ރަޝިއާ ހުއްޓުވެން އޮތީ ދެ ގޮތަކަށް ކަމަށާއި އޭގެތެރެއިން އެއް ގޮތަކީ ތިންވަނަ ބޮޑު ހަނގުރާމަ ފެށުން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ބްލޮގާއެއް ކަމަށްވާ ބްރިއަން ޓޭލާ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޖޯ ބައިޑެން ވިދާޅުވީ ރަޝިއާ އިން ފަށާފައިވާ ހަނގުރާމަ ހުއްޓުވެން އޮތީ ދެގޮތެއް ކަމަށެވެ. އޭގެތެރެއިން ރަޝިޔާ ހުއްޓުވެން އޮތް އެއްގޮތަކީ ރަޝިއާ އާއި ދެކޮޅަށް ތިން ވަނަ ބޮޑު ހަނގުރާމަ ފެށުންކަމަށް ރައީސް ބައިޑެން ވިދާޅުވިއެވެ. އަދި މިކަމަށް އޮތް ދެވަނަ ގޮތަކީ ބައިނަލްއަޤުވާމީ ގާނޫނުތަކަށް ރަޝިއާ އިން ބޯލެނބުން މަޖުބޫރު ކުރުވުންކަމަށްވެސް ރައީސް ބައިޑެން ވަނީ ވިދާޅުވެފައެވެ.
އެއްވެސް ދަތިކުރުމުގެ ފިޔަވަޅެއްގެ ސަބަބުން ވަގުތުން އަސަރު ނުކުރާނެކަން ފާހަގަކުރައްވާ ރައީސް ބައިޑެން ވިދާޅުވީ މިހާރު ރަޝިއާ އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ދުނިޔޭގެ ތާރީޚްގައި ވެސް ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން ގައުމަކާއި ދެކޮޅަށް އެޅި އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް ކަމަށެވެ.
މީގެ އިތުރުން ރައީސް ބައިޑެން ވިދާޅުވީ ރަޝިއާ އިން ފެށި ހަނގުރާމައިގެ އަގު އެގައުމުން ކައިރި މުސްތުބަލުގައި ވިޔަސް އަދި ކުރިއަށް އޮތް ދުރު މުސްތަގުބަލުގައި ވެސް އަދާކުރަން ޖެހޭނެކަމަށެވެ.