English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ބަނދަރު ފޮޓޯ: ޕީއެސްއެމް

ފުވައްމުލަކުގައި ދޯންޏަކުން ބިއްލޫރި ޝީޓުތަކެއް ބާލަން އުޅެނިކޮށް، އަނިޔާވި މީހުންގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވި މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ.

އިއްޔެ ހެނދުނު 9:32 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ 2 ބިދޭސީންނާއި 2 ދިވެހިންނަށެވެ. އެ ހަތަރު މީހުންނަށްވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު އެ ހޮސްޕިޓަލުން ބުނީ ބޮޑު އަނިޔާ ލިބުނު ބިދޭސީ މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާ ކަމަށެވެ.

އެ ފިރިހެން މީހާގެ ފައިގެ ދެ ތަނަކުން ބިންދައިގެން ގޮސް، ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެ ހާދިސާގެ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެކެއްގެ ފައި ބިއްލޫރި ގަނޑު ދަށުގައިވާ މަންޒަރު ފެނެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.