English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް

ކިންގް ސަލްމާން މިސްކިތުގައި މިއަދު ނަމާދުކުރަން ފަށާއިރު، ހުކުރު ޚުތުބާ ދެއްވާ އިމާމުވެ ނަމާދު ކުރައްވާނީ ޝައިޚް އިލްޔާސް ޙުސައިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ އެ މިސްކިތުގެ އިމާމެއްގެ ގޮތުގައި އިސްލާމީ މަރުކަޒުގެ އިމާމެއްގެ ގޮތުގައި ހުންނެވި ބ. ކެންދޫ އެއްގަމުގޭ ނަސްރުﷲ އަލީ ހަމަޖައްސާފައިވާ ކަމަށެވެ.

މިސްރުގެ އަޒްހަރު ޔުނިވަސިޓީން، އިސްލާމިކް ޝަރީއާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ ނަސްރުﷲ އަލީ އިސްލާމީ މަރުކަޒުގެ އިމާމެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 8 އެޕްރީލް 2019ގައެވެ.

ކިންގް ސަލްމާން މިސްކިތަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި އިމާރާތް ކޮށްފައިވާ މިސްކިތެކެވެ.

ދިހަހާސް މީހުންގެ ޖާގައިގެ މި މިސްކިތުގައި ހަ ފަންގިފިލާ ހުރިއިރު، ސަލްމާން މިސްކިތް އަޅާފައިވަނީ 25 މިލިއަން ޑޮލަރު ޚަރަދުކޮށްގެންނެވެ.

އެ މިސްކިތުގައި ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި ޤުރްއާން ކިޔަވައިދޭ ސެންޓަރަކާއި ސެމިނަރ ހޯލްތަކާއި ކްލާސްރޫމްތައް ހިމެނެއެވެ.

ކިންގް ސަލްމާން މިސްކިތުގައި މިއަދުން ފެށިގެން ހުރިހާ ވަގުތެއްގައި ވެސް ނަމާދުކޮށް، ތަރާވީހު ނަމާދާއި ދަމުނަމާދު ވެސް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މި މިސްކިތުގައި މިއަދު ނަމާދުކުރަން ފެށިނަމަވެސް ރަސްމީކޮށް ހުޅުވާނެ ތާރީޚެއް އަދިނޭނގެއެވެ. އެއީ ސަޢުދީ ސަރުކާރުގެ އިސްބޭފުޅުން އެ ރަސްމިއްޔާތަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާތީއެވެ.