English Edition
Dhivehi Edition

މާލޭގައި އިމާރާތް ކުރަމުންދާ ކިންގް ސަލްމާން މިސްކިތް ޖުލައި 31 އަށް ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ. މިއީ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތްކުރާ މިސްކިތެކެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ މިސްކިތުގެ މަސައްކަތް މަޑުޖެހުމަށް ފަހު، މިހާރު އަލުން ފަށާފައިވާ ކަމަށާއި އަންނަ ޖުލައި މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާކަމެވެ.މި މިސްކިތް ކުރިން ކަނޑައެޅި ތާރީޚުތަކަށް ނުނިމުނީ އެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ތުރުކީގެ ކުންފުންޏަށް ފައިސާ ލިބުން ލަސްވެގެންނެވެ. އެ މިސްކިތުގެ މަސައްކަތް މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަޑުޖެހުނެވެ.

މިސްކިތުގެ މަސައްކަތް އަލުން ފެށުމަށް ފަހު އިސްލާމިކް މިިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިދިޔަ އޭޕްރިލް މަހު ވިދާޅުވެފައި ވަނީ ޖުލައި މަހު މިސްކިތް ހުޅުވޭ ވަރު ވާނެ ކަމަށް ތުރުކީގެ ކުންފުނި އޭރު އެންގި ކަމަށެވެ.
ނަމަވެސް ފައިސާ ލިބުން ލަސްވެއްޖެ ނަމަ އަނެއްކާ ވެސް މަސައްކަތް މަޑުޖެހުން އެކަށީގެންވާ ކަމަށް މިނިސްޓަރު އޭރު ވެސް ވިދާޅުވި އެވެ.