ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މަގުމަތީގެ ރީތިކަން ގެއްލި، އާންމު ހިނގާބިނގާވެ އުޅޭ މަގުތައް ގަރާޖުތަކުގެ ގުދަންތަކަށް ބަދަލުވެފައިވާ މަންޒަރެވެ. އައްޑޫ ސިޓީގެ މަގުތަކަކީ އެންމެންގެ ހައްގަކަށްވީ ނަމަވެސް، މިއަދު އެއީ ބައެއް ވިޔަފާރިވެރިންގެ އަމިއްލަ ‘އިންޑަސްޓްރިއަލް ޒޯން’ ތަކެކެވެ. އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ހިންގާ މެކޭނިކަލް ގަރާޖުތަކުގެ އަމިއްލަ ‘ބިމެއްގެ’ ގޮތުގައި މަގުމަތި ބޭނުންކުރުން ވަނީ އާންމުވެފައެވެ. މިއީ މަގު ބޭނުންކުރާ ފަރާތްތަކަށާއި، ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް ނުހަނު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ.
ގަރާޖުތަކަށް މަރާމާތަށް ގެންނަ ކާރާއި، ޕިކަޕް އަދި ބޮޑެތި ލޮރީތައް މަގުމަތީގައި ދިގު މުއްދަތަކަށް ބަހައްޓާފައި ހުރުމުގެ ސަބަބުން، ދުއްވާ އެއްޗެއްސަށް ދަތުރުކުރަން އުނދަގޫވެއެވެ. ހާއްސަކޮށް ހަނި މަގުތަކުގައި ދެކޮޅަށް ދުއްވާ އުޅަނދުތަކަށް މިކަމުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. މަގުމަތީގައި ހުންނަ އުޅަނދުތަކުގެ ސަބަބުން ކަންމަތިތަކާއި ހުރަސް މަގުތަކުން ފެންނަންޖެހޭ މިންވަރު ކުޑަވެ، އެކްސިޑެންޓްތައް ހިނގުމަށް މަގުފަހިވެއެވެ. އަދި މަގުމަތީގައި މަރާމާތުގެ މަސައްކަތް ކުރުމުގެ ސަބަބުން ތެލާއި، ދަގަނޑު އެތިކޮޅުތައް މަގުމައްޗަށް އެޅި، ހިނގާ މީހުންނަށާއި ދުއްވާ މީހުންނަށް ނުރައްކާވެއެވެ. ގިނަ ގަރާޖުތަކުން މަގުގެ ދުވާރުމަތީގައި ސާމާނު ބެހެއްޓުމާއި، އުޅަނދުތައް ޕާކުކުރުމުގެ ސަބަބުން ހިނގާ މީހުންނަށް މަގުގެ މެދުން ހިނގަން މަޖުބޫރުވެއެވެ. މިއީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އާންމު މަގުތަކަކީ އެންމެންގެ ހައްގަކަށްވާއިރު، ވަކި ބަޔަކު އަމިއްލަ ވިޔަފާރީގެ ފައިދާއަށް މަގު ބަންދުކޮށްގެން ބޭނުންކުރުމަކީ މަނާކަމެކެވެ. ގަރާޖު ހިންގުމުގެ ހުއްދަ ދެވެނީ އެތެރޭގައި އުޅަނދު ބެހެއްޓޭނެ ޖާގަ ހުރެގެން ކަމަށްވިޔަސް، އަމަލީ ގޮތުން މި އުސޫލަށް ގިނަ ތަންތަނުން ބޯނުލަނބައެވެ. މަގުމަތީގެ މި ބޮޑު ހައިޖާނު ފެންނަ ހިސާބުގައި ކަމާބެހޭ އިދާރާތައް ތިބި ނަމަވެސް، ފެންނަނީ މިކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ‘ލޯމަރާލައިގެން’ ތިބޭ މަންޒަރެވެ.
އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް މި މައްސަލައިގައި، ކަމާބެހޭ މުއައްސަސާތަކުން ހިމޭނުން ތިބުމަކީ މި ގަވާއިދާ ހިލާފު އަމަލުތަކަށް ދެވޭ ނުސީދާ ހިތްވަރެކެވެ. މަގުތަކުގެ އަމާންކަން ބަލަހައްޓަންޖެހޭ ފަރާތްތަކުން މިކަމަށް އަޅާނުލާ ދޫކޮށްލާފައި އޮތުމުގެ ނަތީޖާއަކީ، އާންމު ހިނގާބިނގާވެ އުޅޭ މަގުތައް މިއަދު ގަރާޖުތަކުގެ މިލްކަކަށް ވެގެންދިއުމެވެ. މަގުތަކަކީ އެންމެންގެ އާންމު ހައްގަކަށްވީ ނަމަވެސް، މިއަދު ފެންނަނީ މަދު ވިޔަފާރިވެރިންތަކެއްގެ ބާރާއި ނުފޫޒުން މުޅި ސަރަހައްދު ‘ހިސާރު’ ކޮށްފައިވާ މަންޒަރެވެ.

ކަމާބެހޭ އިދާރާތަކުގެ ހިމޭންކަމުގެ ފަހަތުގައިވަނީ ވިޔަފާރިވެރިންގެ ނުފޫޒު ކަމަށް އާންމުން ތުހުމަތުކުރާއިރު، ގާނޫނު ތަންފީޒުކުރުމަށްވުރެ ބޮޑަށް ބައެއް ފަރާތްތަކުގެ މަސްލަހަތު އިސްކުރެވޭކަމީ ހިތާމަހުރި ކަމެކެވެ. ވިޔަފާރިވެރިންގެ މުއްސަނދިކަމާއި ބާރުގެ ކުރިމަތީގައި އާންމު ރައްޔިތުންގެ ރައްކާތެރިކަން މިއަދު ވަނީ ކުޑަކަކޫ ޖަހަން މަޖުބޫރުވެފައެވެ. އަމިއްލަ ފައިދާއަށްޓަކައި އާންމު މަގުތައް ގަރާޖުތަކުގެ ބަޔަކަށް ހަދައިގެން އުޅޭއިރު، އެކަން ހުއްޓުވަން ތިބި މުއައްސަސާތަކަށް ވިޔަފާރިވެރިންގެ ނުފޫޒުން ގުޑާލަންވެސް ނުކެރިފައި ތިބި ކަހަލައެވެ.
މި މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި ކައުންސިލްގެ އޮފިސަރުން ގުޅިގެން، ގަރާޖުތައް ހުންނަ ސަރަހައްދުތަކުގެ މަގުތައް ގަވާއިދުން ޗެކްކޮށް، މަގު ބަންދުވާ ގޮތަށް ހުންނަ އުޅަނދުތައް ނެގުމަށް އަންގަންޖެހެއެވެ. ގަވާއިދާ ހިލާފަށް މަގުމަތީގައި މަރާމާތުކުރާ ފަރާތްތަކާއި، ދިގު މުއްދަތަށް އުޅަނދުތައް ބަހައްޓާ ފަރާތްތަކާ މެދު “އެއްގަމު ދަތުރުފަތުރުގެ ގާނޫނު” ގެ ދަށުން ފިޔަވަޅު އަޅައި، ބޮޑު އަދަދަކުން ޖޫރިމަނާކުރުން ޖެހެއެވެ. އަމިއްލަ ޖާގަ ނެތި މަގުމަތީގައި މަސައްކަތްކުރާ ގަރާޖުތަކުގެ ވިޔަފާރި ހުއްދަ ބާތިލްކުރުން ނުވަތަ ވަގުތީ ގޮތުން ސަސްޕެންޑްކުރުން ޖެހެއެވެ. މަގު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވާ ގޮތަށް ހުންނަ، ގިނަ ދުވަސްވީ އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މަގުތައް ހުސްކުރުން ޖެހެއެވެ. މީހުން ދިރިއުޅޭ ސަރަހައްދުތަކުން ގަރާޖުތައް ބަދަލުކުރާނެ ހާއްސަ ސިނާއީ ސަރަހައްދުތަކެއް ކައުންސިލުން ކަނޑައަޅައި، އެތަންތަނަށް ގަރާޖުތައް ބަދަލުކުރުމަކީ އެތައް ބަޔަކަށް ލިބިގެންދާނެ ލުއި ފަސޭހައެކެވެ.
އައްޑޫގެ މަގުތަކަކީ އަމާން އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި، ގަރާޖުތަކުން މަގުތައް ހިސާރުކުރާ ކުރުން ހުއްޓުވަން ޖެހެއެވެ. މިއީ ހަމައެކަނި މުއައްސަސާތަކުގެ ޒިންމާއެއް ނޫނެވެ. ވިޔަފާރިވެރިންވެސް އާންމު މަސްލަހަތަށް އިސްކަންދީ، ގާނޫނަށް ބޯލަނބަން ޖެހެއެވެ.