އާދިއްތަ ދުވަހު އޮން ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދާއިރަގެ އިންތިހާބުައި އައްޑޫ މީދޫ ދާއިރާގެ ވޯޓު 37 ޕަސަންޓު އެ ދާއިރާގެ ސަރުކާރު ކެނޑިޑޭޓު އުސްތާޛު އިޔާޒު ނަސީމް ކާމިޔާބު ކުރާނެކަމަށް އެ ދާއިރާގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ހާމަވެއްޖެއެއެވެ.
ވޯޓުގެ ނަތީޖާތައް ދައްކާގޮތުން ޕީއެންސީ ޓިކެޓުގައި ވާދަކުރާ އިޔާޒު ނަސީމު 37 ޕަސަންޓުން ކާމިޔާބުކުރާއިރު, އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓަށް ލިބެނީ 32 ޕަސަންޓެވެ. އަދި އަމިއްލަ އެއް ކެނޑިޑޭޓަށް 29 ޕަސަންޓު ލިބޭއިރު ދެ ވަނަ އަމިއްލަ ކެނޑިޑޭޓަށް ލިބެނީ 1.2 ޕަސަންޓެވެ.
އަރަބި ބަހުން ވާހަކަ ދައްކަން ފަރިތަކުރުމުގެ ގޮތުން އޮމާނުން ތަމްރީނު އިޔާޒު ހޯއްދަވާފައިވެއެވެ. އަދި އެވިޑް ކޮލެޖުން މާސްޓަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް ފުރިހަމަ ކުރިއެވެ. އަދި އަރަބި ބަހުގެ ދާއިރާއިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓާޒް ޑިގްރީ ހާސިލުކުރިއެވެ. މިވަގުތު އިޔާޒު ދަނީ ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރުމަށް ކިޔަވަން ޖެހޭ މޮޑިއުލްތައް ނިންމައި ތީސީސްގެ މަސައްކަތް ކުރަމުންނެވެ. އިޔާޒު ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސީޓީއާއި ދިވެހިރާއަޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިތުރުން މަންދުކޮލެޖާއި އެވިޑް ކޮލެޖުގައި ލެކްޗަރަރއެއްގެ ގޮތުން ތަފާތު އެތައް މާއްދާއެއް ކިޔަވައިދީފައެވެ. ވަކީން ޚާއްސަކޮށް ގާނޫނީ ދާއިރާގެ ކޯސްތަކުގައި ބަހުގެ މާއްދާތަކާއި ކްރިޓިކަލް ތިންކިންގ ފަދަ މާއްދާތައް ކިޔަވައިދީފައިވެއެވެ. ބަހުގެ ދާއިރާއިން އިޔާޒު ވަނީ މިހާތަނަށް 32 ފޮތް ޝާއިއުކޮށްފައިވެއެވެ.
އިޔާޒަކީ ދިވެހިބަހާއި ތާރީޚާއި ގައުމިއްޔަތުގެވެސް ޚިދުމަތްތެރިއެކެވެ. ދިވެހިބަހުގެ އެކަޑެމީގެ ބަސް ކޮމިޓީގައި އެތަކެެއް އަހަރު ޚިދުމަތް ކުރިއެވެ. އަދި ދިވެހިބަހުގެ އެކަޑެމީގެ މެންބަރުކަން ވަނީ ކޮަށްފައެވެ. މިހާރުވެސް ގެންދަނީ ކުރަމުންނެވެ. ފަލަކީ އިލްމާއި ބަހުގެ އިލްމާއި ތާރީޚު އިލްމުގެ މައްޗަށް އެތަކެއް ލިޔުމެއް ލިޔެ ޝާއިއުކޮށްފައިވެއެވެ. ރޯދަމަހުގެ ހަނދު ސާބިތުކުރާ ކޮމިޓީގައިވެސް އެތަކެއް އަހަރު ޚިދުމަތްކޮށްފައިވެއެވެ. އިޔާޒު ވަނީ 2004 އިން ފެށިގެން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުންނަށް ސްޕީޗް ލިޔެދިނުމާއި ގާނޫނު ޑްރާފްޓް ކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ގާނޫނީ ވަކީލުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި މިހާތަނަށް ބޭރު ބަހަކުން ދިވެހި ބަހަށް ލަައިވްކޮށް ތަރުޖަމާ ކޮށްދިން ހަމައެކަނި ތަރުޖަމާނަކީ ވެސް އިޔާޒެވެ.
އިޔާޒުގެ ސިޔާސީ ހަރަކާތްތަކަށް ބަލާއިރު 2003 ވަނަ އަހަރުން ފެށިގެން ޑިިމޮކްރަސީގެ ހަރަކާތްތަކުގައި ސިޔާސީ ގޮތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިޔާޒު ވަނީ ސިޔާސީ މައްސަލަތަކުގައި ޖަލުގައި ވެސް ދުވަސްތަކެއް ހޭދަކޮށްފައެވެ. ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ޚުދުމުޚުތާރުކަން ކަނޑުވާލައި ޑިމޮކްރަސީގެ ސިފަތައް އަށަގެންނެވުމުގެ މަސައްކަތުގެ ކުރީކޮޅު އިޔާޒުވަނީ އެ މަސައްކަތުގައި ވަރަށް އިސް އަމަލީ ދައުރެއް އަދާކޮށްފައެވެ. ޖަލުގެ ގޮޅިތަކުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނީ އެގޮތުންނެވެ. ފާހަގަކޮށްލެވޭ އެއްހާދިސާގެ ގޮތުން 2004 ވަނަ އަހަރުގެ ސުނާމީގެ ކާރިސާގެ ވަގުތުވެސް އިޔާޒު ތަޖުރިބާ ކުރީ ދޫނިދޫގައި ހުރެގެންނެވެ. ބޮޑުބޭބެއަކު ނިޔާވެގެން މޫނުދުށުމަށް ސަހަރާއަށް ގެންދިޔައީވެސް ޖަލުން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
އައްޑޫގެ ދެފަޅި ގުޅުވައިދޭ ބްރިޖުގެ މުހިއްމުކަމުގެ މައްޗަށް 2008 ވަނަ އަހަރުން ފެށިގެން އާއްމުން ހޭލުންތެރިކުރުވުމުގެ މަސައްކަތާއި ހުޅުމީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ވަކާލާތު ކުރުމުގަައިވެސް އިޔާޒު ފާހަގަ ކޮށްލެވެއެވެ. މީދޫގެ އެތައް ދަރިވަރަކަށް ރާއްޖެއިން ބޭރުން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު އިޔާޒު ވަނީ ހޯދާދީފައެވެ. އަދި މީދޫގަައި ތިބެގެން ޑިގްރީ ހާސިލްކުރުމަށް އެވިޑް ކޮލެޖުން ފަހިކޮށްދިން ފުރުސަތުތައް ހޯދައިދިނުމަށް އިޔާޒު ކުރީ ފާހަގަ ކޮށްލެވޭ މަސައްކަތްތަކެކެވެ.