ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖެ ނާދެވި ތިބި 6 ދަރިވަރުންނާއި އާއިލާ 3 މެންބަރުން މިއަދު ރާއްޖެ އަންނާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ޔޫކްރެއިނުން ނިކުތް 9 ދިވެހިން މިއަދު ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެފަރާތްތަކުން ރާއްޖެއައުމަށް މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ.
ބެލަރުސް އާއި ރަޝިޔާގައި ތިބި ދިވެހި ކިޔަވާކުދިންގެ ތެރެއިން އެނބުރި އަންނަން ބޭނުންވާ ކުދިންނަށް ސަރުކާރުގެ ޚަރަދުގައި އެނބުރި އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެގޮތުން 6 ދަރިވަރަކު ރާއްޖެ ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މި ހަފްތާ ތެރޭ އެދަރިވަރުން ރާއްޖެ އަންނާނެ ކަމަށް ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ޔޫކްރައިންގައި ތިބި ހުރިހާ ދިވެހިން ރައްކާތެރިކަމާއެކު އެ ގައުމުން ބޭރުވެފައިވާ ކަމަށާއި ރަޝިއާގައި 88 ދަރިވަރުން އަދި ބެލަރޫސްގައި 137 ދަރިވަރުން އެބަތިބި ކަމަށެވެ.
އޭގެ ތެރެއިން ބެލަރޫސްގައި ކިޔަވަމުންދާ 11 ދަރިވަރަކު ރާއްޖެ އައުމަށް އެހީތެރިކަމަށް އެދިފައިވާ ކަމަށާއި އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރަޝިއާ – ޔޫކްރައިން ހަނގުރާމަ ފެށިފަހުން ރާއްޖެއަށް 29 ދަރިވަރަކު މިހައިތަނަށް ވަނީ އައިސްފައެވެ.