އައްޑޫސިޓީގެ މަގާ ކައިރިން ގޭގޭގައި ހެދިފައިހުރި އަނބު ގަސްތަކުގައި މާއަޅާފައިވަނިކޮށް ސިޓީ ކައުންސިލުން، އެގަސްތައް ކޮށަމުންދާތީ، ރައްޔިތުން ކަންބޮޑުވުންފާޅުކޮށް ޝަކުވާ ކުރަމުން އެބަދެއެވެ.
އައްޑޫސިޓީގެ ގުޅިފައިވާ 4 ރަށުގައިވެސް މަގުތަކާއި ކައިރިން ގޭގޭގައި ގިނަ ޢަދަދަކަށް އަނބުގަސް ހައްދާފައި ވާއިރު މިދުވަސްވަރު މީގެތެރެއިން ގިނަ ގަސްތައްވަނީ މާއަޅާފުރިފައެވެ. މިއީ އަނބު ނައަޅާތާވެސް ގިނަ ދުވަސްތަކެއްވެދިޔަ ފަހުން މާއެޅި ފަހަރަށް ވެފައި އަދި ކުރިއަށް އޮތް ރަމަޟާން މަހާވެސް ދިމާވާގޮތަށް އަނބު މޫސުން އައި ދުވަސްވަރަށް ވުމުން ރައްޔިތުންދަނީ މިކަމާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.
މިކަމާގުޅޭގޮތުން މީސްމީޑިއާގައިވެސް ދަނީ ގިނަބަޔަކު ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ގަސްކޮށާ މަންޒަރުގެ ވީޑިއޯ ޕޯސްޓްކޮށް ޢާންމުންދަނީ، ރަށުގެ ރީތިކަމާއި ފެހިކަން ގެއްލޭގޮތަށް ރަށުގައި ހެދިފައިވާ ގަސްތައް ގޮށާ ތިރިކުރަމުންދާތީ އެކަމުގެ މުހިންމު ކަމާމެދު ސުވާލު އުފައްދައި، އައްޑޫ ޕްރޮމޯޓް ކުރުމަށް ކަމަށްބުނެ ކައުންސިލުން ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އައްޑޫގައި އަނބުގަސް އެންމެ ގިނަ އެއްރަށްކަމަށްވާ ފޭދޫގެ ރައްޔިތަކުބުނީ މަގަށްވާގޮތަށް ހުރި ގޮފިތައް ކޮށިއަސް އެއީ މައްސަލައެއް ނޫންކަމަށާއި މައްސަލައަކަށް މިކަންވީ މަގަށް ނައަރާ ބޮޑެތި ގޮފިވެސް ކޮށާތިރިކުރަމުންދާތީ ކަމަށެވެ.
“ހަމަ ސީދާ ޖެއްސުމަށް ކުރަމުންދާ ކަމެއްމީ. ރައްޔިތުންނަށް އަނިޔާ މިދިނީ ރަމަޟާން ރޯދަމަހަކާ ދިމާކޮށް”. ވަރަށް ބޮޑަށް ޝުކުރިއްޔާ އައްޑޫސިޓީ ކައުންސިލް. އާއްމު ރައްޔިތެއް.
ސިޓީ ކައުންސިލްގެ މި ޢަމަލާމެދު އަނބުގަސްތަކުގެ ވެރިންތިބީ ވަރަށްބޮޑަށް ނުރުހިފައެވެ. އަނބު ވިއްކައިގެން އައްޑޫއަށް ބޮޑު އާމްދަނީއެއްވެސް ވަންނަ މި ގަސްތައް ކަނޑަމުންދާ މައްސަލައާއި ގުޅިގެން އޭއޯނިއުސްއާއި ވާހަކަ ދައްކަވަމުން އައްޑޫސިޓީ ކައުންސިލްގެ ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރ އައިމިނަތު ސަލްމާ ވިދާޅުވީ މިއީ ވަކި މޫސުމަކަށް އަމާޒު ކޮށް ކުރި ކަމެއްނޫންކަމަށާއި ގަސްކޮށަން ގޭގެއަށް އެންގިތާވެސް ގިނަ ދުވަސްތަކެއް ކުރުމަށް ފަހު މަގުން ދުއްވާ ވެހިކަލްތަކަށް ގެއްލުންވެ އެކަމުގެ ޝަކުވާ އިތުރު ވަމުންދާތީ ނިންމި ނިންމުމެއް ކަމަށެވެ.
ކައުންސިލުން މިގޮތަށް ނިންމީ މަގަށް އަލިނުވެގެން މިސްކިތަށްދާ ޢުމުރުން ދުވަސްވީ މީހުން ގެ ޝަކުވާތަކާއި، މަގު ހިނގާ މީހުން ގެ ގިނަ ޝަކުވާތަކެއް ލިބުމުގެ އިތުރަށް މަގުތަކުގައި ދުއްވާ ބަހާއި ބޮޑެތި ވެހިކަލްތަކަށް ގެއްލުންވެ ދުއްވަން އުނދަގޫވެގެން ޝަކުވާ ކުރަމުން ދާތީ”
ސަލްމާ ވިދާޅުވީ ގަސްކޮށާ ވެހިކަލްތައް ހަލާކުވެފައިވާތީ އެކަން ނުކުރެވި އޮތްތާވެސް 2 މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާ ކަމަށާއި މަގަށް ވާގޮތަށް ހުންނަ ގޮފިތައް މީގެކުރިންވެސް ކަނޑާ ކަމަށެވެ. އެހެންނަމަވެސް މިއަދު ގަސްކަނޑަމުންދާ ގޮތުގެ ބައެއް ޝަކުވާތައް ކައުންސިލަށް ލިބުމުން ބެލިބެލުމުން އަންގާފައިވާވަރަށްވުރެ ބޮޑަށް ބައެއް ގަސް ކޮށާފައިކަން ފާހަގަ ކުރެއްވުނު ކަމަށެވެ.
” އަޅުގަނޑުމެން އަންގާފައިވާނީ ވެހިކަލްތަކަށް އުނދަގޫ ނުވާވަރަށާއި އަދި ލައިޓްތަކުގެ އަލި މަގަށް އެޅޭ ވަރަށް ކޮށުމަށް. އެހެންކަމަވެސް އެއަށްވުރެ ބޮޑަށް ކޮށާފައިވާތަން ފެނިގެން އެކަން ސަމާލުކަމަށް އައި.އެކަން މިހާރުވާނީ މަސައްކަތްކުރާ މުވައްޒަފުންނަށް އެންގިފައި. އަދިވެސް މަގަށްވާގޮތަށް ހުރި ގަސްތައް ކަނޑަމުންދާނެ. މިއީ ހަމަ ރައްޔިތުންގެ ޝަކުވާތަކަށް ބަލައި ނުރައްކަލެއް ކުރިމަތިވުމުގެ ކުރިން އަޅާ ފިޔަވަޅެއް. ”
ސަލްމާ އެދިލެއްވީ ރައްޔިތުން މިކަމަށް އެއްބާރުލުން ދެއްވައިގެން ރަށުގެ މަގުތައް އަމާންތަނަކަށް ހަދައި ދިނުމަށެވެ.
އައްޑޫސިޓީގެ އެންމެ ބިޔަ ގަސް ގިނަ އެއްރަށުގެ ގޮތުގައި ފާހަގަ ކުރެވޭ ގަމުގައި ހުރި ގަސްތައްވެސް ވަނީ މީގެ ކުރިން ކޮށާ ހުސްކޮށްފައެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ގަން އެއަރޕޯޓް ތަރައްޤީ ކުރުމަށް އިންޑިއާގެ ރެނާޓަސް ކުންފުންޏާއި ޙަވާލުކޮށްގެން ކުރަމުންދާ އެމަސައްކަތުގެ ތެރެއިން އެތަނުގައި ހުރި އެތައް ސަތޭކަ އަހަރެއްވީ ބިޔަ ގަސްތައް ކެނޑުމުގެ ޝަކުވާ އަދިވެސް ރައްޔިތުން ހުއްޓުމެއްނެތި ކުރަމުން ގެންދެއެވެ.
އައްޑޫ މާމެންދޫ ރުށްފަށާ ސަރަހައްދުގައި ހުރި ރުށް ނެގުމަކީ ވެސް ރައްޔިތުން މިގޮތަށް އަޑު އުފުލި އެއް ކަންތަކެވެ. އެކަމަށް ޙައްލު ގެނައުމަށްޓަކައި ކައުންސިލުން ވަނީ އެސަރަޙައްދުގައި ކަދުރު ރުއް އިންދާފައެވެ.