ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލައް ސިޓީން ހާސިލްކޮށްފިއެވެ.
އެޝިއާ ޕެސިފިކް ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ޑައިވް އެކްސްޕޯ ގައި ފުވައްމުލައް ސިޓީން ހާސިލްކޮށްފައިވަނީ “ބެސްޓް ޝާކް ޑައިވިންގް ޑެސްޓިނޭޝަން” އެވޯޑެވެ.
މި އެވޯޑަކީ މިޔަރުތަކާ އެކު ފީނުމުގައި އެންމެ މޮޅު ތަޖުރިބާ ފޯރުކޮށްދޭ ތަނަކަށް އެތަނެއްގެ ދިރޭތަކެތީގެ ނަސްލުތަކުގެ ގިނަކަމާއި، ފީނާ ފަތުރުވެރިންނަށް އޮންނަ ރައްކާތެރިކަމާއި އަމަލުކުރަމުންދާ ދެމެހެއްޓެނިވި ގޮތްތައް އެކްސްޕޯ ބާއްވާ ފަރާތުން ކަނޑައަޅައި ޓީމަކުން ވަޒަންކުރުމަށްފަހު ދެވޭ އެވޯޑެކެވެ.
ހޮންގް ކޮންގްގައި ކުރިއަށްދިޔަ ޑައިވިން ރިސޯޓު އެންޑް ޓްރެވެލް އެކްސްޕޯގައި ފުވައްމުލައްސިޓީއިން މި އެވޯޑު ހާސިލްކުރުމާއި ގުޅިގެން އެ ސިޓީ މޭޔަރ އިސްމާޢިލް ރަފީޤް އެކްސްގައި ވިދާޅުވީ، މިއީ އެ ސިޓީގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވަމުންދާ ޑައިވް ސެންޓަރުތަކާއި ގެސްޓް ހައުސްތައް އަދި އެހެނިހެން ފަރާތްތަކުގެ ބުރަ މަސައްކަތް ކަމަށެވެ. އަދި ފުވައްމުލަކުގެ ކަނޑު ދިރުންތައް ދުނިޔެއަށް ދެއްކުމަށް ކުރައްވާ މަސައްކަތް މި ކާމިޔާބީން ފެނިގެންދާ ކަމަށް އިސްމާޢިލް ރަފީޤް ވިދާޅުވިއެވެ.
މިއީ ފުވައްމުލައް ސިޓީގެ ކަނޑުއަޑީގެ މުއްސަނދިކަމާއި، މި ސިޓީ ރަށު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް މަޝްހޫރުވެގެންދާނެ ކަމެއް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މުސްތަގްބަލުގައި ރަށު ފަތުރުވެރިކަން އިތުރަށް ކުރިއަރައި، މިޔަރުތަކާއެކު ފީނުމަށް އެންމެ އެކަށޭނަ މަންޒިލްކަން ދުނިޔެއަށް އިތުރަށް ހާމަކޮށްދޭނެ ހެއްކެއް ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ފުވައްމުލައް ސިޓީއަކީ ފަތުރުވެރިންގެ މެދުގައިވެސް ޑައިވް ކުރުމަށް މަޤްބޫލް މަންޒިލެކެވެ. އެގޮތުން މުޅި ރާއްޖޭގައިވެސް ޓައިގަރ ޝާކް ނުވަތަ ފެމުނު މިޔަރު އެންމެ ގިނައިން ފެންނަ އެއް ސަރަހައްދަކީ ފުވައްމުލައް ސިޓީއެވެ. އަދި އެ ސިޓީގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަމުންދަނީވެސް އެގޮތަށެވެ.
ޑައިވިން ރިސޯޓު އެންޑް ޓްރެވެލް އެކްސްޕޯއަކީ އެޝިއާ ޕެސިފިކް ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ޑައިވް އެކްސްޕޯއެވެ. އެގޮތުން އަހަރުގެ އެކި ދުވަސްވަރު އެކްސްޕޯގެ ޝޯވްތައް އެޝިއާ ސަރަހައްދުގެ އެކި ސިޓީތަކުގައި ބާއްވާފައެވެ.