުރޮޅިލީ ގޮނޑިއެއްގައި ހިނިތުންވެފައި އިން މުސްކުޅިއަކު އިނެވެ.

“ކޮއްޔާ ތެކެޑެ މަސައްކަތަށް ބައްޕާ ހައުދަހައި ފަޚުރުވެރިއެއް ވެގެޔޭ.” އެމީހާ ރައުޒާއަށް ބުނަމުން ދިޔައެވެ. “ތޭ ބައްޕާގެ ހަޔާތެ ފަހި ވަގުތު ކެޑާއް ކޮއްޔާ ދިން ހަދިޔާއެއް.”

މިހެން ބުނުމަށް ފަހު އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު އޭނާ ބުންޏެވެ. “
ކޮއްޔާ އިންނަން ތެވޭނޑޭ ނޫމާނާއި އަވަހަށް އިނދޭ!”

އެއާއެކު އައި ނައިތަނެއް ނޭގި ކާވެނި ކޮށްދޭ މީހުން އެތަނަށް އަތުވެއްޖެއެވެ. ނޫމާންގެ އާއިލާ އެކުގައި އެތަނަށް ޖަމާވެއްޖެއެވެ. ހައިރާން ކަމުން ފުރިގެންވާ ފުރިހަމަ އިންތިޒާމެއްގައި ހަމަ އެވަތު އެކާވެނި ކުރެވިގެން ދިޔައެވެ.

އުދަރެހުގައި ދިއްލެމުން ދިޔަ ލޭޒަރު އަލީގެ ކުލަގަދަ މަންޒަރުތަކުގެ ތެރޭން ދެން ފެނިގެން ދިޔައީ “ކޮންގްރޭޖުލޭޝަންސް އޮންދަ މެރޭޖް އޮފް ރައުޒާ އެންޑް ނޫމާ” މިހެން ލޭޒަރގެ ލިޔެވިގެން ދިޔަތަނެވެ. މިއީ އެކަކުވެސް ކުޑަކޮށްވެސް ހިތަށް އަރާފައިވާ ކަމެއް ނޫނެވެ. އެހެންވެ ބަލަންތިބި އެތައް ހާސް މީހުން ހައިރާން ކަމާއި ވީ އުފަލުން މަރުހަބާގެ އައްތިލަބަޑި ޖަހަން ފަށައިފިއެވެ. އެއަޑު ބަޑިބޭހުގެ ފަޔަރވޯރކްސްގެ އަޑާ އެކުވެ މުޅި ތަން ގުގުމައިގެން ދިޔައެވެ.

ނޫމާން އާއި ރައުޒާގެ ނުނިވުނު ލޯބީގެ ފަސާނާ އެހާހިސާބުން ނިމިގެންނެއް ނުދިޔައެވެ. އެ ހުޅުގަނޑު އިތުރަށް ރޯވެ ގަދަޔަށް އަނދައިގަތީއެވެ.

ނިމުނީ.