ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ފުވަައްމުލައްސިޓީގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ބާއްވާފައިވަނީ ރޭގައެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ފުވައްމުލަކުގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ރާވަފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ފުވައްމުލައްސިޓީގެ ފަތުރުވެރިކަމަށް 10 އަހަރު ފުރޭ މުނާސަބާއާއި ގުޅުވައިގެން “ފުވައްމުލައް ޓޫރިޒަމް އެވޯޑް 2024” ގެ ނަމުގައި ޚާއްޞަ އެވޯޑު ދިނުން ވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަފުލާގައި ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް އެވޯޑު ދެއްވީ މިނިސްޓަރ ފައިސަލް އެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާއިރު، ވަޒީރުގެ މި ދަތުރުފުޅަކީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
ވަޒީރުގެ މި ދަތުރުފުޅަކީ ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ދަތުރުފުޅެއް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުންގެ ފަރާތުން ފާހަގަކުރައްވައެވެ.