English Edition
Dhivehi Edition
ފޮޓޯ: އަލް ޖަޒީރާ

ޔޫކްރޭއިންގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޔޫކްރެއިންގައި ދިރިއުޅޭ ދިވެހިން ރާއްޖެއަށް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެން ފޮރިން މިނިސްޓްރީން ފަށާފައިވާކަމަށެވެ.

ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ރާއްޖެ އައުމުގައި އެހީތެރިވެދެމުން އަންނައިރު ދަރިވަރުން ބޭނުންވާ ނަމައެމީހުންނަށް މާލީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ.

އިތުރަށް މިއުވާން ވިދާޅުވީ ޔޫކްރެއިނާއި ރާއްޖެއާ ދެމެދު ކޮމާޝަލް ފްލައިޓުތައް ބާއްވާއިރު، އެ ފްލައިޓުތަކުން ދަރިވަރުން ރާއްޖެ އައުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި މިކަމާއި ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަކުރާނެކަމަށެވެ.

ޔޫކްރެއިން އާއި ރަޝިޔާގެ ހަމަނުޖެހުންތައް ބޮޑުވެ ހަނގުރާމައެއް ފެށިދާނެކަމުގެ ކޮޅުމަތި ފެންނަމުން އަންނައިރު، މި ދަނޑިވަޅު ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.