English Edition
Dhivehi Edition
ރަޝިޔާގެ ތެޔޮ ނެގުމުގެ މަސައްކަތްކުރާ ސައިޓެއް - ފޮޓޯ: ސީއެންބީސީ

އޭޝިއާގެ 3 ވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ އިންޑިއާއިން ރަޝިއާގެ ތެޔޮ އިމްޕޯޓްކުރި މިންވަރު މިދިޔަ އަހަރު އެކަނި 10 ގުނަ އިތުރުވެފައިވާ ކަމަށް ބޭންކް އޮފް ބަރޯޑާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިންޑިއާގެ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބޭންކް އޮފް ބަރޯޑާގެ ތަފާސް ހިސާބުތަކުން ދައްކައިފައިވާ ގޮތުގައި 2021 ވަނަ އަހަރު ރަޝިޔާގެ ތެޔޮ އިމްޕޯޓުކޮށްގެން އިންޑިއާއިން ވަނީ ފަސް ބިލިއަން އެމެރިކާ ޑޮލަރާއި ގާތްކުރާ އަދަދެއް ސަލާމަތްކޮށްފައެވެ. ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިޔާއާއި ދެކޮޅަށް ހުޅަނގުން ތަފާތު ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާއިރު ރަޝިޔާއިން އަންނަނީ އިންޑިއާއަށް ޑިސްކައުންޓް ރޭޓެއްގައި ތެޔޮ ވިއްކަމުންނެވެ. މީގެ އިތުރުން ޗައިނާއަކީވެސް އެޤައުމުން ޑިސްކައުންޓް އަގެއްގައި ތެޔޮ ވިއްކަމުން އަންނަ އެއް ޤައުމެވެ.

ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއިން ތެޔޮ ގަތުން މަދުކޮށްފައިވާ ދަނޑިވަޅެއްގައި އިންޑިއާއިން ރަޝިޔާއިން ތެޔޮ ގަތުމުގެ ސަބަބުން މިދިޔަ އަހަރު އެޤައުމުން ތެޔޮ ޓަނަކަށް ގާތްގަނޑަކަށް 89 އެމެރިކާ ޑޮލަރު ސަލާމަތްވެފައިވާ ކަމަށްވެސް ބޭންކް އޮފް ބަރޯޑާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިހާރު ރަޝިޔާއިން އިންޑިއާއަށް އެތެރެކުރާ ސާފުނުކުރާ ތެލުގެ އަދަދު 20 އިންސައްތައިގައި ހުރި އިރު 2021 ވަނަ އަހަރު އެޤައުމުން ރަޝިޔާއިން އެތެރެކޮށްފައިވާ ސާފު ނުކުރާ ތެލުގެ އިންސައްތައަކީ ޖުމުލަ 2 އިންސައްތައެވެ.

އިންޑިއާއިން ޔޫކްރެއިން އަދި ރަޝިޔާ މައްސަލައިގައި ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަބާވުމަށް ދެކޮޅު ހަދައި އެޤައުމުން ތެޔޮ އެތެރެކުރަމުން އަންނަ އިރު ހުޅަނގުގެ ގިނަ ޤައުމުތަކުން ރަޝިޔާ ޔޫކްރެއިން މައްސަލައިގައި ރަޝިޔާއާއި ދެކޮޅަށް ބަސްބުނެ ރަޝިޔާ ކުށްވެރިކޮށްފައިވާއިރު އިންޑިއާއިން އެކަން ފާޅުގައި ކުށްވެރިކޮށްފައެއް ނުވެއެވެ.