ސަރުކާރުން މަސައްކަތްކުރަމުންދަނީ ހުޅުމީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަަށް ގެންދިއުމުގެ ވިސްނުމުގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއެޖެ
ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި އައްޑޫ މީދޫ ދާއިރާގެ ތަރައްޤީއަށް ކުރިއަށް ގެންދާ މަޝްރޫއުތަކާއި ގުޅޭ ގޮތުން ރޮޒައިނާ ވިދާޅުވީ ސިއްހީ މަރުކަޒު އެކްސްޓެންޑް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ އިތުރު ތަންތަން އަޅާ ހޮސްޕިޓަލެއްގެ ފެންވަރަަށް ހުޅުމީދޫ ސިއްހީ މަރުކަޒު ގެންދިއުމުގެ ވިސްނުމުގައި ކަމަށެވެ. އަދި މީގެ ކުރިން ލޭގެ ޓެސްޓްތައް ހެދުމަށް ހިތަދޫއަށް ދާންޖެހޭ މައްސަލަ މިހާރު ހައްލުކުރެވިފައިވާކަމަށާއި، ހުޅުމީދޫ ސިއްހީ މަރުކަޒުން ސާމްޕަލް ނަގާ ފޮނުވުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
2019 ވަނަ އަހަރު ދާއިރާއަށް ކޮށްދެއްވާނެކަމަށް ވައުދުވެ ވަޑައިގަތް ކަންކަމުގެ ތެރެއިން މިހާތަނަށް ހާސިލްވި ކަންތައްތަކުގެ މައުލޫމާތު ހިއްސާކުރަމުން ރޮޒައިނާ ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅިފައިވަނީ އެއް ކަންތައްތަކެއް ކަމަށެވެ. މި ގޮތުން އޭރު ރައްޔިތުންގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކީ ބަނދަރު ހަލާކުވެ ރަށާއެކު ގިރަން ފަށާފައިވާ މައްސަލަކަމަށެވެ.
އެކަން ހައްލުކުރުމަށް އެކިފަހަރު މަތިން ބަޖެޓްގައި ޖަހާފައިވާކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ އެހެންނަމަވެސް އެކަން ރައީސް ޔާމީންގެ ސަރުކާރުގައި ކޮށްދީފައިނުވާކަމަށެވެ. އެހެންކަމުން ފުރަތަމަ ރައްޔިތުން އެންމެ ފުރަތަމަވެސް ކުރިއަށް ގެންދަންވި މަސައްކަތަކީ އެއީ ކަމަށާއި މި ސަރުކާރުން އެ ދާއިރާގައި ފުރަތަމަ ކުރިއަށް ގެންދިޔަ މަޝްރޫއަކީވެސް އެއީ ކަމަށެވެ. އަދި މިހާރު އެ ބަނދަރު ޒަމާނީ ފެންވަރަށް ހަދާފައިވާކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ މިހާރުގެ ބަނދަރަކީ ކުރީގެ ބަނދަރަށްވުރެ ބޮޑު ބަނދަރެއްކަމަށެވެ. އެ މަޝްރޫއު ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވިފައިވާކަން ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މީދޫގެ ތަރައްޤީއާއި ގުޅޭ އިތުރު މަޝްރޫއުތަކުގެ ތަފްސީލު ދެއްވަމުން ރޮޒައިނާ ވިދާލުވީ މީދޫ ބަހާއުއްދީން މަގު ޒަމާނީ ފެންވަަރަށް ތާރުއެޅި ނިމިފައިވާކަމަށާއި ސްކޫލްގެ އިތުރު އެއް އިމާރާތް ހަދާ ނިމި ދެވަނަ އިމާރާތުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށެވެ، މީގެ އިތުރުން މީދޫ ސުވިމިން ޓްރެކްގެ މަސައްކަތް ނިމިފައިވާ ކަމަށާއި މީދޫ ފުޓްސަލް ދަނޑުޑުގެ މަސައްކަތް ކުރިއަށްދާކަމަށް ރޮޒައިނާ ވިދާލުވިއެވެ. އަދި މީދޫ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އާއި މިސްކިތް ބިޑްކުރެވިފައިވާއިރު ފެނަކައަށް އާ އިންޖީނު ތައް ގެނެވި، އާ އިންޖީނުގެ އިމާރާތްކުރުމަށް ބިން ލިބި ސާފުކުރުމުގެ މަސައްކަތް މި މަސްތެރޭ ފެށިގެންދާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.