English Edition
Dhivehi Edition
ޒައުލް

ސ.މީދޫ ރޯނުގޭ އައިޝަތު ޒާހިރާ(ރަޝީދާ) އާއި ސ.މަރަދޫފޭދޫ ސިނަމާގެ މުހައްމަދު އިބްރާހީމްގެ ކައިވެންޏަށް ލިބުނު ތިންވަނަ ފިރިހެން ދަރިފުޅު އިބްރާހީމް ޒައުލް މުހައްމަދު (9 އަހަރު) ގެ ހާލު ގޯސްވެ، މީގެ ފަސް މަސްކުރިން އިންޑިއާއަށް ފުރީ ގިނަ ބައެއްގެ އެހީތެރިކަމާއެކުގައެވެ.

ޓިކްޓޮކް ތަރި މަރްޔަމް ސަމާގެ ‘ހިތުން ހިތަށް’ އިވެންޓުގައި ލިބުނު ފައިސާގެ އިތުރުން ދިވެހިންގެ ދީލަތި އެހީއާއި އެކު ލިބުނު ފައިސާއިން ޒައުލްގެ ފަރުވާގެ އިތުރުން، ޒައުލްއަށް ކޮންމެހެން ބޭނުންވާ މެޝިނަރީސްތައްވެސް ވަނީ ގަނެފައެވެ. ޒައުލްގެ ފަރުވާއަށް ފަހު އެ ފަހަރު، އެބުރި ރާއްޖެ އައިސް މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް ޖެހުނީ އިންޑިއާއަށް ފުރާށެވެ. ޒައުލްގެ ހާލު ގޯސްވެ ރާއްޖެ އައިތާ މައްސަރެއް ނުވެ އަނެއްކާ އިންޑިއާއަށް އެބުރި ދާންޖެހުންވެގެން ދިޔައީ އާއިލާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ. އެހެންނަމަވެސް ދަރިފުޅަށްޓަކައި ހުރިހާ ވަގުތެއް ހުސްކޮށްފައިވާ މި ދެމަފިރިން އެކަމާވެސް ކުރިމަތިލިއެވެ. ޒައުލްގެ ފަރުވާއަށް އިންޑިއާއަށް ދިޔަ ފަހުންވެސް 5 މަސްވެފައިވާއިރު، މި ފަހުންވެސް ޒައުލްގެ ދެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެެ. މި ދެ އޮޕަރޭޝަނާއި، ހޮސްޕިޓަލުގެ ބިލުތަކަށް އާސަންދައިން އެއްކޮށް ކަވަރުނުކުރާއިރު، އާއިލާގައި ހަރަދު ބެލެހެއްޓުމަށް މަސައްކަތްކުރާނެ އިތުރު ފަރާތެއް ނެތެވެ.

“ޒައުލްގެ ބައްޕައަށް ލިބޭ އެއްޗަކުން މިހުރިހާ ދުވަހު އުޅުނީ. އެކަމަކު ދަރިފުޅު ގޮވައިގެން މިފަހަރު އިންޑިއާ އަށް އައިސް 5 މަސް ދުވަސްވިއިރު، އާއިލާއަށް އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތް. ޒައުލްގެ ކަންތައްތައް ބެލުމަށް އަޅުގަނޑު އެކަނި މިތާ މަޑުކުރެވެން ނެތް. ޒައުލްގެ ބައްޕައާއި އަޅުގަނޑާއި އިންޑިއާގެ މަޑުކުރަންޖެހުމުން ވަރަށް ބޮޑު ދަތިތަކާއި ވަނީ ކުރިމަތިވެފައި. އެހެންނަމަވެސް މިނޫން އެހެން ގޮތެއްވެސް މި ވަގުތު ނެތް” ޒައުލް ގެ މަންމަ ޒާހިރާ ބުންޏެވެ.

ޒައުލްގެ ފަރުވާއަށް ބޭނުންވާ ފައިސާގެ އިތުރުން އެ ދެމަފިރިން އިންޑިއާގައި ހޭދަވާ ކޮންމެ ދުވަހަކީވެސް ގިނަ ހަރުދުތަކެއް ހިނގާ ދުވަހެކެވެ. ކެއުމާއި، ހުރުމުގެ އިތުރުން ޒައުލްއަށް ބޭނުންވާ އިތުރު އެެއްޗެހިތައްވެސް ގަންނަޖެހެއެވެ. އެހެންނަމަވެސް އެ ދަމަފިރިންގެ ހާލަތު މި ވަގުތު މިކަމަށް ތަނެއް ނުދެއެވެެ. އަނެއްކާވެސް އެ އާއިލާއަށް މި ވަނީ ދިވެހިންގެ ދީލަތި އެހީތެރިކަން ބޭނުންވެފައެވެ. އަދިވެސް އިންޑިއާގައި މަޑުކުރަންޖެހޭ ސީދާ މުއްދަތެއް ނޭގޭއިރު، އެ އާއިލާއިން އެދެނީ އެމީހުންގެ ދަރިފުޅަށް ހެޔޮ ދުއާއެވެ.

މި ކުޑަކުޑަ އާއިލާ އަށް އެހީތެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 7505384 / 9468402 މި ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އާއިލާއިން އެދެއެވެ.

އަދި ފައިސާގެ އެހީ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން:

އައިޝަތު ޒާހިރާގެ ބީއެމްއެލް އެކައުންޓް 7701166339101 އަށް ފައިސާ ޓްރާންސްފާ ކުރެވޭނެއެވެ.

މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ.

“އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

މާތް ﷲ އަށްޓަކާ އެހީތެރިވެދެއްވާ! މާތް ﷲ އަށްޓަކާ ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫން! ދެދުނިޔޭގަވެސް މަތިވެރި ވެގެންވާ ސަވާބާއި ދަރުމަ ލިބޭނެ، إن شاء الله!