English Edition
Dhivehi Edition
2019: ސަލްމާން މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: ހުސައިން ވަހީދު (މިހާރު)

މިއަހަރުގެ ރަމަޟާންމަހަށް ސަލްމާން މިސްކިތް ހުޅުވޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި އަހަރުގެ ރޯދަ މަހު ސަލްމާން މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް، މީގެ ކުރިންވެސް ސަރުކާރުންވަނީ ގިނަ ތާރީހުތަކެއް ދީފައެވެ، އެހެންނަމަވެސް އެކި ސަބަބުތަކާ ހެދި މިސްކިތް ހުޅުވޭ ގޮތް އަދި ވަނީ ނުވެފައެވެެ.

ފަންސަވީސް މިލިއަން ޑޮލަރު ހަރަދުކޮށްގެން އިމާރާތް ކޮށްފައިވާ މި މިސްކިތް އެޅުމަށް ސައުދީ ސަރުކާރުން ވަނީ 14.5 މިލިއަން ޑޮލަރުދީފައެވެ. މި މިސްކިތަށް ބޭނުންވާ ބާކީ ފައިސާ ހަރަދުކުރީ ސަރުކާރުންނެވެ.

ޒަމާނީ ފެންވަރަށް ހަދާފައިވާ މި މިސްކިތުގެ ފުރަތަމަ ދެ ފްލޯގައި 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. މީގެ އިތުރުން މި މިސްކިތުގައި ހަތަރު ކްލާސްރޫމް ހުންނައިރު ލައިބްރަރީއެއް ގެ އިތުރުން 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެއެވެ.އަދި ސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއްވެސް ވަނީ ގާއިމުކޮށްފައެވެ.

ސަލްމާން މިސްކިތް ނިމިފައި ހުންނަތާ މިހާރު ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި މިސްކިތް ހުޅުވުން ލަސްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއްވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.