ކިންގް ސަލްމާން މިސްކިތް ރޯދަ މަހަށް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ފައިސާ ހަމަޖައްސާފައިވާކަމަށާއި ވަރަށް އަވަހަށް އެ ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ..
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް ނިންމިތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް އެ މިސްކިތް ހުޅުވާފައިނުވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް މި ސަރުކާރަށް ފާޑުކިޔާފައެވެ.
އެކި ސަބަބުތަކާއި ހެދި މި މިސްކިތް ހުޅުވުން ލަސްވެފައިވާއިރު، މިދިޔަ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވަނީ ސަލްމާން މިސްކިތް ހުޅުވަން ހިނގާ ޚަރަދުތައް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ސިޓީއަށް ފޮނުއްވާފައެވެ. އެ ސިޓީގައި ވަނީ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވައި ބޭނުންކުރުން ލަސްވަމުންދާތީ އާންމު ރައްޔިތުންގެ ގިނަގުނަ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާކަން ފާހަގަކޮށްފައެވެ.
އެ މިސްކިތަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމަންޓްސް ނުލިބޭތީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގައި ވެސް ގިނަގުނަ ދަތިތައް ކުރިމަތިވާކަން މި ސިޓީގައިވަނީ ބަޔާންކޮށްފައެވެއެކަމަށް ބޭނުންވާ ތަކެތި ގަތުމަށް ދެ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ދޭނެ ކަމަށް ފޮރިން މިނިސްޓްރީން އަންގާފައިވާކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ. އެހެންކަމުން އިސްލާމިކް މިނިސްޓަރު ވަނީ މިސްކިތަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް ދައުލަތުގެ ބަޖެޓުން އެ ފައިސާ ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައެވެ.
ކިންގް ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރު ގެނައުމުގެ ޕްރޮޖެކްޓަށް ހުށަހަޅައިފައިވާ ކޯޓޭޝަންގެ އަގަކީ 1.6 މިލިއަން އެމެރިކާ ޑޮލަރެވެ. ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ނުގެންދެވިއްޖެނަމަ ރަމަޟާންމަހަށް އެ މިސްކިތް ނުހުޅުވި ލަސްވެދާނެކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ،
އިސްލާމިކް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ފައިސާ ދޫކުރުމަށް ރައީސް އޮފީހުން، ފިނޭންސްގައި އެދިފައިވާއިރު އެ މިިނިސްޓްރީން ބުނީ ރޯދަ މަހަށް ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ފައިސާ ހަމަޖައްސާފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ފައިސާ ދޫކުރާނެކަމަށެވެ.