English Edition
Dhivehi Edition
މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު އައްޑޫ ސިޓީ ގަން ކަނޑަށް މަސްވެރިކަމަށް ނުކުމެ އުޅުނު ލޯންޗު، ބަންޑުންޖަހާލީކަން ތަހްޤީޤު ޓީމަށް އަދި ކަށަވަރުނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ރޭ ވިދާޅުވެއްޖެއެވެ. މަސްވެރިކަމަށް ނުކުތް ޑިންގީން ދަތުރުކުރި ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމައިދު ގެއްލުނު ސަރަޙައްދު އިއްޔެ ހެނދުނުން ފެށިގެން ހޯދުމަށް ސިފައިންނާއި ފުލުހުންގެ ޓީމުތަކުން މަސައްކަތް ކުރިކަމަށާއި އިއްޔެ ކުރި މަސައްކަތުން ސުމައިދުގެ ފޯނު ފެނުން ނޫން އިތުރު ކުރިއެރުމެއް ލިބިފައި ނުވާކަމަށް ޝިފާން ވިދާޅުވިއެވެ. ” މާދަމާއިން ފެށިގެން ސުމައިދު ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކޮށް އެ ސަރަޙައްދުގައި ކުރިއަށްގެންދާނެ” ޝިފާން ވިދާޅުވީ ލޯންޗުގެ ހާދިސާ މިހާރުވެސް ތަޙްޤީޤު ކުރައްވަމުން ގެންދަވާ ކަމަށާއި، މިހާތަނަސް ލިބިފައިވާ ހެކިތަކަށް ބަލާއިރު، ޑިންގީ ބަންޑުންޖަހާލީކަން ތަހްޤީޤު ޓީމަށް އަދި ކަށަވަރު ނުވާ ކަމަށެވެ. އެމީހުން ދަތުރުކުރި ޑިންގީގެ ފޮޓޯތައް އާއިލާއިން ވަނީ އާންމުކޮށްފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޑިންގީގައި ތެޔޮ ހުސްކޮށްފައިވާ ހަމަކާއި ޓައްޕްފަދަ ތަކެއްޗާއި އޮޅާފައިހުރި ވާބޮނޑިތައް ހުއްޓެވެ. މި ޑިންގީން ދަތުރުކުރި 3 މީހުންގެ ތެރެއިން ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމެއިދު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހާއި، ފުލުހުން ގުޅިގެން ކުރަމުންދަނިކޮށް އޭނާގެ ފޯނު ފެނިފައިވަނީ ، ޝެންގްރިއްލާ ރިޒޯޓްކައިރީ އޮންނަ “މަޑިހެރާ” ކިޔާ ފަޅުރަށުގެ ކައިރިން، 6 މީޓަރު އަޑިން ކަމަށް އެމް.އެން.ޑީއެފުން ވިދާޅުވެއެވެ. މިހާދިސާއާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައިގެން މައުލޫމާތު ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައެވެ.