ފުވައްމުލައް ސިޓީގައި ތާރުއަޅަން ފެއްޓުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންދާކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިން، އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތައް ބެއްލެވުމުގެ އިތުރުން މި މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެ ދެ ސިޓީއަށް ވަޑައިގެންފައެވެ.
މިގޮތުން މި ދަތުރުގައި ފުވައްމުލައް ސިޓީ ކައުންސިލާއިއެކު އެ ސިޓީގެ ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެމްޓީސީސީ އިންވަނީ ކުރިއަށް އޮޮތް ޖުލައިމަހު ތާރުއަޅަން ފެއްޓުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންދާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އެމްޓީސީސީ އިން ކުރިއަށް ގެންދާ ދަތުރުފަތުރުގެ ނިޒާމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާއެވެ. މި ގޮތުންމިއަހަރު ނިމުމުގެ ކުރިން މިނީ ބަސްތަކެއް ގެނެސް ފުވައްމުލަކުގެ ބަހުގެ ޚިދުމަށް އަލުންފެށުމަށް ރާވަމުންދާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
އެމްޓީސީސީ އިން މަސައްކަތްކުރަމުންދަނީ ފުވައްމުލައް ސިޓީގެ އެތެރޭ މަގުތައް މިއަހަރު ނޮވެންބަރު މަހުގެ ކުރިން ނިންމުމަށެވެ. ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ސިޓީގެ އެތެރޭގެ 31 މަގެއް ހެދުމަށް ވަނީ ނިންމާފައެވެ.