English Edition
Dhivehi Edition

ޕަޑެލް ޓެނިސް ކޯޓެއް ސައި ލެގޫން މޯލްޑިވްސްގައި ހުޅުވައިފިއެވެ.

އިއްޔެ ހަވީރު އެ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޯޓު ހުޅުވައިދެއްވެވީ ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބްރެޒިލްގެ ރަންޖީލުގެ ކާމިޔާބު ގޯލްކީޕަރު ނެލްސަން ޑީޑާގެ އިތުރުން 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އިޓަލީއަށް ކާމިޔާބުކޮށްދިން ޓީމުގެ މުހިންމު ކުޅުންތެރިޔާ ޖިއަން ލޫކާ ޒަމްބްރޯޓާ ބައިވެރިވިއެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ނަބާ ނިޝާން ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.

ކޯޓު ހުޅުއްވައިދެއްވުމަށްފަހު ވަޒީރު މި ކޯޓުގައި ކުޅުއްވިއިރު، ޑީޑާ އާއި ޒަމްބްރޯޓާވެސް ވަނީ ބައިވެރިވެފައެވެ.

ސައި ލެގޫން މޯލްޑިވްސް އިން ބުނީ މިއީ ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ފުޅާކުރުމުގައި އެތަނުގެ މެނޭޖުމަންޓުން އިސްނަގައިގެން އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މި ކޯޓު ހުޅުވިގެން ދިއުމުން ދިވެހިންނަށާއި ފަތުރުވެރިންނަށް ރާއްޖޭގައި ޕަޑެލް ޓެނިސް ތަޖުރިބާކޮށްލުމުގެ ފުރުސަތު މިއަދުން ފެށިގެން މި ހުޅުވުނީ ކަމަށް އެ ރިސޯޓުގެ މެނޭޖްމަންޓުން ބުނެއެވެ.

ރާއްޖެއިން ބޭރު ތަކެތި ގެނެސް ގާތްގަނޑަކަށް މަސްދުވަހުން ރާވާ ނިންމާލި މި ކޯޓަކީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް ބާރު އަޅާ، ރާއްޖޭގައި ކުޅިވަރު ތަރައްގީކުރުމަށް އެއްބާރުލުން ދިނުމުގެ އިތުރުން ފަތުރުވެރިކަން ކުރިއެރުވުމުގެ މަގުސަދުގައި ކުރެވުނު މަސައްކަތެއްކަމަށް މެނޭޖްމަންޓުން ފާހަގަކުރެއްވިއެވެ.

ޕަޑެލް ޓެނިހަކީ މިހާރު ދުނިޔޭގައި ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރެކެވެ.

1 ކޮމެންޓް
ރަބަތު
މާޗް 12, 2025
ރާއްޖޭގެ ފުރަތަމަ 10 ކޯޓްތެރޭ ހިމެނުނަސް ރަނގަޅު. އަހަރެން އުޅޭ ރިސޯޓް ޕެޑަލް ޓެނިސް ކޯޓް ނިންމާ ބޭނުން ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ. ޗަންޕާގެ ގިނަ ރިސޯޓް ތަކުގައި ތީގެ ކޯޓް ހުރޭ