English Edition
Dhivehi Edition
ފޮޓޯ: ދުވަސް

ސަލްމާން މިސްކިތުގައި ނަމާދުކުރަން ޢާންމުކޮށް ހުޅުވާލައިފިއެވެ.

އެ މިސްކިތުގައި ނަމާދުކުރަން ޢާންމުކޮށް ހުޅުވާލާފައިވަނީ މިއަދުގެ ހުކުރު ނަމާދާއެކުގައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ސައުދީ ސަރުކާރުގެ އެހީގައި ބިނާކުރި ކިންގް ސަލްމާން މިސްކިތް ނުވަތަ މަސްޖިދު ސަލްމާންގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ބޮޑު ޖަމާޢަތުގައި ކޮށްދެއްވީ، ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސެއިނެވެ.

މިއަދުގެ ހުކުރު ނަމާދަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރާއި ގިނަ ޢަދަދެއްގެ ޢާންމުންވަނީ ގޮސްފައެވެ.

ސަލްމާން މިސްކިތުގެ އިމާމެއްގެ ގޮތުގައި އިސްލާމީ މަރުކަޒުގެ އިމާމެއްގެގޮތުގައި މަސައްކަތްކުރައްވާ ބ. ކެންދޫ އެއްގަމުގޭ އައްޝައިޚް ނަޞްރުﷲ ޢަލީއެވެ. ނަޞްރުﷲ އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އިސްލާމިކް ޝާރީއާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

އާއްމުކޮށް މިސްކިތް ހުޅުވާލިނަމަވެސް ރަސްމީކޮށް މަސްޖިދު ސަލްމާން ހުޅުވާނެ ވަކި ތާރީޚެއް އަދިހާމައެއް ނުކުރެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު އަލީ ކުރިން ވިދާޅުވެފައިވަނީ މިސްކިތް ރަސްމީކޮށް ހުޅުވައިދިނުމަށް ސަޢުދީ ސަރުކާރުގެ ޚާއްސަ ވަފުދެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަސްޖިދު ސަލްމާން ރަސްމީކޮށް ނުހުޅުވި ނަމަވެސް، މިސްކިތުގައި ހުރިހާ ވަގުތެއްގައިވެސް ނަމާދުކުރުން ކުރިއަށްދާނެއެވެ. އަދި ރަމަޟާންމަހު ތަރާވީހު ނަމާދާއި ދަމުނަމާދުކުރުން ވެސް އޮންނާނެއެވެ.